ފްރާންސްގެ ރީތީގެ ރާނީ ހޮވާ މުބާރާތް "މިސް ފްރާންސް 2011" ގެ ފައިނަލް ބުރަށް ހޮވިފައިވާ 33 މީހުންގެ ވީޑިއޯ ޝޫޓިންގެ ޙަރަކާތްތަކެއް ކޮކޯ ޕާމް ބޮޑުހިތީގައި މިމަހުގެ 11ން 18 އަށް އޮންނާނެކަމަށް ސަންލޭންޑް ހޮޓެލްސް އިން ބުނެފިއެވެ.
ސަންލޭންޑްސް ހޮޓެލްއިން ހާމަކޮށްފައިވާގޮތުގައި "މިސް ފްރާންސް 2011 އަށް ވާދަކުރާ 33 ކުދިން ރާއްޖޭއަށް ކުރާ އެއްހަފްތާގެ ދަތުރުގެ ޙަރަކާތްތަކުގެ ތެރޭގައި ދިވެހި ކެއްކުމުގެ ޙަރަކާތާއި މޫދު ކުޅިވަރުތަކުގައި ބައިވެރިވެ، ވީޑިއޯ ލަވައެއް ނެގުމަށްވެސް ވަނީ ހަމަޖެހިފަ"އެވެ. މި ވީޑިއޯތައް ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ފްރާންސްގެ ކާންގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ފްރާންސް 2011 ގެ ތާޖްހަވާލުކުރުމުގެ ރަސްމިއްޔާތުގައިކަމަށް ހަބަރު ލިބެއެވެ.
މިކަމާއިބެހޭގޮތުން މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު އާދަމް ވިދާޅުވީ "މިފަދަ ޙަރަކާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުމަކީ ރާއްޖެއަށް ލިބިގެންދާ ކާމިޔާބީއެއް ކަމަށާއި އަދި ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު މަޤުބޫލު ކަމެއްލިބި، ރާއްޖެ އިޝްތިހާރުވެގެންދާނެ"ކަމަށެވެ.
މިފަދަ ޙަރަކާތްތަކެއް ރާއްޖޭގައި، ބޭއްވުމަކީ ރާއްޖެއަށް ލިބޭ ކާމިޔާބެއްކަމަށް މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު އާދަމް ވިދާޅުވެފައިވާއިރު، މިފަދަ ޙަރަކާތަކުން ނިކުމެދާނެ ނުބައި ނަތީޖާއަކާއި މެދު އެފަރާތުން ވިސްނާނުލަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...