ރާއްޖޭގެ ޚަބަރު ޒަމާނީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤު ތަކާއި ޤާނޫނީ ވަކީލުން

ޒަމާނީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤު ތަކާއި ޤާނޫނީ ވަކީލުން

ޒަމާނީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤު ތަކާއި ޤާނޫނީ ވަކީލުން

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

 

ދިއިސްލާމް ފޮޓޯ: އިސްމާއިލް އަފްރާހް

ޒަމާނީ ޑިމޮކްރަސީގެ އޮއިވަރާއި އެކު ދިވެހި ރާއްޖެ އަށް މިއަދު ވަނީ އިޖުތިމާޢީ އަދި އިޤްތިޞޯދީ ބަލިމަޑު ކަމެއްވެސް ފެތުރިފައެވެ. ޒަމާނީ ޑިމޮކްރަސީ ނުވަތަ ދިމިޤްރާތީ ވެރިކަން އަޅުގަނޑު މެންނާއި ހަމައަށް އައުމާއި އެކު އެ ނިޒާމުގެ ތެރެއިން ކުއްވެރިން ޙިމާޔަތް ކުރުން އައީ އެ ނިޒާމުގެ ތެރެއިން ފުރިހަމަ ވާންޖެހޭ އެހެނިހެން ކަންކަން ހުރި ގޮތަށް ހުއްޓައެވެ. ޑިމޮކްރަސީއެއްގެ އެންމެ އިސް އެއް އަސާސް ކަމަށް ހުޅަނގުގެ ބާރު ތަކުން ދަޢުވާ ކުރާ އިންސާނީ ޙައްޤު ތަކުގެ ތެރެއިން ކުށް ނުކުރާ އިންސާނާ އަށްވުރެ ކުށް ކުރާ އިންސާނާ އަށް ލިބެންޖެހޭ ޙައްޤު ތައް މިއަދު ބޮޑުހެން ހީވާ ފަހަރުވެސް އާދެއެވެ.

ޒަމާނީ ޑިމޮކްރަސީގެ އޮއިވަރާއި އެކު ދިވެހި ރާއްޖޭގައިވެސް ކުށް ނުކޮށް ތިބި އެތައް ބައެއްގެ ޙައްޤު ތަކަށްވުރެ ބޮޑަށް ކުއްވެރިންގެ ޙައްޤު ތަކަށް ފާރަވެރި ވެވޭ މިންވަރު އިންތިހާ އަށް ވަނީ ބޮޑު ވެފައެވެ. މީގެ ތެރެއިން ވެސް ބޮޑެތި މުޖުރިމުންނާއި ޒާލިމުންގެ ޙައްޤު ތައް އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. މި ކަމަކީ އެންމެން ދަންނަ ބޮޑު ސިއްރެއް ނަމަވެސް ދާދި ފަހުން އަޅުގަނޑުމެންގެ ތެރެއިން އަނިޔާވެރި ކަމާއި އެކު އަވަހާރަ ކޮށްލެވުނު މަޝްހޫރު ދީނީ ޢިލްމު ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ އަފުރާޝީމް ޢަލީގެ މަރަށް ފަހު މި ކަންކަން ހިނގަމުން އަންނަ ގޮތުގެ ވަރަށް ތަފްޞީލީ މަޢުލޫމާތު ތަކެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަނީ ފެންމަތި ކޮށްދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން އަންނަ ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޒު މުޙައްމަދު ނަޝީދު ވިދާޅުވަނީ، ބޮޑެތި ޒާލިމުން ނާއި މުޖުރިމުން ކުށް ކުރުމުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވިއްޖެ ނަމަ ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އޭނާގެ ޤާނޫނީ ވަކީލު ކަމަށް ބުނެ އެތައް ބަޔަކު ކޯޓު ތަކުގެ ދޮށުގައި ކިޔު ހަދާލާ ކަމަށެވެ. މި ފަދަ ޤާނޫނީ ވަކީލުން މިކަން ކުރަނީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށް ވާއިރު މިފަދަ ވަކީލުން ނަށް ވަގަށް ނަގާ ފައިސާގެ އިތުރުން ފޭރިގެން ހޯދާފައިވާ ފައިސާއިން އަގު އަދާކުރަމުން ގެންދާ ކަމަށް ނަޝީދު ވިދާޅު ވެއެވެ. މީގެ އިތުރުން ކުއްވެރިންނާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން ބޯ ދަމައިގަނެވޭނެ ގޮތަށް ކުށުގެ ވެއްޓަށް އަރައި ގަތުމުގެ ނުބައި ރޭވުންތައް ރޭވުމުގައި ވެސް ޤާނޫނީ ވަކީލުންގެ އިސް ދައުރެއް ވާކަން ނަޝީދު ވަނީ ހާމަކޮށް ދެއްވާފައެވެ. މި ކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކިތަންމެ ބޮޑަކަށް ކަންބޮޑުވާން ޖެހުނު ކަމަކަށް ވީނަމަވެސް، މިފަދަ ނުރައްކާތެރި ބިރުވެރި ވާހަކަ ތަކެއް ފެންމަތިވީ ނަމަވެސް މިކަމާ އެއްވެސް ފަރާތަކުން ކަންބޮޑު ވެގެން އުޅުނު ތަނެއް ނުފެނެ އެވެ. ޚުދު ނަޝީދު ވެސް ވިދާޅު ވަނީ މިކަމަކީ ޝަރުޢީ ދާއިރާ ގެ ތެރޭގައި ތިއްބެވި ހަރު ކުލައިގެ ބޭފުޅުންނަށް ވެސް އެނގި ވަޑައިގެން ހިނގަމުންދާ ކަންކަން ކަމަށެވެ. ސުވާލަކީ މިކަން މިމަގުން ހިނގަމުން ދާކަން އެނގި ތިބެ ވެސް ކަމާބެހޭ ފަރާތްތަކުން މިކަން ޙައްލު ކުރުމަށް އެޅުއްވީ ކޮން ފިޔަވަޅެއް ތޯއެވެ؟ އެބޭފުޅުން އެޅުއްވި ފިޔަވަޅަކީ ޤާނޫނީ ވަކީލުންގެ ސުލޫކެއް ކަނޑައަޅައި ކޯޓު ލެއްވުމަށް ފަހު ކޯޓަށް ވެއްދުންތޯ މިއަދު ސުވާލު ކޮށްލަން ޖެހެއެވެ.

ދެން އޮތީ ޒަމާނީ ޑިމޮކްރަސީގެ އޮއިވަރާއި އެކު އަޅުގަނޑުމެންގެ ތެރެއަށް އައި އިންސާނީ ހައްޤު ތަކުގެ ވާހަކަ އެވެ. އިންސާނީ ޙައްޤު ތައް މިއަދު މި ފެންނަނީ ހަމަ އެކަނި ކުއްވެރިން ނަށެވެ. މިހެން މި ދެންނެވީ ހިޔުމަން ރައިޓްސް ކޮމިޝަނުގައި ކުއްވެރިން އުޅޭތީކީ ނޫނެވެ. އެހެން ނަމަވެސް އިންސާނީ ޙައްޤު ތައް ދިފާޢު ކުރެއްވުމަށް ފޫގަޅުއްވައިގެން ތިއްބެވި ބޭފުޅުންނަށް ވެސް އިންސާނީ ކަރާމާތުގެ ދިފާޢުގައި، ނުވަތަ މުޖުތަމަޢުގައި ކުއް ނުކޮށް ތިބި މީހުންގެ ޙައްޤުގައި ނުވަތަ އެފަދަ ފަރާތްތަކުގެ ދިފާޢުގައި ކުރެވުނު މަސައްކަތަށް ވުރެ ކުއްވެރިންގެ ޙިމާޔަތުގައި ކުރުވުނު މަސައްކަތް ހާސް ބައި އިތުރުވާނެ ކަން މިއަދު ކޮންމެ މީހަކުވެސް ޤަބޫލު ކުރާނެ އެވެ. މީގަ އެންމެ ޙައިރާންވާން ޖެހޭ ތަންކޮޅަކީ ކުށުގެ ވެށީގެ ތެރެއިން ކުށް ނުކޮށް ހުއްޓާ އަނިޔާ ލިބޭ މީހާގެ އިންސާނީ ޙައްޤު ތައް ހޮސްޕިޓަލާއި ހަމައިން ނުވަތަ ޤަބުރުސްތާނާއި ހަމައިން ލިބޭ ކަމަށް ބެލެއިރު، އަނިޔާ ލިބޭ މީހާގެ ދިފާޢުގައި ބަޔާނެއް ނެރުން ފިޔަވައި މިހާތަނަށްވެސް މާ ބޮޑު ކަމެއް ކުރެވިފައި ނުވާ ކަމެވެ.

އަޅުގަނޑުމެންގެ ތެރެއަށް ޒަމާނީ ޑިމޮކްރަސީ އައީ ހުޅަނގުން ކަމަށް ވާއިރު، ހުޅަނގު މޫސުމުގައި ހުޅަނގުން އައި މި ޑިމޮކްރަސީގެ ކޮޅިގަނޑުގައި ޤައުމު ހަފުސްވާން ދޫކޮށްލުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ގޮތެއް ނޫނެވެ. ޒަމާނީ ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެންގެ ތެރެއަށް މިއައި ކޮޅިގަނޑުގެ ތެރެއިން އަޅުގަނޑުމެން ކުނި ފުރާނާލަން ޖެހޭ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. ޑިމޮކްރަސީގެ ކޮޅިގަނޑާއި އެކު އައި ކުނި ބުނި ދޫކޮށްލައި އެތަކެތި ނައްތާލައި ސާފު ކުރަން އެބަ ޖެހެއެވެ. ހުޅަނގު މޫސުމުގެ ގަދައިގައި ޙުޅަނގުން އައި ޒަމާނީ ޑިމޮކްރަސީ އާއި އެކު އައި ގަދަ ވިއްސާރަ ވިލާގަނޑާއި އެކު މި ޤައުމަށް ލެއްގި ނޭއްގާނީ ކަންކަން ދޫކޮށްލައި އޭގައި ހުރި ރަނގަޅު ކަންކަން ހެޔޮގޮތުގައި ބަލައިގަންނަން ޖެހެއެވެ. ޒަމާނީ ޑިމޮކްރަސީ އާއި އެކު އަޅުގަނޑުމެންގެ ތެރެއަށް ޤާނޫނީ ވަކީލުންނާއި އިންސާނީ ޙައްޤު ތައް އައުމަކީ ރަނގަޅު ގޮތުގައި ބަލައިގެންފި ނަމަ ހަމަ ރަނގަޅު ކަންކަމެވެ. ޒަމާނީ ޑިމޮކްރަސީގެ ގަދަ ކޮޅި ގަނޑާއި އެކު ހުޅަނގުން އައި އިންސާނީ ޙައްޤު ތައް އަޅުގަނޑުމެން ބަލައިގަންނަން ޖެހެނީ އަޅުގަނޑުމެންގެ ދީނާއި ޢަޤީދާ އާއި ޤާނޫނާއި ޤަވާއިދު ތަކުގެ ތަރަހައިގެ ތެރެއިން ނެވެ. ޙުޅަނގުން އެ އައި ގޮތަށް ޒާލިމުންނާއި މުޖުރިމުން އެމީހުންގެ ކުށް ތަކުން ބަރީޢާ ކޮށްދިނުމަށް މަސައްކަތް ކުރާ ޤާނޫނީ ވަކީލުން މި ޤައުމަށް މި ޑިމޮކްރަސީގެ ތެރެއިން ބޭނުން ވޭތޯއެވެ؟ ޒަމާނީ ޑިމޮކްރަސީގެ އޮއި ވަރާއި އެކު ރާއްޖެ އަށް ލެއްގި އިންސާނީ ޙައްޤު ތަކުގެ ތެރެއިން އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަން ކަމަށް ގޮވާ މީހުންނާއި، އެއްޖިންސުން ގުޅުން ހިންގަން ހުއްދަ ނުދިނުމަކީ އިންސާނީ ޙައްޤު ތަކާއި ޚިލާފު ވުން ކަމަށް ގޮވާ މީހުން މި ޤައުމަށް ބޭނުންވޭ ތޯއެވެ؟ މީގެ ސާދަ ސަތޭކަ އަހަރަށް ވުރެ ކުރިން އަޅުގަނޑުމެންގެ ތެރެއަށް އިންސާނީ ޙައްޤު ތަކާއި ކުއްވެރިންނަށް ދޭނެ އަދަބުތައް ވަނީ އަންގަވައި ދެއްވާފައެވެ. ކާމިޔާބު އޮތީ އޭގައި ހިފި މިންވަރަކުން ނެވެ. ހުޅަނގު މޫސުމުގައި ހުޅަނގުން އައި ޒަމާނީ ޑިމޮކްރަސީ އެ އޮތް ގޮތަށް ކުނި ބުންޏާއި އެކު ކިތަންމެ ވަރަކަށް އޭގެ ބޭރުން ހުދު ކުލަ ލީނަމަވެސް އެއީ ސާފު ހުދު ކަފަކޮޅަކަށް ބަދަލެއް ނުވާނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.