ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ބާރީ ޑރ. މަޢުރޫފަށާއި ޢައިލާއަށް ބިރުދައްކައިފިއެވެ.
ޑރ މައުރޫފް މިއަދު ދިއިސްލާމް އަށް ފޮނުވި އެސްއެމްއެސްގައި މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ޑރ މައުރޫފް އެސްއެމްއެސް ގައި ވިދާޅުވީ " ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ބާރީ އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުން އަދި ދަރިންނަށް ވެސް ތިއްބާ މިއަދު ހެނދުނު 9.50 ގައި ބިރު ދައްކާފައިވާ" ކަމަށެވެ.
ޢަދާލަތު ޕާޓީގެ ނައިބް ރައީސް ޑރ. މަޢުރޫފު ޙުސެއިން ދީފައިވާ މިއިންޒާރު ކުށްވެރިކޮށް ޢަދާލަތު ޕާޓީއިންވެސް ވަނީ އެޕާޓީގެ ވެބްސައިޓްގައި ބަޔާނެއް ނެރެފައެވެ. އެބާޔަނުގައި ވަނީ "އެމް.ޑީ.ޕީ ގެ އިސްސަފުގައި ޙަރަކާތް ތެރިވާ ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ބާރީ އައިސް ޑރ. މަޢުރޫފާއި ޒުވާބު ކޮށް ބިރުދެއްކުމުގެ ބަހުރުވައިން ވާހަކަ ދައްކައިފި ކަމަށާއި މިގޮތުން މީނާ ބުނި ތަކެތީގެ ތެރޭގައި ޑރ. މަޢުރޫފްގެ “އަނބިންނާއި ދަރީން ތިބޭނެ ކަމަށާއި، އުޅެން ޖެހެނީ ހަމަ މިތާގައި ކަމަށާއި، ވަރަށް ވިސްނައިގެން އުޅުމަށް” ބުންޏެވެ. އަދި “ނިދަން އޮންނަ އިރު ވެސް މި ބުނި އެއްޗަށް ވިސްނުމަށް” ބުންޏެވެ. އަދި “އަހަރެމެން ދެން މަޑުން ނުތިބޭނަން” ކަމަށާއި، “ވަރަށް އަވަހަށް ކަންތައްތަކެއް ފަށާނެ ކަމަށާއި”، “ޖަހާފައި ނުޖަހާ ތިބޭނެކަމަށް ހީނުކުރުމަށް” ބުނެ މިފަދަ އެތައް އިންޒާރު ތަކެއް ދީފައިވާ" ކަމަށެވެ.
އެބަޔާނުގައި އިތުރަށް ވަނީ، "އެމް.ޑީ.ޕީ ގެ ސަރުކާރުން ރާއްޖޭގައި ބުދުފައްޅި އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން ރާއްޖޭގެ ރަށްރަށުގައި ބުދުތައް ބަހައްޓައި، އެމީހުންގެ ލާދީނީ މަޝްރޫޢަށް ހުރި ހުރިހައި ހުރަހެއް ނައްތާލުމުގެ ގޮތުން ރާއްޖޭގެ ޝާރުޢީ ދާއިރާގެ ދުވަސް ދުއްވާލުމަށް ފެށި މަސައްކަތުގެ ސަބަބުން އެމް.ޑީ.ޕީ އާއި އެޕާޓީގެ މިފަދަ އެކްޓިވިސްޓުން ގެ އަތުން ވެރިކަމާއި މަޤާމުތައް ބީވުމުން ރާއްޖޭގެ އައު ސިޔާސީ ޙަޤީޤަތް ހަމަޖު ނުކުރެވޭ މިފަދަ މީސްމީހުން މިހާރު ދިމާކޮށްފައިވަނީ އެމީހުން ނުރުހޭ މީހުންނަށް ޖިސްމާނީ ގޮތުން ގެއްލުންދޭނެކަމުގެ ބިރު ދެއްކުމަށް"ކަމަށެވެ. "މިދެންނެވި ބާރީ އަކީ އެމް.ޑީ.ޕީ ގެ މެނިފެސްޓޯ ތައްޔާރު ކުރުންފަދަ ކަންކަމުގައި ޙަރަކާތްތެރި ވެފައިވާ އެޕާޓީގެ އިންޓެލެކްޓުއަލް ލެވެލްގެ މީހެއް ކަމަށާއި ޕާޓީގެ އިންޓެލެކްޓުއަލް ނުވަތަ ތަޢުލީމީ ޔާފާތުގެ މީހުންގެ ސުލޫކާއި ޙާލަތަކީ މިއީ ކަމުގައިވާނަމަ އާދައިގެ އެކްޓިވިސްޓުންގެ ޙާލަތު ހުންނާނީ ކިހިނެއްތޯ." އެބަޔާނުގައި ވަނީ ސުވާލު އުފައްދާފައެވެ.
ފަހަކަށް އައިސް އެމްޑީޕީގެ އެކްޓިވިސްޓުންގެ ހަމަލާތަކާއި ފުރައްސާރަ ކުރުން ވަނީ އާންމުވެފައެވެ. އެގޮތުން މަޖިލިސް މެމްބަރު އިލްހާމް އާއި މަގުމަތިން ވަނީ މިހަފްތާގެ ތެރޭގައި ދިމާކޮށްފައެވެ. ޢަދާލަތު ޕާޓީގެ ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރ ޝެއިޚް ޝަހީމްއަށްވެސް ވަނީ އެތައް ފަހަރެއްގެ މަތިން ހަމާލާދީ ދީމާކޮށްފައެވެ. އަދި އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ދަރިފުޅާއި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ދިމާކުރާ މައްސަލައެއް ޕޮލިހަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ވަނީ ދާދިފަހުން ހުށައަޅާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...