ސީރިޔާގެ އަނިޔާވެރި ސަރުކާރު ކުށްވެރިކޮށޤ އދ. އާންމު މަޖިލީހުގައި އިއްޔެ ފާސްކުރި ޤަވާއިދަށް ދިވެހިރާއްޖެއިން ތާޢީދުކޮށްފިއެވެ.
ސަޢުދީ ޢަރަބިޔާއިން ހުށަހަޅައި އދ.ގައި ހިމެނޭ 193 ޤައުމުގެ ތެރެއިން 133 ތާޢީދުކޮށްފައިވާ މިޤަރާރަކީ ސީރިޔާގެ ސަލާމަތީ ބާރުތަކުން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް އެޖަރީމާތަކާއި އަދި ސީރިޔާގެ ސަރުކާރުން ސްޓޮކްކުރަމުން އަންނަ ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރުތަކުގެ ނުރައްކާ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް ގެނައުމަށް ފަރުމާކުރެވިފައިވާ ޤަރާރެއްކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.
ފޮރިން މިނިސްޓްރީން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި ބައްޝާރުލް އަސަދުގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގަންނަމުންދާކަމީ އެއީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވާކަމެއްކަމަށެވެ. އަދި ސީރިޔާގައި ހިނގަމުން އަންނަ ލޭއޮހޮރުވުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ.
މީގެއިތުރުން، އދ. އިންނާއި ޢަރަބް ލީގާއި ގުޅިގެން ސީރިޔާއަށް ކަނޑައަޅާފައި ހުންނަ ޖޮއިންޓް އެންވޯއި ކޯފީ އަނާން މިމަހު 2 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވާފައިވުމީ އެއީ އަނާންގެ އެނިންމެވުމަށް ސަރުކާރުން އިޙްތިރާމްކުރެއްވިނަމަވެސް ވަރަށް ހިތާމަކުރައްވާކަމެއްކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.
ސީރިޔާ ސަރުކާރުން ހިންގަމުން އަންނަ ލޭއޮހޮރުވުންތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ދިވެހި ސަރުކާރުންވަނީ ސީރިޔާގެ ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...