ރާއްޖޭގެ ޚަބަރު ކިނޮޅަހުގައި ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާވަނީ

ކިނޮޅަހުގައި ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާވަނީ

ކިނޮޅަހުގައި ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކިނޮޅަުގެ ކުޑަކުދީން ކޮޅެއް - ފޮޓޯ : ޝުޖާއު މޫސާ

ކިނޮޅަހު ރަށު ކައުންސިލް އިސްވެ، ކެއަރ ސޮސައިޓީއާ ގުޅިގެން ކިނޮޅަހުގައި ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ފަށާނެކަމަށް ކިނޮޅަހު ކައުންސިލުން ހާމަކޮށްފިއެވެ.

މިއީ ކުދިންގެ އަޚްލާޤު ރަނގަޅު ކުރުމުގެ ގޮތުން ތަރުބިއްޔަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބެލެނިވެރިންނާއި ޓީޗަރުންނަށް ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ގޮތުންނާއި އެކުދިންނާ މުޢާމަލާތް ކުރާނެ ގޮތުގެ ހުނަރު ފޯރު ކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމެކެވެ.އަދި މި މަސައްކަތު ބައްދަލުވުމުގައި ކިޔަވާ ކުދިންނަށް ވެސް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ މިއަހަރު ކައުންސިލްގެ 9 ވަނަ ޢާއްމު ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމިފައިވާ ކަމަށާއި އެގޮތުން ރަށުގެ ސްކޫލާއި ޖަމްޢިއްޔާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކޮށް، ރަށުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވި ބެލެނިވެރިންނާއި ޓީޗަރުންނަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ނިންމުނު ކަމަށާއި މި މަސައްކަތު ބައްދަލުވުމަކީ މިއަހަރު ބޭއްވޭ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.އަދި ބޮޑު ޚަރަދެއް ކޮށްގެން ބާއްވާ މިފަދަ ހަރަކާތްތަކުގައި ކައިރި އަވައްޓެރި ރަށްތައް ވެސް ބައިވެރިކޮށްގެން ކުރިޔަށް ގެންދިއުމަކީ މުހައްމު ކަމެއްކަމުގައި ދެކި އެރަށްރަށްވެސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތު ދީފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރ.އަތޮޅު އުނގޫފާރު، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، އިންގުރައިދޫ، މީދޫ އަދި ފައިނުން ، މިއިން ކޮންމެ ރަށަކުން ޕްރީސްކޫލްގެ ޓީޗަރަކާއި ސްކޫލްގެ ޓީޗަރެއް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއެވެ.

މިމަހު، 13، 14އަދި 15 މި ތިންދުވަހު ކިނޮޅަހު ސްކޫލްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމަތު ދެއްވުމަށް ކެއަރ ސޮސައިޓީގެ ފަރާތުން ވަޑައިގަންނަވަނީ އަލްފާޟިލާ ޝިދާތާ ޝަރީފް އާއި ޢާއިޝަތު ސުފާނާ އަދި ސަފާ އިބްރާހީމްއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިކަމުގައި ތަޖުރިބާ ،ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބިލައްވާފައިވާ ކަމަށް ޤާބިލް ބޭފުޅުންނެވެ.
ބުރާސްފަތި ދުވަހު ހެނދުނު 8:30 ގައި ފަށާ މި މަސައްކަތު ބައްދަލުވުމުގެ ފުރަތަމް ދުވަހު މަޢޫލުމާތު ދިނުމަށް ހަމަޖެހިފައިވަނީ ޓީޗަރުންނަށެވެ.ދެވަނަ ދުވަހު ކިޔަވާ ކުދިންނަށް ޚާއްޞަ ކުރާއިރު ތިންވަނަ ދުވަހު މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންނަށެވެ.

"އެވެއާރނަސް ވޯކްޝޮޕް އޮފް ބިހޭވިއަރ މެނޭޖްމަންޓް އެންޑް ކޮމިއުނިކޭޝަން ސްކިލްސް އޮން ޕީ.ޓީ.އެސް" މިނަމުގައި ބާއްވާ މި މަސައްކަތު ބައްދަލުވުމުގެ ސެޝަންތައް ކޮންމެ ދުވަހަކު ހެނދުނާއި މެންދުރުފަހާއި ހަވީރު އަދި ރޭގަނޑު އޮންނާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ކިނޮޅަހަކީ ކުށްކުރުން މަދު ، އަޚްލާޤު ރަނގަޅު ބަޔަކު ދިރިއުޅޭ ނަމޫނާ ރަށަކަށް ހެދުމަކީ ކައުންސިލުން ވަރަށް އިސްކަމެއް ދީގެން ކުރުމަށް ހަމަޖެހިފައިވާ ކަމައްކަމަށާއި އެގޮތުން ދީނީ ޢިލްމުވެރިންގެ ދީނީ ގިނަ ދަރުސްތައް ބާއްވާފައިވާ ކަމަށާއި އަދި ކުރިޔަށްވެސް ދީނީ ޢިލްމުވެރިންގެ އިތުރު ދަރުސްތަކެއްވެސް ބާއްވާނެކަމަށާއި މީގެ އިތުރު ހަރަކާތްތައްވެސް ކުރިޔަން ގެންދާނެކަމަށް ކިނޮޅަހު ރަށު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.