ދުވާރުމަތީގައި ބަހައްޓާފައިހުންނަ ތަކެތި ކައުންސިލްގެ ބެލުމުގެދަށަށް ގެންނާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ ވިޔަފާރިކުރާ ފަރާތްތަކުން ގެންނަ މުދަލާއި އުކާލަންޖެހޭ ކުނި ފަދަ ތަކެތި ދުވާރުމަތީގައި ބަހައްޓައި ކަމުގެ ޝަކުވާ ކައުންސިލަށް ލިބުމާގުޅިގެންނެވެ. މިކަމާ ގުޅިގެން އިތުރަށް މުހައްމަދު އަބްދުލް ކަރީމް ވިދާޅުވީ ސިޓީ ކައުންސިލްގެ ސުޕަވައިޒަރުން މާލޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަށް އަމަލުކުރާ ވިޔަފާރިތަށް ބަލަމުންގެންދާ ކަމަށެވެ.
ވިޔަފާރިކުރާ ފަރާތްތަކުން ދުވާރުމަތީގައި ތަކެތި ބަހައްޓައިގެން ފިޔާ، އަލުވި ފަދަ ތަކެތި ސާފުކޮށް ހަދަމުންގެންދާ މައްސަލައަކީ ވަރަށް ގިނައިން ހުށައެޅޭ މައްސަލައެއްކަމަށާއި އަދި އެކަމާ ގުޅިގެން ވިޔަފާރި ކުރާ ފަރާތްތަކަށް އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގައިފައިވާނެކަމަށްވެސް ކައުންސިލްގެ މެމްބަރު ރުކުމާ ވިދާޅުވިއެވެ.
އިތުރަށް މުހައްމަދު އަބްދުލް ކަރީމް ވިދާޅުވީ ދުވާރުމަތީ ގަވައިދާ ޚިލާފަށް ތަކެތި ބަހައްޓާ ފަރާތްތަކާމެދު އަމަލު ކުރާ ޤަވައިދުގައިވާގޮތުން ޤަވައިދާ ޚިލާފުވާފަރާތްތަކުގެ އަދަބަކީ 100ރ އިން ޖޫރިމަނާކުރުންކަމަށެވެ. އެހެންނަމަވެސް މިހާރު އައު ގަވައިދެއް ހަދައިގެން އެއަށް އަމަލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލް އިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...