1988 ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފިއެވެ.
ލުތުފީ މިހާރު އުޅެމުންދަނީ ސްރީ ލަންކާގައި އެހެންމީހަކަށް ވެގެން ނަން އޮޅުވާލައިގެން ކަމަށް ޑީޕީއާރުއެސް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ފަޔާޒް ހާމަކުރައްވާފައި ވެއެވެ. އޭނާ އުޅެމުންދަނީ "ޒާން" ގެ ނަމުގައި ކަމަށާއި މިކަން ދެފަރާތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އޭނާ އުޅޭ އެޑްރެހެއް އެނގިފައި ނުވާކަމަށް މަޢުލޫމާތު ދެއްވިއެވެ.
3 ނޮވެމްބަރުގެ އުދުވާނީ ހަމަލަ ރޭވުމުގެ ކުށް ސާބިތުވެގެން ލުތުފީއަށް ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުން މަރަން ހުކުމްކޮށްފައެވެ. ނަމަވެސް އެހަމަލާގައި ކުށްވެރިވެ މަރަން ހުކުމް ކުރެވުނު ހުރިހާ އެންމެންގެ އަދަބު އުމުރަށް ޖަލަށް ލުމަށް ރައީސް މަޢުމޫނު ވަނީ ލުއިކުރައްވާފައެވެ.
އުމުރުން 62 އަހަރުގެ ލުތުފީ ނަން އޮޅުވާލައިގެން ލަންކާގައި އުޅެމުންދާ ކަމަށް އެންމެ ފުރަތަމަ ދިވެހި ސަރުކާރުން ހާމަކުރީ މިދިޔަ މޭ މަހު ގައެވެ. މީގެ ދެ އަހަރު ކުރިން، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހުއްދަ ދީގެން ބޭސްފަރުވާ އަށް ލުތުފީ ދިޔައީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ފަޔާޒު ކުރިން ވިދާޅުވެފައި ވެއެވެ. އޭގެ ފަހުން ލުތުފީ ރާއްޖެއަކަށް ނާދެ އެވެ.
ޑީޕީއާރުއެސް އިން ބުނެފައިވާ ގޮތުގައި ޖެނުއަރީ 2010 ގައި ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވަން ހުއްދަ ދީފައި ވަނީ ސެކިއުރިޓީއަކާ ނުލައެވެ.
3 ނޮވެމްބަރުގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަހުމަދު ނާސިރު ވެސް ވަނީ މިދިޔަ މޭ މަހު އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނާސިރު އަލުން ޖަލަށް ގެންދިޔައީ، ގޭ ބަންދަށް ދޫކޮށްލާފައިވަނިކޮށް، އާންމުންގެ ތެރެއަށް ގިނައިން ނުކުމެ އުޅޭތީއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...