
ތަންފީޒުގެ ނަމުގައި ހުކުރު ދުވަހު ބާއްވާ އެއްވުމާއި ބެހޭ ގޮތުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ބައެއް ފަރާތްތަކުން މީޑިއާއައި ބައްދަލު ކުރައްވަނީ - ފޮޓޯ : ސީ .އެން .އެމް
މަރަށް މަރު ހިފުމަށް ގޮވާލުމަށް ޓަކައި މިމަހުގެ 19 ވަނަ ދުވަހު ހަވީރު އާޓިފިޝަލް ބީޗުގައި ތަންފީޒުގެ ނަމުގައި ބޮޑު އެއްވުމަށް ބާއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތަކީ އިސްލާމީ ޝަރީއަތް ތަންފީޒުކުރުމަށް ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ފެށުމެއް ކަމަށް މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުލުން ބުންޏެވެ. އެބޭފުޅުންގެ އަމާޒަކީ ރާއްޖޭގައި މީހުން މެރުން ހުއްޓުވުމަށް މަރަށް މަރުގެ ހުކުމް ތަންފީޒުކޮށް އެހެން ކުށްތަކަށް ވެސް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބު ދިނުމެވެ.
މުސްލިމުންގެ ގުޅުމުގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ވާހަކަ ދައްކަވަމުން ޝޭހު ތައްޔިބު މުހައްމަދު ވިދާޅުވީ އިސްލާމީ ޝަރީއަތުގެ އަދަބުތައް ތަންފީޒު ނުކުރަނީސް ރާއްޖޭގައި ކުށްތަކަށް ހައްލު ގެނެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން މިދަނޑިވަޅުގައި އެކަމަށް ދިވެހި ހުރިހާ ރައްޔިތުން ބާރު އަޅަން ޖެހޭ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
ޝޭހް އަޒުމަތު ޖަމީލު ވިދާޅުވީ މަރަށް މަރު ހިފުން ނޫން ގޮތެއް ނެތް އިރުވެސް އެކަމަށް މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްބޭފުޅުން ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށާއި އެއީ އެބޭފުޅުންނަށް އެކަންތައްތައް އެންމެ ފުރިހަމައަށް ސާފުވެފައިނުވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ކަމުން އެފަދަ ބޭބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މީޑިއާގެ ޒަރިއްޔާއިން ތަފާތު ޕްރޮގުރާމުތައް ހިންގުމުގެ އިތުރުން ނަސޭހަތް ދިނުމަށް ހާއްސަ ސެޝަންތަކެއް ވެސް ރޭވުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ނަޒީރު ވިދާޅުވި ގޮތުގައި ހުކުރު ދުވަހު ބާއްވާ އެއްވުމުގައި އަޑުއުފުލާނީ އިސްލާމީ ޝަރީއަތުގެ ހުކުމްތައް ތަންފީޒުކޮށްދިނުމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ކުރިމަތިވެދާނެ ބިރަށްޓަކައި އެ ހުކުމްތައް ތަންފީޒުނުކޮށް، ބަހުސްކުރަން ދޫކޮށްލައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަޖުނާދު ވިދާޅުވީ އިސްލާމީ ޝަރީއަތް ތަންފީޒުކުރުމަށް ގާނޫނީ ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ. އިސްލާމީ ޝަރީއަތާ ހިލާފު ގޮތަކަށް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އޮތް ނަމަ އެއީ ބާތިލް އެއްޗަކަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...