ހެޔޮއަގެއްގައި ޙައްޖަށް ދިއުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އިސްލާމީކް މިނިސްޓްރީއިން ފަށައިފިއެވެ.
ޙައްޖުވެރިންނަށް ހެޔޮ އަގެއްގައި ޙައްޖަށް ދިއުމުގެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއިން އިސްނަގައިގެން މިއަދު ވަނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި މިބައްދަލުވުމަކީ މެލޭޝިޔާގެ ތަބުން ޙާޖީއިން ޙައްޖަށް މީހުން ފޮނުވާ ނިޒާމް ރާއްޖޭގައި ޤާއިމް ކުރުމުގެ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއްކަމަށެވެ. މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ކެޕިޓަލްމާކެޓް ޑިވެލްޕްމަންޓް އޮތޯރިޓީ އަދި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެފައިވާކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ. މިނިޒާމް ޤާއިމް ކުރުމަށް އެމުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރާ ގޮތުގައި "މިއީ މެލޭޝިޔާގެ ތަބުން ޙާޖީގެ މަޝްވަރާގެ މަތިން މެލޭޝިޔާގައި އެކަން ކުރަމުންދާ އުސޫލާ އެއްގޮތަށް ދިވެހިރައްޔިތުންނަށްވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް އުފައްދާ ނިޒާމެއް"ކަމަށެވެ. މިނިޒާމް ޤާއިމް ކުރުމަށް މެލޭޝިޔާގެ ތަބުން ޙާޖީ ގެ ފަންނީ އެހީތެރިކަން ދެއްވާނެކަމަށް އެފަރާތުން ވިދާޅުވެފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ހެޔޮއަގެއްގައި ޙައްޖަށް ދިއުމުގެ ނިޒާމެއް އުފެއްދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...