އަނިޔާވެރިގޮތަކަށް ފުލުހަކު މަރާލައިފިއެވެ.
މިރޭ 12.00 ހާއިރު ކާށިދޫގައި ޑިއުޓީއަށް ނުކުމެ އުޅުނު ފުލުހެއް ކަމުގައިވާ ކ. ކާށިދޫ ކެތި އާދަމް ހަލީމް (26 އަހަރު) މަރާލާފައިވަނީ ތޫނު އެއްޗަކުން ދިން ހަމަލާއެއްގައެވެ. ފުލުހުން ހާމަކުރައްވާ ގޮތުގައި އާދަމް ހަލީމް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި މި ހާދިސާއާ ގުޅިގެން ފުލުހުން ކާށިދޫން ހައްޔަރުކޮށްފައި ވަނީ ސަމާހު ކިޔާ މީހެއްކަމަށެވެ.
ޚަބަރު ލިބޭ ގޮތުގައި ފުލުސް މީހާ ގަޔަށް ހަތަރު ތަނަކަށް ވަޅި ހަރާފައިވާކަމަށާއި ފުލުސް މީހާ އަށް ހަމަލާ ދީފައިވަނީ ޑީއުޓީގައި އުޅެނިކޮން ކަމަށް ޚަބަރު ލިބެއެވެ. މަރާލި ފުލުސް މީހާގެ ހަށިގަނޑު މިވަގު ކާށިދޫ ސިއްހީ މަރުކަޒުގައި އޮތް އިރު މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހަކަށް ހަމަލާދީ މަރާލި މައްސަލާގައި ރާއްޖޭގެ ރައީސް ވަހީދުގެ އިތުރުން ކުރީގެ ރައީސް ނަޝީދާ ސިޔާސީ ޕާޓީތަކާއި އެކި މުއައްސަސާތަކުގެ އިސްވެރިން ދަނީ މިއަމަލު ކޫށްވެރިކުރަމުންނެވެ.
ސިފައިންގެ ބަޔާން:
ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ޙަލީމް، މިރޭ ކ. ކާށިދޫގައި ޑިޔުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ، ޝަހީދުކޮށްލާފައިވާތީ އެހިތާމައިގައި އެންމެހާ ދިވެހި ސިފައިން ތިބީ، ފުލުހުންނާ އެކުގައި އެއް ރޫޙެއްގައި އަތުގުޅާލައިގެން ކަމުގަ މިފުރުޞަތުގައި ދަންނަވަން. އަދި މިހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަދަހި ސަފުތަކަށް އެއްވެސް ހީނަރުކަމެއް އައިސް، ސަފުތައް ފޫއަޅުވާލެވޭނެ ފުރުޞަތު ނުދިނުމަށް ދަންނަވަން.
މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޝަހީދުކޮށްލި ލާންސް ކޯޕްރަލް އާދަމް ހަލީމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާކުރަން އަދި އެމަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، ހެޔޮމަގުން ހިނގުމުގެ ތަޢުފީޤު މާތް ﷲ މިންވަރުކޮށްދެއްވާށި.
މިރޭ ހިނގައިދިޔަ މިހިތާމަވެރި ހާދިސާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން ޤައުމުގެ އަމަން ބަލަހައްޓަން ތިބޭ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް އަނިޔާކޮށް މަރާހެދުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ އަދި ޤަބޫލުކުރެވޭނެ ކަމެއް ނޫން އަދި ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލޭފަދަ އެއްވެސް ކަމަކަށް ފުރުޞަތުދީ އެފަދަ ކަމަކަށް ހިތްވަރުދިނުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން. އަދި މިފަދަ ލާއިންސާނީ ކުށްތައް ކުރަމުންދާ ފަރާތްތަކަށް ޤާނޫނީގޮތުން ދެވެންއޮތް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލަން.
[time]3:25[/time]
މަޖިލިސް މެމްބަރު މަޚްލޫފު ވީޓީވީގައި:
"ރޭގަ އަޅުގަނޑު ބަލަން ހުއްޓައި ރާއްޖެ ޓީވީގައި ރީކޯ މޫސަ ބުނީ ފުލުހުން އުޅޭ ތަން ތަން އިންގޭ ކަމަށާއި އެމީހުންގެ ދަރިން ވެސް އިނގޭ ކަމަށް، އަދި ފުލުހެއްގެ ނަން ވެސް ކިޔާފައިވޭ. މިރޭ އެދެއްކީ ފުލުހުން ޕެޓްރޯލް ނަގައިފިއޭ ކިޔައިގެން، މިއުޅެނީ މޮޔަވެގެންތޯ ފުލުހުން ޕެޓްރޯލްކޮޅެއް ނުލިބިގެން.....
ނަޝީދު މިކަން ޓުވީޓުކޮށްފައި ކުށްވެރިކުރާއިރު ލަދު ގަންނަން ޖެހޭ، ކޮން ކުށްވެރިއެއް ކުރަންތޯ، ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނާއި އެއްބަސް ވެގެން ގައުމު ސަލާމަތް ކުރަން ނިކުންނަން ޖެހޭ."
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު: ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ކޮންމެ ކަމަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން، މި ހަމަލާ ކުށްވެރިކުރަން.
ބަންޑާރަނައިބް އާޒިމާ ވީޓީވީގައި:
"ފުލުހަކު މަރާލާފައިވާއިރު އެކަން ކުރި މީހަކާއި އެފަދަ ކަން ކުރުމަށް ހިތްވަރު ދިން ފަރާތްތަކުންވެސް ޒިންމާވާންޖެހޭނެ. އެފަދަ އިންޒާރު ދުރަށް ދައްކާފައިވާ ޓީވީ ޗެނަލްއާއި އެފަދަ ޗެނަލް އާއި މެދު ފިޔަވަޅު އަޅާފައިނުވާތީ އެކަމާއި ބެހޭ މުއައްސަސާއިންވެސް ޒިންމާ ވާންޖެހޭނެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވީޓީވީގައި:
"ރާއްޖޭއަށް މިއީ ވަރަށް ހިތާމަވެރި ރެއެއް. މިރެއަކީ ފުލުހުންގެ މުއައްސަސާއަށް ބޮޑު ގޮންޖެހުމެއް ކުރިމތިވި ރެއެއް. މާދަމާއިން ފެށިގެން ގައުމު އަމާން ކުރުމަށް ގައުމުގެ ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ވެއްޖެ."
އިތުރަށް ޝެއިޚް ވިދާޅުވީ، "ފުލުހުންނާއި އެކު އަޅުގަނޑުމެން ތިބިކަން ސާބިތުކޮށްދޭން އެބަޖެހޭ. އަޅުގަނޑު ފުލުހުންނަށް ހިތްވަރު ދެން. އަޅުގަނޑު މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވަން. މިއީ ވަރަށް ބިރުވެރި މައްސަލައެއް." ކަމަށެވެ. އަދި "ގައުމު މިހާލަތަށް ވެއްޓުނީ ބަޔަކު ސިޔާސީ ނާޖައިޒު ފައިދާ ހޯދަން ފެށި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން." ކަމަށްވެސް ޝެއިޚް އިމްރާން ވިދާޅުވި
"މިކަމަށް އޮތް ހަމައެކަނި ހައްލަކީ މަރަށް މަރު ހިފުން. އެހެން ނޫނީ މިކަމަށް ކުޑަވެސް ހައްލެއް ނާންނާނެކަމަށް ޤައުމުގެ އިއްޒަތްތެރި ބޭފުޅުންނަށް ދަންނަވަން" ކަމަށްވެސް ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ މީޑީއާއަށް ހަމަކޮށްފައިވަނީ "އާއިލާއިން ބޭނުން ވަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އާދަމް ހަލީމް މަރާލި ގާތިލުންގެ މައްޗަށް މަރަށް މަރުހިފުމަށް ކަމަށް ބުނި ކަމަށް. މިނިސްޓަރު ވިދާޅުވީ ގާނޫނުގައި ބުނާ ގޮތަށް މާލީ އެހީތެރިކަން އާއިލާއަށް ފޯރުކޮށްދެއްވާނެ."ކަމަށެވެ.
އާދަމް ހަލީމްގެ މަރުގެ ހިތާމައިގައި މާދަމާ ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ވަހީދު ނިންމަވައިފި. އަދި ފުލުހުންގެ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑި އަށް ތިރިކުރަން ޕޮލިސް ކޮމިޝަނަރު ނިންމަވައިފި.
[time]2:35[/time]
އާދަމް ހަލީމަށް ހަމަލާދީފައިވަނީ މޭކަށިގަނޑާ ދިމާލުން ފަސް އިންޗި ފުނަށް ކަމަށް.
[time]2:24[/time]
ރައީސްގެ ބަސްދީގަތުން ވީޓީވީއިން:
"މިކަން ކުރި ބަޔެއް ހޯދާ ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދެވެން ޖެހޭނެކަމަށާއި އޭރުން ނޫނީ މިކަން ހައްލު ނުކުރެވޭނެކަމަށް ޤަބޫލުކުރާ ކަމަށް ރައީސް ވިދާޅުވި.
ސިފައިންނާއި ފުލުހުންނަށް ހަމަލާ ދިނުމަށް ސީދާ ގޮވާލާ ބަޔަކު ތިބިކަން އެބަ އެނގޭ ކަމަށާއި އެބަޔަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. ޓީވީ ޗެނަލްތަކާއި މެދުވެސް ފިޔަވަޅު އަޅަން ޖެހޭކަމަށާއި އެފަރާތްތަކުން ސީދާ ހަމަލާ ދިނުމަށް ގޮވާލާ ކަމަށްވެސް ރައީސް ވިދާޅުވި.
ރައީސް ވަހީދު ވަނީ އާދަމް ހަލީމްގެ އާއިލާއަށް ތައުޒިޔާ ރައްދުކޮށްފައި.
[time]2:15[/time]
" ފުލުހުންނާއި ސިފައިން މަރަން ބަޔަކު ދަނީ ގޮވަމުން، ސިފައިންނާއި ފުލުހުން ދަންނަވާނީ ހިތްވަރު ދޫކޮށްނުލައްޗޭ، އަޅުގަނޑުމެން ވަނީ ތިބޭފުޅުންނާއި އެކީގައި." ކަމަށް ގާސިމް އިބްރާހިމް ވީޓީވީގައި ދެންމެ ވިދާޅުވި.
މި ހާދިސާއާ ގުޅިގެން ފުލުހުން ކާށިދޫން ހައްޔަރުކޮށްފައި ވަނީ ސަމާހު ކިޔާ މީހެއް.
[time]2:00[/time]
ފުލުހުންގެ ވެބްސައިޓްގައި މިމައްސަލާގައިވަނީ މަރުވި ފުލުސް މީހާގެ މައުލޫމާތު އާންމުކޮށްފައި.
ޕޮލިސް ވެބްސައިޓްގައި ވަނީ:
ޑިއުޓީއަށް ދިއުމަށްޓަކައި ފުލުހުންގެ ޔުނީފޯމްގައި މަގުމަތީ ހިނގާފައި ދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ރަޙުމް ކުޑަ ގޮތަކަށް ޙަމަލާދީ މަރާލައިފި. މިރޭ 12:00 ހާއިރު ކ. ކާށިދޫގައި ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް އާދަމް ޙަލީމް، ސ. ނަމްބަރު 2290) .
ޢުމުރުން 26 އަހަރުގެ އާދަމް ޙަލީމަކީ ކ. ކާށިދޫއަށް އުފަން ރައްޔިތެއް. އޭނާގެ ދާޢިމީ އެޑްރެހަކީ ކ. ކާށިދޫ ކެތި އެވެ. އޭނާ މަރުވިއިރު އޭނާގެ 1 އަހަރު ނުވާ ކުއްޖަކާއި އަނތްބަކު އެބަހުރި.
މިދަނޑިވަޅުގައި ދިވެހި ހުރިހާ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން މަރުޙޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ. އަދި މަރުޙޫމުގެ ޢައިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ކުރަން.
[time]1:55[/time]
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިދެންމެއަކު ވަނީ މިހަމަލާ ކުށްވެރިކޮށްފައި. "ފުލުސް މީހާ މަރާލުމަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ވިދާޅުވެފައިވޭ.
[time]1:45[/time]
ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ޓްވިޓާގައި ވިދާޅުވިގޮތުގައި އެފުލުސް މީހާއަކީ "ބަތަލެއް "ކަމަށް. ދާދި ދެންމެއަކު ވީޓީވީގައި ރިޔާޒް ވިދާޅުވެފައިވަނީ ފުލުހުންނަށް ހަމަލާ ދިނަސް ފުލުހުންގެ ސަފު ފަހަތަކަށް ނުޖެހޭނެކަމަށާއި އިތުރަށް ފުލުހުންގެ ސަފު ވާނީ ވަރުގަދަ ކަމަށް. ރިޔާޒް އިތުރަށް ވިދާޅުވީ "ޑިއުޓީގައި ހުއްޓާ، ރަސްމީ ޔުނިފޯމްގައި ހުއްޓާ މަރާލާފައިވަނީ، ފުލުހުންނަށް އަމާޒުކޮށް ގެއްލުންދިނުމަށް ގޮވާލަމުންދާ ދިއުން ވެސް ކުށްވެރިކުރަން، އާދަމް ހަލީމް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައި." ކަމަށެވެ.
[time]1:44[/time]
ވަޅި ހަމަލަދީ ފުލުސް މީހާ މަރާލި ހާދިސާއާ ގުޅިން ކާށިދޫން މިރޭ 12:00 އެހާކަންހާއިރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ޚަބަރު ދޭ.
[time]1:42[/time]
ރައީސް މުހައްމަދު ވަހީދުގެ ޓްވިޓާ މެދުވެރިކޮށް މިއަމަލު ކުށްވެރި ކުރައްވައިފި. ރައީސް ވިދާޅުވީ ގާނޫނު ނަގަހައްޓާ އޮފިސަރުންނާ މެދު ނަފްރަތު އުފެއްދުން ހުއްޓާލަން ވެއްޖެ ކަމަށް. ރައީސް ގެ އިތުރުން ޕޮލިސް ކޮމިޝަނަރ ވެސް ވަނީ މިކަން ކުށްވެރި ކުރައްވާފަ.
[time]1:15[/time]
މިކަން ހިނގާފައިވަނީ ކ. ކާށިދޫގައިކަމަށާއި ފުލުސް މީހާ ގަޔަށް ހަތަރު ތަނަކަށް ވަޅި ހަރާފައިވާކަށް ޚަބަރު ލިބޭ. ފުލުސް މީހާ އަށް ހަމަލާ ދީފައިވަނީ ޑީއުޓީގައި އުޅެނިކޮން ކަމަށް ޚަބަރު ލިބޭ. މަރާލި ފުލުސް މީހާގެ ހަށިގަނޑު މިވަގު ކާށިދޫ ސިއްހީ މަރުކަޒުގައި.
[time]1:07[/time]
ފަހުގެ ޚަބަރުތައް ބުނާގޮތުގައި މަރާލެވިފައިވަނީ ލާންސް ކޯޕްރަލް އާދަމް ހަލީމް ކަމަށެވެ. ފުލުހެއްގެ ގަޔަށް ވަޅި ހަރައި މަރާލިކަން ފުލުސް އޮފީހުން ކަށަވަރު ކޮށްދީފައިވައިވެއެވެ. މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެއެވެ. ހަލީމަކީ ކާށިދޫގެ މީހެއް ކަމަށް ޚަބަރު ލިބެއެވެ.
އަނިޔާވެރިގޮތަކަށް ފުލުހަކު މަރާލައިފި

ކޮމެންޓް (0)
ލޯޑް ކުރަމުން...