ރާއްޖޭގެ ޚަބަރު ދީނީ މިނިވަންކަމަށް ގޮވާގޮވުންތަކާއި އެކު ދީނީ އިލްމުވެރިންގެ ދައުރު ބޮޑުވެއްޖެ

ދީނީ މިނިވަންކަމަށް ގޮވާގޮވުންތަކާއި އެކު ދީނީ އިލްމުވެރިންގެ ދައުރު ބޮޑުވެއްޖެ

ދީނީ މިނިވަންކަމަށް ގޮވާގޮވުންތަކާއި އެކު ދީނީ އިލްމުވެރިންގެ ދައުރު ބޮޑުވެއްޖެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަންޖެހޭނެކަމަށާއި ދީނީ މިނިވަންކަމަށް ބާރުދޭ ގޮތައް ސިޔާސީ މައިދާނުގައި ވާހަކަ ދައްކަމުން ދިއުމަކީ ފަހަކަށް އައިސް ވަރަށް އާންމުކަމެކެވެ. އެގޮތުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބައެއްގެ ނިވާފަތްގަނޑުގައި ތިބެ މަދު ބަޔަކު ވަނީ ރާއްޖޭގެގައި ދީނީ މިނިވަންކަން އޮންނަންޖެހޭކަމަށް ބުނެ އާރޓިފިޝިއަލް ބީޗަށް ޑިސެމްބަރު 10 ގައި އެއްވެފައެވެ. ދީނީ މިނިވަންކަމަށް ގޮވާލައި މބަޔަކު މީހުން އާޓިފިޝަލް ބީޗަށް އެއްވެ އަޑު އުފުލާފައިވާތީ "އެ މައްސަލާގައި ނުފުރޮޅާލާ އެންމެ ގަލެއް ވެސް ނުބާއްވާނެ ކަމަށް" ކުރީ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވިދާޅުވިނަމަވެސް އެކަން ވަނީ ނުދައްކާ ވާހަކަ އަކަށްވެފައެވެ. މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމެޓީއަށް ފަސީހު ހާޒިރު ކުރުމުން އެމަނިކުފާނު އޭރު ވިދާޅުވީ " ވަރަށް ބައިވަރު މަސައްކަތް ކޮށްފިން ކަމަށާއި ވަރަށް ގިނަ ބަޔަކު ހާޒިރުކުރެވިއްޖެކަމަށެވެ. އަދި އެތަނަށް ދިޔަ ކަމަށް ބެލެވޭ އެންމެން ސީސީޓީވީންނާއި އާންމު މީހުން ދިން ވީޑިއޯ ކްލިޕް އެއްޗެހީގެ އަލީގައި އަޅުގަނޑުމެން މީހުން ހާޒިރުކުރަމުން ގެންދާ"ކަމަށެވެ.

މަދު ބަޔަކު ނަމަވެސް ރާއްޖޭގެ ދީނީ މިނިވަންކަމަށް މިއޮތީ ގޮވާފައެވެ. ސިޔާސީ ޕާޓީއެއްގެ އާންމު މޫނުތަކެއް މިކަމުގައި ހިމެނޭތީ ގިނަ ބަޔަކު ދަނީ އެޕާޓީއަށް 'ލާދީނީ ޕާޓީ' ކަމުގެ ޓެގް އަޅުވަމުންނެވެ. މިހާހިސާބުން އަޅުގަނޑުމެންނަށް މިމައްސަލަ ހިނދާލެވޭކަށް ނެތެވެ. މިމައްސަލާގެ ތަހުގީގު ކުރެވުމާއި އެކު މިމައްސަލައަށް ދާއިމީ ހައްލެއްވެސް ގެނެވެން އެބަޖެހެއެވެ. މިދިޔަ އަހަރު ފަހުކޮޅު އިސްލާމިކް މިނިސްޓްރީއިން ބޭއްވި ދީނީ އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ތެދުފުޅެކެވެ. އެބޭފުޅާ ވިދާޅުވީ ދިވެހި ބައްޕަ އަކާއި ދިވެހި މަންމައަކަށް އުފަން ދަރިންތަކެއް ނުކުމެ، މި ރާއްޖޭގައި ދީނީ މިނިވަންކަމުގެ ވާހަކަ ދައްކަން ފެށިކަން އެއީ އަޅުގަނޑުމެން ސިއްސުވާލި ކަމެއް" އަދި އެއީ ދިން އިންޒާރެއްކަމަށާއި މިހާ ހިސާބުން ވެސް އަޅުގަނޑުމެންނަށް އިލްމުވެރިންގެ ދައުރު ބޮޑުވެއްޖެކަން އެބަ އިނގޭ ކަމަށެވެ. މީގެ ސަބަބުން އިލްމުވެރިން ކުރައްވަންޖެހޭ މަސައްކަތް އިތުރު ވެއްޖެކަން ޔަގީންވާ ކަމަށެވެ.

އިސްވެ ދެންނެވުނު ދީނީ ޢިލްމުވެރިންގެ މަހާސިންތާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ "އިސްލާމީ މުޖުތަމައެއްގައި ޝަރުއީ ހުކުމްތަކަށް އޮތް ޖާގައަކީ ކޮބައިކަން، އެހެނިހެން ފަރާތްތަކަށް ދަންނަވާލަ ދިނުމަކީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް. ތިޔަ ބޭފުޅުންގެ ވާޖިބެއް. މގާނޫނު ހަދާ ފަރާތްތަކަށް ވެސް ތިޔަ ބޭފުޅޫން މަގު ދެއްކެވުން އެދޭ" ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިފަދައިން ޝެއިޚުންގެ ރައުޔަކަށް އާންމުން ތިބީ ފެންބޮވައިގެންފައެވެ. ޝަރުއީ ހުކުމްތައް ބަޔާން ކޮށްދިނުމަކީ ޢިލްމުވެރިންގެ މަސްޢޫލިއްޔަތެކެވެ. އާންމުންގެ އިތުރުން ޤާނޫނީ ފަރާތްތަކަށްވެސް ޢިލްމީ މައުލޫމާތު ފޯރުކޮށްދީ އެފަދަ ކަންކަމަށް އެބޭފުޅުން ހޭލުންތެރި ކުރުވުމަކީ މިއަދު ރާއްޖެ އޮތް ހާލަތުން ޢިލްމުވެރިން ކުރައްވަން ޖެހޭނެކަމެކެވެ.

ލާދީނީ ފިކުރު ދިވެހިންގެ ތެރޭގައި އާންމުވަމުންދާއިރު އެކި ދިމަދިމާއި މިކަން ދަނީ ފުޅާ ވަމުންނެވެ. ސިޔާސީ ފިކުރުގެ ނަމުގައިވެސް އަޅުގަނޑުމެންގެ ތެރެއަށް ދަނީ 'ލާދީނީ ފިކުރު' ވަންނަމުންނެވެ. ވިސްނުމާއި ފިކުރުގެ ތެރެއަށް ލާދީނީ ޚިޔާލާތުތައް އަށަގަންނަމުންދާއިރު ދީނީ ޢިލްމުވެރިންގެ ދައުރު މިއަދު މިވަނީ މެކުހަށް ޖަހަންޖެހިފައެވެ. ހާލަތު މިވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ސިޔާސީ ވިސްނުން ސަބަބެއް ކަމުގައި ދައްކާ ދީނީ ޢިލްމުވެރިންނަށް ފުރައްސާރަ ކުރަމުންދާ މިދަނޑިވަޅުގައި މިއީ ވަރަށް ބުރަ މަސައްކަތަކަށްވާނެކަން ޔަގީނެވެ. ސިޔާސީ ކަންކަމުގައި ނޫޅޭ ޝޭޚުންވެސް މިއަދު މިވަނީ "ބާގީން" ކަމުގައި ހަދާ ރަށްރަށުން ދަނީ ދަރުސް ދިނުމަށް ހުރަސްތައް ކުރިމަތި ކުރުވަމުންނެވެ. އެހެންކަމުން ދީނީ މިނިވަންކަމަށް ގޮވާލުންދާ މިދަނޑިވަޅުގައި ދީނީ ޢިލްމުވެރިންގެ ބޭނުން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.