"ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބައެއްގެ ވާހަކަ ދައްކާ އިރު ސިޔާސީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބަޔަކު ވެސް އެބަތިބި"ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓާރ މުހައްމަދު ޝަހީމް އަލީ ސައީދު މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓީވީއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓާރ ޝެއިޚް ޝަހީމް ވިދާޅުވީ، "ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބައެއްގެ ވާހަކަ ދައްކާ އިރު ސިޔާސީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބަޔަކު ވެސް އެބަތިބި"ކަމަށާއި "(އެމީހުން) މުޒާހަރާ ކުރުމުގައްޔާއި ޚިޔާލު ފާޅުކުރުމުގައި ވެސް ހައްދެއް ނެތް" ކަމަށެވެ. އަދި އިސްލާމިކް މިނިސްޓާރ އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެބަ ގަބޫލުކުރޭ ކުރުތާއެއް ލާފައި ތުނބުޅި ވަކިވަރަކަށް ވުރެ ދިގުކުރީމާ އެހެރީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައި ކަމަށް. ހައްދު ފަހަނައަޅާ ދިއުމޭ ބުނެވޭ ބަހުގެ މާނައަކީ އައިޑިއޮލޮޖިކަލް ކްރައިސިސްއެއް ނުވަތަ ފިކުރީ މުސީބާތެއް އިންސާނުން ނަށް ދިމާވުން." ކަމަށެވެ. އަދި "ދިމިޤްރާތީ ކަންކަމުގައިވެސް މީހަކު ހުރެދާނެ އެކްސްޓްރިމިސްޓެއް، ނުވަތަ ސިޔާސީ ކަމެއްގައިވެސް ހުރެދާނެ އެކްސްޓްރިމިސްޓެއް ހައްދުފަހަނަ އަޅާފައިހުރި، ސިޔާސީ ފިކުރުގައިވެސް ނުވަތަ ދީނީ ފިކުރުގައިވެސް ހަމަ ހުރެދާނެ އަސްލު އެކަން އޮންނަގޮތް ފިޔަވާ އެކަން އެހެންގޮތަކަށް ވިސްނިފައި ހުރި މީހެއް." ކަމަށް އިސްލާމިކް މިނިސްޓާރ ޝެއިޚް ޝަހީމް ވިދާޅުވި އެވެ.
'ރާއްޖެ މިއަދު' ޕްރޮޤްރާމްގައި 'ދީނީ ޚިޔާލުތަފާތުވުން' މިމައުލޫއަށް ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓާރ ވިދާޅުވެފައިވަނީ "ދީނީ ގޮތުން ހައްދު ފަހަނަ އެޅުމުގެ މާނައަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ފިކުރާއި މަންހަޖުން އެއްކިބާވުން"ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...