ރ.އުގޫފާރު ނީލްވިލާ މުހައްމަދު މޫސާ އާއި ޒުލްފާ ހުސެންގެ އެންމެ ހަގު ދަރިފުޅު 8 އަހަރުގެ ފާތުމަތު ހަނާންއަކީ ދުނިޔެއަށް އުފަން ވިރުވެސް ނުކުޅެދޭ ކުއްޖެކެވެ. އާއިލާގެ ގާތް އެކުވެރިއެއްކަމުގައި ވާ މުޙައްމަދު އަމްޖަދު ދިއިސްލަމްއަށް މަޢުލޫމާތު ދިންގޮތުގައި ހަނާންއަކީ އުފެދުމުގައި ސިކުންޑީގެ އުނިކަމެއް ހުރި ކުއްޖެކެވެ. އަދި ދުނިޔެއަށް އުފަންވިރުވެސް އާއްމުކޮށް ހުންނަން ޖެހޭވަރަށް ވުރެއް ބަރުދަން ލުއިކަމަށާއި މިކަމުގެ ސަބަބުން ހަނާންވެފައި ވަނީ އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހްރޫމްވެފައި ވާ ކުއްޖަކަށެވެ. އަދި ކާން ދަތިވުމުގެ ސަބަބުން ހަށިގަނޑު އަނަރޫފަވެ ހިގަން މަސައްކަތް ކުރުމުން ހަށިގަނޑު ތުރުތުރު އަޅައި ވެއްޓޭ ގޮތް ދިމާވެއެވެ.
ހަނާން ރަނގަޅު ކުރުމަށްޓާކައި އާއިލާއިން ނުހަނު ގިނަ މަސައްކަތް ތަކެއް ކުރިއެވެ. އެގޮތުން މާލޭއިންނާއި އިންޑިޔާއިން ބޭސްފަރުވާކުރިއެވެ. އާސަންދާއިން ވެސް އެހީއަށް އެދުނެވެ. ނަމަވެސް އާސަންދާއިން ކަނޑައަޅާއިވައިވާ ކެޓަގަރީގައި ނުހިމެނޭތީ ވަނީ އެހީ ނުލުބިފައެވެ. އާއިލާގެ މެންބަރުންނާއި ގާތް ރަޙްމަތްތެރިންނާއި އަދި ދީލަތި ފަރާތްތަކުގެ އެހީ ގައި ހަނާން ވަނީ އިންޑިޔާއަށް ގޮސް ޓެސްޓުތަކެއް ހަދާފައެވެ. ނަތީޖާ ދައްކާ ގޮތުގައި ހަނާންގެ ސިކުޑީގައި ބައެއް މަދު ވުމާއި އަދި ފައިގެ ނާރުތަކުގައި ގޮތް ޖެހިފައި ހުރުމުން ހިންގަން ދަތިވާކަމުގައި ޑޮކްޓަރ ވިދާޅުވިއެވެ. މުޅިން ރަނގަޅު ނުވިއަސް ވަރަށް ބޮޑުތަން ރަނގަޅު ކުރެވޭނެކަމަށާއި ނާރުގެ އޮޕަރޭޝަން ކުރުމުން ހިންގޭނަކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ވަރަށް ދިގުމުއްދަތަކަށް ބޭސް ކުރަން ޖެހޭނެކަމަށް ޑޮކްޓަރ ވިދާޅުވެފައި ވާއިރު އާއިލާގައި މިފަދަ ފޯރުންތެރިކަމެއްް ނެތުމުން ވަނީ މިކަން ވާގޮތް ނުވެފައެވެ.
ހަނާންގެ މަންމަ އާއި ބައްޕަ ވަނީ ގޮތް ހުސްވެ މާޔޫސްވެފައެވެ. އެމީހުންގެ ލޯބިވާ ދަރިފުޅުގެ އަގައިން ހަމައެކަނި ބުނެލާ ބަހަކީ "މަންމަ" އަދި "ބައްޕަ" އެވެ. އިތުރު ބަހެއް ބުނާނެކަމުގެ އުންމީދުގައި އެމަންމަ ވަނީ ކެންމަދުވެފައެވެ. މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބޭ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
އެ ތުއްތު ދަރިފުޅާއި، އެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. ހަނާން ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ..
ލަސް ނުކުރައްވާ ހަނާންނަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.
އިތުރު މައުލޫމާތު ބޭނުން ނަމަ ހަނާންގެ ބައްޕަ މުޙައްމަދު ޔޫސުފް 7768349 ނުވަތަ މަންމަ ޒުލްފާ ހަސަން 7663348 މިނަންބަރުތަކާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތްތަކުން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން މުޙައްމަދު ޔޫސުފް ރ. އުގޫފާރު /ނީލްވިލާ ބޭންކު އޮފް މޯލްޑިވުސްގެ ރ. އުގޫފާރު ބްރާންޗުގެ ރުފިޔާ އެކައުންޓް 5101 3103 77173 ޖަމާއުކޮށް ދެއްވުމަކީ އައިލާގެ ވަރަށް ބޮޑުއެދުމެކެވެ. .
ފާތުމަތު ހަނާންގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމްއަށް ލިބިފައިވެއެވެ*

















advertisment
ޚިޔާލު