"ހިޖުރަ" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ވ.އަތޮޅު ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކޭމްޕު ކުރިއަށްދާނީ 2 ދުވަހަށްކަމަށް ރާއްޖެއިސްލާމަށްވަނީ ޚަބަރުލިބިފައެވެ. މި އަންނަ މަހުގެ 18 އިން 20 އަށް ކުރިއަށްދާ މިކޭމްޕުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެވެ.
އައްޝައިޚް އާދަމް ޝަމީމް މެލޭޝިއާގައި ހުންނަވައިގެން ރާއްޖެއިސްލާމަށްވަނީ މިކަމާއިގުޅޭގޮތުން ފޯނުން އިންޓަވިއުއެއް ދެއްވާފައެވެ. ރާއްޖެއިސްލާމުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ވިދާޅުވީ މި ކޭމްޕަކީ ދީނަށް ލޯބިކުރާ ޒުވާނުންނަށް އަމާޒުކުރެވިގެން ބޭއްވޭ ކޭމްޕެއްކަމަށާއި 2 ދުވަހުގެ މިކޭމްޕުގެ ސަބަބުން ދީނީގޮތުން ވަރަށް ގިނަ، އަދި ފައިދާ ކުރުވަނިވި ކަންތައްތަކެއް ލިބިގެންދާނެކަމަށެވެ.
"މި ކޭމްޕު 2 ދުވަހަށް ކުރިއަށްދާއިރު މީގައި ހަމައެކަނި އޮންނާނީ ދަރުސް ދިނުމެއްނޫން، އެކިއެކި ކުޅިވަރު ކުޅުމާއި މަޖާކުރުންވެސް އޮންނާނެ، ދީނީ މިންގަނޑުގެ ތެރެއިން ކުރެވޭ މަޖާތައް އޮންނާނީ، އަދި ދީނީ ތަރުބިއްޔަތު ވަރަށްބޮޑަށް ލިބިގެންދާނެ އިންޝާﷲ". ޝައިޚް ވިދާޅުވިއެވެ.
"ފާފައާއި ދުރުވުން" މި ޝިޢާރުގެ ދަށުން ބާއްވާ 2 ދުވަހުގެ ކޭމްޕުގައި ބައިވެރިކުރަނީ 50 ކުދިންކަމަށާއި ކޭމްޕުގައި ދާންބޭނުންވާކުދިން ނަން ނޯޓުކޮށް ފޯމު ފުރުން މިހާރު ކުރިއަށްދާކަމަށް ޚަބަރު ލިބެއެވެ. މިކަމާއި ގުޅޭގޮތުން ގުޅުއްވުމަށް ތަޢާރަފްކޮށްފައިވާ ނަންބަރަކީ 7644404 އެވެ.
ދީނީ މިންގަނޑުގެ ތެރެއިން ބޭއްވޭ މި ކޭމްޕަކީ މިފަދައިން ރާއްޖޭގައި ބެއްވޭ ފުރަތަމަ ކޭމްޕެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ މިކޭމްޕުގައި މާތްﷲ ބަރަކާތް ލައްވާށި..
ތިރީގައި އެވަނީ ކޭމްޕުގެ ޤަވާޢިދެވެ.
ކޭމްޕްގެ ނަން: 'ހިޖްރާ' هجرة، 'Hijrah' ކޭމްޕް
ހިޖުރަ ކޭމްޕްގެ ޝިޢާރު: 'ފާފައާއި ވަކިވުން'
((وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ)) "ހަގީގީ މުހާޖިރަކީ ﷲ ނަހީކުރެއްވި ކަންތައްތަކާއި ދުރުހެލިވެއްޖެ މީހާއެވެ." [البخاري]
ހިޖުރަ ކޭމްޕްގެ ޝަރުޠު
1- ކޭމްޕްގެ ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ ދީނީ ކަންކަން އޮޅުންފިލުވުމާއި އުނގެނުމުގެ ޝައުގުވެރިކަން އުފެދެން ފަށާފައިވާ އައު ކުދިންނަށެވެ.
2- ދަތުރުގެ ފީ އަކީ ބޮލަކަށް -/300 ރުފިޔާ
3- ދަތުރުގެ ބައިވެރިން ކަނޑައެޅޭނީ ރެޖިސްޓްޓްރޭޝަންގެ މުއްދަތު ހަމަވުމަށް ފަހު، އެއްމެހައި ޝަރުޠުތަކަށް ބަލައިގެންނެވެ.
ހިޖުރަ ކޭމްޕްގެ މަގުސަދު
1- ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުން
2- ދީނީ ތަޢުލީމާއި ތަރުބިއްޔަތު، ކިޔެވުމާއި ދަސްކުރުން
3- އިސްލާމީ އަޚްވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާ ކުރުން
ހިޖުރަ ކޭމްޕްގެ ގަވާޢިދު
1- އަމީރަށް ކިޔަމަންވުން
2- ދަރުސްތަކުގައި ބައިވެރިވުމާއި ފިލާވަޅު ދަސްކުރުން
3- ހުރިހާ ވަގުތަކާއި ކަމެއްގައި އިސްލާމީ މަކާރިމުލް އަޚްލާގުގައި ހިފެހެއްޓުން
ދަތުރުގެ ބައިވެރިން ގެންދަންޖެހޭ ތަކެތީގެ ލިސްޓު
1- ފެންބޯ ތަށި، ބަތްކާ ތަށި، ސަމުސާ / އޫ
2- ފެންވަރާ ސާމަނު
3- ނިދާ ތަންމައްޗާއި ނިދާ ސާމާނު (ކުނާ، ރަޖާ، ނުވަތަ ބެޑްޝީޓް، ބާލީސް، ނުވަތަ ސްލީޕިންގް ބޭގް ފަދަ ތަކެތި)
ނޯޓް:
1- ދަތުރުގެ ޕްރޮގްރާމް ތާވަލާއި އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުމާއި ޓީމްތަކަށް ބެހުމާއި އަމީރުން ކަނޑައެޅުމާއި މަސްއޫލިއްޔަތު ހަވާލު ކުރުން އޮންނާނީ ދަތުރުގެ ރަޖިސްޓްރޭޝަން ނިމުމަށް ފަހުގައެވެ.
2- ދަތުރުގެ ބައިވެރިންގެ ޢަދަދު ކަނޑައެޅަން ޖެހޭނެއެވެ. އެއީ ދަތުރުކުރާ އުޅަނދާއި ދަތުރުދާ ތަނާއި ކެއުމާއި ބުއިމާއި ނިދުން ފަދަ ކަންތައްތަކުގައި ދަތިތަކާއި ކުރިމަތި ނުވެ، އެއްމެންނަށް ހައްގުތައް ފޯރުކޮށްދިނުމުގެ ކުޅަދާނަކަމާއި ތަނަވަސްކަން ހުރި މިންވަރު ބަލައިގެންނެވެ.
3- ދަތުރު ފެށުމުގެ ކުރިން ދަތުރުގެ ބައިވެރިންނާއި އެކުގައި ޚާއްސަ ބައްދަލުވުމެއް ބޭއްވޭނެއެވެ.
މިކެމްޕޭންގެ ރަޖިސްޓްރީ ފޯމް >> ޑައުންލޯޑް ކުރޭ!

ކޮމެންޓް (0)
ލޯޑް ކުރަމުން...