ދެ ޖިންސު މަސްހުނިކޮށް ކިޔަވައި ދިނުމަށް ޕީޕަލްސް އެލަޔަންސް ޕާޓީން ދެކޮޅުކަމަށް ހާމަކޮށްފިއެވެ.
ޕީއޭ އިން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ހާމަކޮށްފައިވަނީ "ދެ ޖިންސު މަސްހުނިކޮށް ކިޔަވައި ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށާއި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުމާއި އަރަބި އިސްލާމީ ތައުލީމަށް ދުއްތުރާ ކުރުމަކީ، "އަލްމާނީ ފިކުރެއް"ގެ ދަށުން ރާވައިގެން ސަރުކާރުން ކުރަމުން ގެންދާ ކަމެއް" ކަމަށެވެ. ނޫސް ކޮންފަރެންސްގައި ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު އިތުރަށް ވިދާޅުވިގޮތުގައި "އެޑިއުކޭޝަން މިނިސްޓަރު މަގާމުގައި ހުންނެވި ޑރ. މުސްތަފާ ލުތުފީއަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް ސަރުކާރުގެ ބާރުގައި އިތުރުފުޅު ހައްދަވައިގެން ރާއްޖޭގެ އަރަބި އިސްލާމީ ތައުލީމް ނައްތާލުމަށް ޑރ. މުސްތަފާ ލުތުފީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަމަށް" އަޒީ ތުހުމަތު ކުރެއްވި އެވެ. "ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދިނުމުން ބޮޑެތި ފައިދާތަކެއް ކުރާކަމަށް ދިރާސާތަކުން ދައްކާކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ވާހަކަފުޅަކީ ހަގީގަތާ ހިލާފް ވާހަކަފުޅެއްކަމަށާއި އެގޮތަށް ކިޔަވައި ދިނުމަކީ، އިޖުތިމާއީ މައްސަލަތައް ކުރިމަތިވާ އެއް ސަބަބުކަމަށް އެމެރިކާގެ މަޝްހޫރު އިލްމުވެރިންނާއި ތައުލީމީ މާހިރުންގެ ދިރާސާތަކުން ދައްކާ ކަމަށް" އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ޕީއޭގެ ފަރާތުން އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެފައިވެއެވެ.
ދެ ޖިންސު މަސްހުނިކޮށް ކިޔަވައި ދިނުމަށް މިހާތަނަށް އަދާލަތު ޕާޓީއިންނާއި ޕީއޭއިން ވަނީ އިދިކޮޅަށް ބަސް އިއްވާފައެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީއިން މިމައްސަލާގައި ހަމަހިމޭންވެފައިވާއިރު ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއިން ބުނަމުންދަނީ ދެ ޖިންސު މަސްހުނިކޮށް ކިޔަވައި ދިނުމަކީ އެންމެ ފައިދާހުރި ގޮތްކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...