ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމަށް މިއަދުން ފެށިގެން އަމަލުކުރަށް ފަށާފައިވާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް ނިކުތުމަށް ނިންމައިފިއެވެ.
މި އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ޓެކްސީ ސެންޓަރުތަކުގެ އިސްބައެއް ފަރާތްތަކުން ބުނާގޮތުގައި "ސްޓިކާ ޖަހަން ފެށީ އެއްވެސް އިންތިޒާމެއްނެތި ކަމަށާއި މާލޭގައި ޕާކުކުރަން އެކަށީގެންވާ ޖާގަ ނެތްއިރު އެ ހާލަތުގައި ސްޓިކާ ޖަހަން ފެށުމަކީ ޓެކްސީ ސެންޓަރުތަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާކިން ޒޯންތަކުގެ ރޮނގުތައް ވެސް ފޮހެވިފައި ވާއިރު، ޕާކުކުރާ ސަރަހައްދެއްކަން އަންގައިދިނުމަށް ޖަހަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ ބޯޑުތައް ވެސް ގިނަ ސަރަހައްދުތަކުގައި ނެތް ކަމަށް އެމީހުން ބުނަމުން ދެއެވެ.
މާދަމާ އެއްވާން ހަމަޖެހިފައިވަނީ ރާޅުގަނޑު ސަރަހައްދަށް ކަމަށާއި އެތަނުން ބޯޑުތަކުގައި ޝުއޫރުތައް ލިޔެގެން މިސްރާބު ޖަހަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކަމަށް މަޢުލޫމާތު ދެއެވެ.
އެމީހުން ބުނާގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ އުޅަނދުތަކުގައި ޖަހާ ސްޓިކާ އަށް އެންމެ ފުރަތަމަ ނަގާނީ 250ރ ކަމަށާއި އަދި ދެ ވަނަ ފަހަރަށް ޖަހާ ސްޓިކާ އަށް 500ރ ނަގާއިރު އިތުރަށް ޖަހާ ކޮންމެ ސްޓިކާއަކަށް 750ރ ނަގާނެ ކަމަށެވެ.
ސްޓިކާ ޖަހަން ފަށާއިރު، ޕާކުކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމަށް އެމީހުން ގޮވާލައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...