އިރާގު ހަނގުރާމައިގެ ސިއްރު ކުރެވިފައިވާ މައުލޫމާތު ތަކެއް ވިކުލީކުން ލީކު ކުރުމުން އެމެރިކާ ބޭޒާރުވެއްޖެއެވެ.
"ލީކު" ކުރުމުގައި ދުނިޔޭގެ މަޝްހޫރު ވެބްސައިޓް "ވިކިލީކް" އިން ދާދިފަހުން ލީކު ކޮށްފައިވާ ޑޮކިއުމެންޓްތަކެއް ބުނާގޮތުގައި އިރާގު ހަނގުރާމާގައި އެމެރިކާއިން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށެވެ. އަދި އިރާގުގެ ޖަލުތަކުގައި އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިންގަމުންދާކަން އެނގޭ ހާލު އެކަން ސިއްރު ކޮށްފައިވާކަމަށެވެ. ވިކިލީކުން ލީކު ކޮށްފައިވާ ޑޮކިއުމެންޓްތަކުގައި މިފަދަ އެތައް ސިއްރު ވާހަކަތަކެއް ވަނީ ފަޅާއަރުވާލާފައެވެ.
އިރާގުގެ ޖަލުތަކުގެ ޖަރީމާތަކުގެ ތެރޭގައި ޖަލުތަކުގައި ގައިދީން ކަރަންޓުގައި ޖެއްސުމާއި މެރުން އާންމުވެފައިވާކަމަށާއި ގަސްދުގައި ގައިދީންނަށް ބަޑިން ހަމަލާދީ މަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް އެމެރިކާ ސިފައިންނަށް ފޯރު ކޮށްދީފައިވާއިރުވެސް އެކަން ތަހުގީގު ކޮށްފައިނުވާކަމަށެވެ. ލީކު ކޮށްފައިވާ ޑޮކިއުމަންޓްތަކުން އެނގޭ ގޮތުގައި އިރާގު ހަނގުރާމައިގައި އިރާގުގެ 'ކަމާއި ނުބެހޭ' އެތައް ބަޔަކު މަރުވެފައިވާކަމަށާއި އެކަން ފޮރުވުމަށް އެމެރިކާއިން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި މަރުވި މީހުންގެ ޖުމްލަ އަދަދާއިމެދުވެސް ވަނީ ސުވާލު އުފައްދާފައެވެ. އެޑޮކިއުމަންޓްތަކުގައި އެފަދަ ކުށެއް ނެތް އެތައް ބަޔެއްގެ ތަފްސީލީ މައުލޫމާތުވެސް ވަނީ އާންމުކޮށްފައެވެ.
2004 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ފަހުކޮޅުގެ ނިޔަލުގެ ތާރީހުތަކުގެ މައުލޫމާތުތަކުގެ މިސިއްރު ލިޔުންތަކުގެ ސަބަބުން އެމެރިކާ މުޅިދުނިޔެގެ ކުރިމަތީ ބޭޒާރުވެފައިވީނަމަވެސް އެމެރިކާއިން އަދިވެސް ކުށްވެރިކުރަނީ އެ ޑޮކިއުމަންޓްތައް ލީކު ކުރި ފަރާތެވެ. އެމެރިކާއިން ދަނީ 'އެމީހަކު' ހޯދުމަށް މަސައްކަތް ފަށާފައެވެ. އެހެނަސް ވިކިލީކުން 'އެމީހެއްގެ' ނަން ހާމަކުރާކަށް ތައްޔާރެއް ނޫނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...