ރާއްޖޭގެ ޚަބަރު ޔޫސަރ މެނުއަލް

ޔޫސަރ މެނުއަލް

ޔޫސަރ މެނުއަލް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އައިފޯން ފަހެއް ނެރުނު ދުވަހެވެ. އަހަރެން އައީ ފޯން ފަހެއް ގަނެލައިގެންނެވެ. މިއީ ވަރަށް މޮޅު ވަރަށް ފައްކާ ފޯނެކެވެ. ސެމްސަންގ އެސް ތްރީ އަކީ މިފޯނަށް ވުރެ މާ ދެރަ މާ ނިކަމެތި ފޯނެކެވެ. އެހެން ނޫނަސް އެއީ މިއަށްވުރެ މާ ކުރީގެ އެއްޗެކެވެ. މި އައިފޯނު ކަނޑާލި އިރު މީގެ ތެރޭގައި މިއޮތީ ކޮން ކުޑަ ފޮތެއް ބާވައެވެ. އައްދޭ މިއީ ޔޫސަރ މެނުއަލް، ނުވަތަ މި ފޯނު ބޭނުން ކުރަންވާ ގޮތުގެ މަޢުލޫމާތެވެ. މީ ކީއްކުރާ އެއްޗެއް ހެއްޔެވެ. އަހަރެންގެ ބައްޕަ ވެސް އަދި ކާފަ ވެސް އައިފޯނު ގެންގުޅުނެވެ. އެމީހުންގެ ފުށުން މަށަށް މީތި އޮތީ ދަސްވެ ބާވެފައެވެ. މަށަށް މީތި މާ ރަނގަޅަށްވެސް އެނގެ އެވެ. ފޯނު ފޮށިގަނޑުން ކަނޑާލި ގޮތަށް މީގެ މޮޅުކަން ދައްކާލާ ރައްޓެހިންނަށް ފޮނި ކަނޑާލުމަށް ނަގާ ބޭނުން ކުރަން ފެށީމެވެ. އިސާހިތަކު ބެޓެރި ހުލި ވެއްޖެ އެވެ. މި ވީ ކިހިނެއް ބާވައެވެ. މިހެން ވާނެ ކަމެއް ބައްޕަ ވެސް އަދި ކާފަ ވެސް ނުބުނެ އެވެ. މިވީ ގޮތެއް ވާނީ ބަލާށެވެ. ގެއަށް ގޮސް ފޯނު ފޮށިގަނޑު ހާވައި ބެލި ނަމަވެސް އެއަކު އެކައްޗެއް ވެސް ނެތެވެ. ތަންތަން ހޯދަމުން ދަނިކޮށް ގޮދަޑި ދަށުން އެއްކަލަ ޔޫސަރ މެނުއަލް ފެނުމާއި އެކު އެ ނަގާ ހުޅުވާލައިފީމެވެ. މީގައި ފުރަތަމަ ވެސް އޮތީ ފޯނު ބޭނުން ކުރުމުގެ ކުރިން އަށްގަޑި އިރު ޗާޖު ކުރަން ޖެހޭނެ ވާހަކަ އެވެ. ޗާޖު ނުކޮށް ބޭނުން ކޮށްފި ނަމަ ބެޓެރީގެ ޢުމުރު ކުރުވާނެ ކަމަށާއި، ފަހަރުގައި އެއްގޮތަކަށް ވެސް ޗާޖު ނުވެދާނެ ވާހަކަ ލިޔެފައި އޮތެވެ. މި ވީ ކިހިނެއް ހެއްޔެވެ.

މިއަދު އަޅުގަނޑު މެންނަށް ވެސް ވެގެން މިއުޅެނީ ހަމަ މިހެންނެވެ. އަޅުގަނޑުމެންގެ ޔޫސަރ މެނުއަލް ނުވަތަ އަޅުގަނޑުމެން ޢަމަލު ކުރަންވީ ގޮތުގެ އަތްމަތީ ފޮތް މީގެ ސާދަ ސަތޭކަ އަހަރަށް ވުރެ ކުރިން ވަނީ މަތިން ބާވާލެއްވުމާއި އެކު އަޅުގަނޑުމެންނަށް ލިބިފަ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެ ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލީ ކިތައް މީހުން ބާވައެވެ. އޭގެ ދިވެހި ތަރުޖަމާ ވެސް މިއަދު ކޮންމެ ގެއެއްގައި ވެސް އެބަ އޮވެއެވެ. އެހެން ނަމަވެސް އެ ފޮތް ކިޔާ އެ ފޮތަށް ޢަމަލު ކުރަނީ ކިތައް މީހުން ބާވައެވެ. އެ ފޮތުގައި އަޅުގަނޑުމެން އުޅޭންވީ ގޮތާއި، އަޅުގަނޑުމެންގެ ކުރީން އުޅުނު މީހުން އުޅުނު ގޮތާއި، އެމީހުންގެ ޢަމަލު ތަކުގެ ނަތީޖާ އާއި އެމީހުންގެ މައްޗަށް ބާވައި ލެއްވުނު ކޯފާ ތަކާއި އަޅުގަނޑު މެންނަށް ވުރެ ފަހުގެ ޖީލު ތަކުގެ މީހުން އުޅޭނެ ގޮތުގެ ވާހަކަ ތަކަށް ދާންދެން ވެއެވެ. މިހާ މޮޅު ފޮތެއް ނުވަތަ ޔޫސަރ މެނުއަލް އެއް ލިބުމުން ވެސް އަޅުގަނޑުމެން ގޭގެ މަތާރަންފިލާ މަތީގައި އެ ފޮތް ބާއްވައި ހިތު ހުރިހާ ގޮތަކަށް އުޅޭނަމަ ޖެހޭނީ އަޅުގަނޑަށް ޖެހުނު ޙާލެވެ. ފޯނު ވެސް ބެޓަރި ވެސް ހަލާކު ވާނީ އެވެ. ބެޓަރި ހުލިވެ މީހާގެ ގައިގެ ބާރު ދަށްވެ މީހާ ނިކަމެތިވެ މުސްކުޅިވާ ދުވަހުން އެއްކަލަ ޔޫސަރ މެނުއަލް ނުވަތަ އަޅުގަނޑުމެންގެ އަތްމަތީ ފޮތުގެ މަތިން ހަނދާން ވެގެން އެ ފޮތް މަތާރަންފިލާ މަތިން ނަގައި ހިރަފުސް ފޮޅާލުމަށް ފަހު ބަލާލާއިރު، އޭގައި ޢަމަލު ކުރަން ބުނެފައި ހުރި ކަންކަން ކުރާނެ ހިއްވަރެއް ފަންވަރެއް ބުންވަރެއް ގަޔަކު ނުހުރެ އެވެ. ގިނަ ފަހަރަށް މެނުއަލް ހުޅުވާ ލެވެނީ ވެސް ބެޓެރި ހުސްވެ ފޯނުވެސް ނިވުމުން ނެވެ. މީހާގެ އަޖަލާ އަރާ ހަމަވުމުން ނެވެ. ދެން އޭގެ މައްޗަށް ކިތަންމެ ވަރަކަށް ހިތާމަ ކުރިޔަސް ވެދިޔަ ތަން އަނބުރާ ނުގެނެވޭނެ އެވެ. ކިތަންމެ މޮޅު ފޮތެއް އޮތަސް އެދުރެއް ނުވާނެ އެވެ.

ކިތަންމެ މޮޅު ޔޫސަރ މެނުއަލެއް ނުވަތަ ފޮތެއް އޮތް ނަމަވެސް އެއަށް ޢަމަލު ނުކުރާ ނަމަ އޭގެ މަންފާ އެއް ނުކުރާނެ އެވެ. ބޭހެއް ހުއްޓަސް ބޭސް ނުކާނަމަ ބަލި ރަނގަޅު ނުވާނެ އެވެ. މި ކަންކަމަކީ އަޅުގަނޑުމެން އެންމެން ދަންނަ ޙަޤީޤަތެކެވެ. ފޯނުގެ މެނުއަލް ލިޔުނީ ފޯނު އުފެއްދި ފަރާތުން ނެވެ. އެ ފޯނު އަމިއްލަ އަތަށް އެރި ނަމަވެސް އެ ފޯނުގައި ހުރި މައްސަލަ ތަކާއި އެކަންކަން ޙައްލު ކުރާނެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެ ފޯނު އުފެއްދި ފަރާތަށެވެ. ހަމަ އެހެންމެ އަޅުގަނޑު މެންނަށް ވެސް މިއަދު ޖެހިގެން މިއުޅެނީ ހަމަ އެ މައްސަލަ އެވެ. އަޅުގަނޑުމެން ހެއްދެވި ފަރާތުން ވެސް ވަނީ އަޅުގަނޑުމެންގެ ކިބައިގައި ހުންނާނެ މައްސަލަ ތަކާއި އެ މައްސަލަތައް ޙައްލު ކުރާނެ ގޮތް ބުނެދެއްވާފަ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެން އެއަށް ޢަމަލު ނުކުރާނަމަ އޭގެ މަންފާ އެއް ނުކުރާނެ އެވެ. އެ ގޮތް ކަމު ނުގޮސް ގެން އެއަށްވުރެ މޮޅު ގޮތް ތަކެއް ގެންނާން ކަމަށް އަޅުގަނޑުމެންގެ ތެރެއިން ހަތްދިހަ ހަތް މީހަކު ތެދުވެ ކިތަންމެ އަޑަށް ބާރު ލާފައި ހަޅޭއް ލެވި ނަމަވެސް އެކަމެއް ނުވާނެ އެވެ. އެ އެއްޗެއްގެ ޙަޤީޤަތް އެންމެ މޮޅަށް އެނގޭނީ އެ އެއްޗެއް އުފެއްދި ފަރާތަކަށެވެ. އަޑުގަދަ ނުވަތަ ރުއްގިނަ ހަތްދިހަ ހަތް މީހަކަށް ނޫނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.