މޫސުން ރަނގަޅު ނަމަ 1433 ވަނަ އަހަރުގެ ޢަޟްހާ ޢީދު ނަމާދު ރ.ކިނޮޅަހުގައި ކުރާނީ ހުސްބިމެއްގައި ކަމަށް ކިނޮޅަހު ރަށު ކައުންސިލުން ނިންމައިފިއެވެ.
2012 ވަނަ އަހަރު ކައުންސިލްގެ 9 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ޢަޟްހާ ޢީދު ނަމާދު ކުރާނެ ތަނަކާ މެދު ގޮތެއް ނިންމާފައި ކަމަށް އެކައުންސިލުން ހާމަކުރެއެވެ. މިފަހަރު ޢަޟްހާ ޢީދު ނަމާދު ކުރާނީ ކޮން ހުސްބިމެއްގައި ތޯ ނިންމުމަށް ރޭގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރ.ކިނޮޅަހު ރަށު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ ރައްޔިތުންގެ މަޞްލަޙަތު އޮންނަ ދުނިޔެވީ ކަންކަމުގައި ކައުންސިލުން އެކަމެއް ނިންމާނީ ރަށުގެ ރައްޔިތުންނާ ބައްދަލު ކޮށް ގިނަ ބަޔަކު ތާއީދު ކުރާ ގޮތަކަށް ކަމަށާއި ނަމަވެސް ދީނުގެ ކަމެއް ނިންމުމަށް ރައްޔިތުންނާއި މަޝްވަރާ ނުކުރައްވާނެ ކަމަށާއި ދީނުގެ ކަމެއްގައި މަޝްވަރާ ކުރައްވަނީ ދީނީ ޢިލްމުވެރިންނަށް ކަމަށާއި އަދި އެކަމެއް ކުރައްވާނީ ވެސް ޢިލްމުވެރިންގެ ބަސްފުޅާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ޢީދު ނަމާދު ކުރާނެ ތަނަކާ މެދު ރާއްޖޭގެ ފުންނާބު އުސް މަޝްހޫރު ގިނަ ޢިލްމްވެރިންގެ ބަސްފުޅު ހޯއްދެއްވި ކަމަށާއި އެހުރިހާ ޢިލްމުވެރިން ވިދާޅުވީ ޢީދު ނަމާދު ކުރުން އެންމެ ރަނގަޅީ މިސްކިތަށް ވުރެއް ހުސްބިމެއްގައި ކަމަށާއި އަދި ސުންނަތް ކަން ގަދަ ގޮތަކީ އެއީ ކަމަށެވެ.
އަދި ކިނޮޅަހު ރަށު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ ސުންނަތް ދިރުވުމަކީ ވެރިން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެފުރުޞަތު ލިބުމުން މިފަހަރު ޢަޟްހާ ޢީދު ނަމާދު ހުސްބިމެއްގައި ކުރުމަށް ހަމަޖެއްސީ އެސުންނަތް ދިރުވުމުގެ މަޤްޞަދުގައި ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި 553 ވަރަކަށް މީހުން އުޅޭ ކިނޮޅަހު ރައްޔިތުން ނިންމީ ސްކޫލްގެ ގޯތިތެރޭގައި އޮތް ހުސްބިމުގައި މިފަހަރު ޢީދު ނަމާދު ކުރުމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ 1433 ވަނަ އަހަރުގެ ޢަޟްހާ ޢީދު ނަމާދު އިމާމުވެ ކުރުމަށް ރާއްޖޭގެ ޝައިޚެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަން ހަމަނުޖެހޭ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...