ރާއްޖޭގެ ޚަބަރު ކުށް މަދުކުރުމަށް އެބޭފުޅުން ކުރައްވާނޭ ކަމެއް ނެތެވެ!

ކުށް މަދުކުރުމަށް އެބޭފުޅުން ކުރައްވާނޭ ކަމެއް ނެތެވެ!

ކުށް މަދުކުރުމަށް އެބޭފުޅުން ކުރައްވާނޭ ކަމެއް ނެތެވެ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މާޗް 1، 2012 - ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އުޅުނު ދުވަހު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން "ބާޣީ" ބޯޑު ހިފައިގެން – ފޮޓޯ : ހަވީރު ނޫސް

ދިވެހިރާއްޖޭގައި ކުށުގެ މާހައުލު އެއްދުވަހުން އަނެއްދުވަހަށް ދަނީ ފުޅާވެ ތަރައްޤީވަމުންނެވެ. ކުށްކުރާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާއިރު ކުރާ ކުށުގެ ނުރައްކާތެރިކަންވެސް ދަނީ ބޮޑުވަމުންނެވެ.
ކުށުގެ ރެކޯޑަށް ބޮޅެއް އިތުރުވެގެންދާ ކޮންމެ ފަހަރަކު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބޭބޭފުޅުން ފިސާރި ޖޯޝާއި ފޯރީގައި ކުރާ ކަމެއް އޮވެއެވެ. އެއީ އެއްބަޔަކު އަނެއްބަޔަކު ޒިންމާތައް ރަނގަޅަށް އަދާ ނުކުރާ ކަމުގެ ތުހުމަތު ކުރުމާއި ޒިންމާއިން ބަރީއަވުމެވެ.
މިދެންނެވި ވާހަކައިގެ ޙަޤީޤަތް ޝަހީދު ޑރ. އަފްރާޝީމް ޢަލީ ޝަހީދު ކޮށްލުމާއި ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތަކުން ސާފުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބަހުންނަމަ، ކުށްކުރުން މަދުކުރަން މަޖިލީހުން އިތުރަށް ކުރާނޭ ކަމެއް ނެތެވެ. މިހާރު ހިނގަމުންދާ ޤާނޫނުތަކުން އިސްލާމީ ޝަރީޢަތުގައިވާ ޢަދަބު ދެވެން އެބައޮތެވެ. ސަރުކާރުގެ ބަހުންނަމަ އިސްލާމީ ޝަރީޢަތުގައިވާ ޢަދަބު ތަންފީޛް ކުރާނީ ވަކި މިވެނި ގޮތަކަށް ކަން ބަޔާންކުރާ އިޖުރާތެއް ނެތެވެ. މަރަށް މަރު ހިފާއިރު ޤާތިލް މަރާލާނީ ކަނދުރާއިން ބޯ ވަކިކޮށްގެންތޯ، ދަންޖައްސައިގެންތޯ ނުވަތަ މިނޫންވެސް ގޮތަކުންތޯ ކަނޑައަޅައިދޭ ޤާނޫނެއް ނެތުމަކީ ސަރުކާރުގެ ބަހަނާއެވެ.
ސަރުކާރުގެ ބަހަނާތަކަށް ޖަވާބެއްގެ ގޮތުން ކަންތައް ކުރިޔަށް ގެންދާނޭ އުސޫލުތަކެއް، މަޖިލީހުން ކަނޑައަޅައިދިނުން ކީއްތޯއެވެ. ޤިޞާޞް ގެ ޙުކުމް ޤާއިމް ކުރާއިރު ޤާތިލު މަރާލާނީ ކޮން ގޮތަކަށްކަން ކަޑައަޅާ ޤަވާއިދުތަކެއް އެކަށައަޅައިދިނުން ކީއްތޯއެވެ؟
ސަރުކާރުން ބޭކާރު ބަހަނާތަކެއް ދެއްކުމުގެ ބަދަލުގައި، އިސްލާމީ ޝަރީޢަތުން ލިބިދޭ ފަހި ފުރުސަތުތަކުގެ ބޭނުން ކުރުން ކީއްތޯއެވެ؟ އިސްލާމީ ޤައުމުތަކުގައި މިފަދަ ޙުކުމް ތަންފީޛް ކުރާ ގޮތް ދިރާސާ ކުރުމާއި، އިސްލާމީ ތާރީޚް ގައި މިފަދަ ޙުކުމްތައް ތަންފީޛް ކުރިގޮތް ދިރާސާ ކޮށް އެގޮތަކަށް ޢަމަލު ކުރުމުން ނުފުދޭނެތޯއެވެ؟
ފަރުދާގެ ފުރަގަސް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވެރީން ތިބީ ނުހަނު ޝާނާއި ޝައުކަތުގައެވެ. ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެބޭފުޅުންނަށް ސިކިއުރިޓީ ލިބުމަކީ ދަތިކަމެއް ނޫނެވެ. އެބޭފުޅުންނަކީ ގިނަ އިމްތިޔާޒު ތަކަކާއި ފަސޭހަ އެތައް ކަމެއް ޤާނޫނުތަކުން ފަހިވެފައިވާ ބައެކެވެ. އެބޭފުޅުންގެ ކާރުކޮޅު ދުއްވާނޭ ޑުރައިވަރުން ތިބެއެވެ. އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުން މަދުރަސާ އަށް ދަނީ ސަރުކާރުގެ ދިދަޖެހި ކާރުކޮޅުގައެވެ. ޕްރައިވެޓް ސެކިއުރިޓީ ގާޑުންނާއި، އަމިއްލަ ކާރުކޮޅުތައް ގެންގުޅެވޭވަރުގެ މުސާރަޔާ އިނާޔަތް އެބޭފުޅުންނަށް ލިބިލައްވައެވެ. ވުމާއެކު އެބޭފުޅުން، އެބޭފުޅުންގެ ޖިސްމާއި، ޢާއިލާ އާއިމެދު ހާސްވެ ކަންބޮޑުވާނޭ ސަބަބެއްނެތެވެ. އެބޭފުޅުން ތިއްބެވީ ފުދިގެންނެވެ. ޝަހީދު، ޑރ. އަފްރާޝީމް އަށް ދިމާވި ޙާދިސާ އަކީ އިސްތިސްނާ ކަމެކެވެ. އެމަނިކުފާނަކީ ދީނީ ޢިލްމުވެރިއަކަށް ވުމާއި، ރިވެތި އަޚްލާޤެއްގެ ވެރިއަކަށް ވުމުން އެމަނިކުފާނު އުއްމީދު ކުރެއްވީ އެއްވެސް ބިރެއް ނެތް ކަމަށެވެ. ސިކިއުރިޓީ މެދުކަޑާލެއްވީވެސް ޚުދު އަމިއްލަފުޅަށް އެދިގެންނެވެ.
ކަންބޮޑުވެ ހާސްވާންވީ ކޮންބައެއްތޯއެވެ؟ އެބަޔަކީ އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށް ވަކިވަކީން ސިކިއުރިޓީ ދޭނޭ ތަނަވަސްކަމެއް ސަރުކާރަކު ނެތެވެ. ޕްރައިވެޓް ސިކިއުރިޓީ ގެންގުޅޭނޭ ތަނަވަސްކަމެއް އަޅުގަނޑުމެންގެ ކިބަޔަކު ނެތެވެ. އަޅުގަނޑުމެން ފަތިހު ހޭލައިގެން ފަތިސް ނަމާދަށް ދަނީ ގިނިކަންޏާއެވެ. އަޅުގަނޑުމެން ގުދާރު ބިންދައިގެން ފައިސާ ހޯދަން އުޅޭވަގުތު، ދަރިފުޅު މަދުރަސާއަށް ގެންދާނީ ގޭގައި ތިއްބަވާ އަންހެން ބޭފުޅުންނެވެ. އަޅުގަނޑުމެންގެ ކަންތަކާ ވިސްނާ ފިކުރު ކުރާންތިބީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކެވެ. އަޅުގަނޑުމެންނީ ނިކަމެތީންނެވެ.
ޙައްލަކީ ކޮބާ؟
ޙައްލަކީ ސިޔާސީން އެމީހުންގެ ޙައްސިއްޔަތަށް ތިރި ކުރުމެވެ. އެމީހުން އަޅުގަނޑުމެންނާމެދު އަޅާލާ މިންވަރެއްގެ މައްޗަށް މެނުވީ އެމީހުންނަށް އަޅުގަނޑުމެން އަޅާނުލުމެވެ. އެމީހުންގެ ތެރެއިން ރަނގަޅީ ކޮންބައެއް ކަމާއި ނުރަނގަޅީ ކޮންބައެއް ކަން ތިމާގެ އަމިއްލަ ސިކުނޑިން ދަނެގަތުމެވެ. ނުރަނގަޅު މީހުން ސިޔާސީ މައިދާނުން އެކަހެރި ކުރުމެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި، މަޖިލީސް މެމްބަރުން އިންތިޚާބު ކުރުމުގައި ލިބޭ މަދު ފައިސާކޮޅަށް ވޯޓު ވިއްކާ ނުލާންވީއެވެ. އެމީހުން ޖަހާހާ ބެރަކަށް އަޅުގަނޑުމެން ނުނަޝާން ވީއެވެ. އެމީހުންނަށް "މަބޮޑު" ވެވޭނޭ ފުރުސަތު ނުދޭންވީއެވެ. އެމީހުންނީ އަޅުގަނޑުމެންގެ ޚާދިމުންކަން، ޚުދު އެމީޙުންނަށް އިހުސާސްކޮށްދޭންވީއެވެ. އިސްލާމީ ޝަރީޢަތަށް ޢަމަލު ނުކުރާހާ ހިނދަކު ސިޔާސީ އެއްވެސް ޕާޓީއެއްގެ ޙަރަކާތުގައި ބައިވެރި ނުވާންވީއެވެ. އެމީހުން އެކަނިވެރިކޮށް އެމީހުންނަށް ސަޕޯޓު ނުކުރާކަން ސާބިތުކޮށްދޭންވީއެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ސަޕޯޓު ކުރާންވީ މީހުން ކުރާ ޢަމަލަށެވެ. އެމީހުންނަކަށް ނޫނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.