ރާއްޖޭގެ ޚަބަރު ޙާމިދު ތައުބާވާން ޖެހެ އެވެ. އެކަމަކު އެއީ ޙައްލު ހެއްޔެވެ؟

ޙާމިދު ތައުބާވާން ޖެހެ އެވެ. އެކަމަކު އެއީ ޙައްލު ހެއްޔެވެ؟

ޙާމިދު ތައުބާވާން ޖެހެ އެވެ. އެކަމަކު އެއީ ޙައްލު ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީ މެންބަރުން ހުރަސްއެޅި 2012 ވަނަ އަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ހާމިދު މަޖިލީހުގެ ރައީސްގެ މޭޒުކޮޅަށް ކޮޅަށް އަރުއްވައިގެން - ފޮޓޯ : ސަން އޮންލައިން

މިޤައުމުގެ ނަންހިނގާ ސިޔާސީ ލީޑަރުން މާތްވެގެންވާ އިސްލާމްދީން ކުޑައިމީސްކޮށް އެމަތިވެރިދީނަށް ނިސްބަތްކޮށް ފާޅުގައި ފުރައްސާރަކުރުމަކީ އިއްޔެއަކު މިއަދަކު ހިލިގަނެގެންއުޅޭ ކުޅިގަނޑެއްނޫނެވެ. އިސްލާމްދީނުގެ ޝިޢާރުތަކަށް ހަޖޫޖެހުމާއި، ޝައްކެއްނެތް މިންވަރަށް ސާބިތުވާން ހުރި ޙުކުމްފުޅުތަކަށް އިންކާރުކުރުމަކީ މިޤައުމުގައި ހިނގަމުން އަންނަ ލަދުވެތިކަން ބޮޑު ސިޔާސީ އާދައެކެވެ. ދިވެހިންނަށް ވާގޮތަކީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޒާތެއްގެ ވައިގަނޑެއް އަރައިގެންފައި އޮބިގެންދަނީ އެވެ. މިލިޔުނީ މީޑިއާތަކުގައި ހުސްއަނގަތެޅުމާއި ސައިހޮޓާތަކާއި ޢާންމުން އެއްވެ އުޅޭތަންތަނުގައި ބޮޑުގެރިނަގަން ކުރާބާވަތުގެ ސައްލާކޮށްފައި އިސާހިތަކު އެކަން ހަނދާނުން ކެހިގެން ހިނގައިދާ ވާހަކަ އެވެ.

މިހާރު ލައިގަނެގެން މިއުޅޭ ކަމަކީ ފުރަމާލޭ ރައްޔިތުން އެބައިމީހުން ތަމްސީލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައި، ޢިއްޒަތްތެރިކަން އަރުވާފައިހުރި މެމްބަރަކު، އުޑުތަކުގެ މަތިން ބާވައިލެއްވުނު ޤިޞާޞްގެ ޙުކުމްފުޅު ކުޑައިމީސްކޮށް އެޙުކުމްފުޅަށް އިންކާރުކުރި މައްސަލައެކެވެ. ސިޔާސީ ޕާޓީއެއްގެ ރަސްމީ އޮފީހެއްގައި ބޭއްވުނު ރަސްމީ ނޫސްކޮންފަރެންސެއްގައި އެޕާޓީގެ ރަސްމީ ސްޕޯކްސްޕާސަނަކު ދެއްވާ މަޢުލޫމާތުތަކަކީ އެޕާޓީއެއްގެ ރައުޔު ކަމުގައި ނުވެދާނެ އެއްވެސް ސަބަބެއް ނުއޮންނާނެ އެވެ.

ޝައްކެއްނެތް ގޮތުގައި މިފަދަ ޝައިޠާނީ ކަންކަމުން ތައުބާވެ ދީނަށްރުޖޫޢަވާން ޖެހޭނެ އެވެ. މިހުރިހާ ވާހަކަތަކެއް ދެކެވޭއިރު މިރާއްޖޭގައި އިސްލަމްދީން ނެގެހެއްޓުމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކާއި ފަރުދުންތިބެނީ ގަދަ ނިންޖަކުން ނިދާފަ އެވެ. ސިޔާސީ ނިޒާމުގެ ތެރެއިން ސިޔާސީ މީހުންގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ފަލްސަފާ އާއި ދިމާލަށް ޖެހިލާނަމަ، ޕާޓީތަކުގެ އެތެރޭގެ އިންތިޒާމުގެ ތެރެއިން މިފަދަ ކަންކަމަށް ޙައްލު ނުލިބެނީ ރައްޔިތުންގެ ބުއްދިއެއް ނެތީމާތާ އެވެ. ރައްޔިތުންގެ މަޖިލީހާއި މީޑިއާތަކުގައި އެމްޑީޕީގެ ބައެއް އިސްވެރިންް ޙާމިދުގެ ހާސަރުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ ހިނދު އެއިން އެކަކުމެ އަމިއްލަ ޕާޓީގެ ކަމާގުޅޭ މުއައްސަސާތަކަށް މައްސަލަހުށަނޭޅީ ކީއްވެގެންބާ އެވެ؟ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ތިކުރާ ކަންކަމުން މެމްބަރު ނާޒިމުގެވެސް އަދި ޗެއަރޕާސަން މޫސަގެވެސް އިޚްލާސްތެރިކަން ސާބިތުކޮށެއްނުދެވޭނެ އެވެ. މިޒާތުގެ މައްސަލަތަކުގައި ނަސޭހަތްތެރިވާނަމޭ ބުނުމަކީ މުޖުރިމަކު ކުށުން ބަރީއަވެދާނެ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ގަދަކީރިތިވަންތަ ﷲގެ ޙަޟުރަތަށް ތައުބާވެ، ރައްޔިތުންގެ ތެރެއަށް ނުކުމެ ތައުބާ އިޢުލާންކޮށް، މަޢާފަށް އެދެން ވެސް ޖެހޭނެ އެވެ.

އެކަމަކު މިހާހިސާބުން މި މައްސަލަ ނިންމާލެވޭ ވަރަށްވުރެ މާބޮޑަށްވެސް ޙުޠޫރަތްތެރި ވެއްޖެކަމުގައި ފެނިއްޖެ އެވެ. މިޤައުމާއި މިޤައުމުގެ ރައްޔިތުންގެ މަސްލަޙަތުތައް ކުރިއަރުވައި ދީނާއި ދުނިޔޭގެ ކަންކަން އިސްލާޙުގެ މަގުން ހިންގެވުމަށްޓަކައި ކުރިއަށް ނިކުންނަވައިގެން ތިއްބެވި ސިޔާސީންގެ ތެރޭގައި އުފެދި ބޮޑުވަމުން އަންނަ ސިޔާސީ ބަލިމަޑުކަމަކަށް މިކަން ބަދަލުވުމުގެ ކުރިން މިކަންކަން ހުއްޓުވައި ދިވެހިންގެ އިސްލާމްވަންތަކަން ރައްކާތެރިކޮށް ޣީރަތްތެރިކަން ކުރިއަށްނެރެން އެބަޖެހެ އެވެ. މި މައްސަލަ މިހާ ހޫނުގޮތަކަށް ނަގަން މިޖެހެނީ ވޭތުވެދިޔަ މާޒީގައި ދިވެހި ސިޔާސީ ލީޑަރުންގެ ތެރޭގައި މިނުބައިކަން ބޮޑު މައްސަލައިގެ ޘަޤާފަތެއް އުފެދިފައި އޮތަތީ އެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމުން ފެށިގެން ތިން އަހަރުގެ ކުރު ވެރިކަން ފަހަނައަޅާ، ހިނގަމުންމިދާ އަދި ޢުމުރު ކަނަޑަނޭޅޭ ވެރިކަމުގައި ވެސްމެ އެވެ.
ތިރީސް އަހަރުގެ ދިގުވެރިކަމުގައި މއ. ކިނބިގަސްދޮށުގޭ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ޑރ. އަފްރާޝީމް ޢަލީ ފަދަ ބޭފުޅުންގެ ފަރާތްޕުޅުން މިފަދަ ބަސްފުޅުތައް ތަކުރާރުވަމުން ދިޔަ އެވެ. ނިމިދިޔަ ތިން އަހަރުގެ ކުރު ވެރިކަމުގައި ގ. ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން މުޝްރިކުން އިސްލާމްދީނާމެދު ދައްކާފަދަ ނުލަފާ ވާހަކަފުޅުތައް އިވިގެން ދިޔަ އެވެ. ހިނގަމުންމިދާ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ވެސް މިފަދަ މިސާލުތައް މަދުން ނަމަވެސް ލިޔެވެން އެބަހުއްޓެވެ. މީގެ ތެރޭގައި ދާދިފަހަކުން ތަޢުލީމާބެހޭ ވުޒާރާއިން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން އުޅުނު ޑްރާފްޓް ބިލުގައި މޫނުބުރުގާ އަޅައިގެން އުޅޭ އަންހެނުންގެ ޙައްޤު ނިގުޅައިގަންނަން އުޅުނުކަން ފާހަގަކުރަމެވެ. މިނޫން ވެސް ކުރީގެ ސަރުކާރުތަކުގައި އުޅެ މިދާއިރާއިން ފަސްބައި ކިލަނބުވެފައި ތިބި ބޭފުޅުން ރައީސް ވަޙީދުގެ ވަށައިގެން އެނބުރުމަކީ ދީނީ ކަންކަމުގައި މިސަރުކާރު އަދި ހައްދުންނެއްޓި ބޮއްސުންލައިގެން ނުދިޔަނަމަވެސް އިތުބާރުކުރަން އުނދަގޫވާ ސަބަބެކެވެ.

މިހުރިހާކަމެއް އެއްފަރާތްކޮށްލުމަށްފަހު ރައްޔިތުން އިންތިޚާބުކޮށް ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ތިބޭ މެންބަރުންނާމެދު ވިސްނާލަމާ ބަހީ އެވެ. އެ މަޖިލީހުގައި އިސްލާމްދީނާ ގުޅުންހުރި ކަމެއްގައި ބަޙުޘްކުރެވޭ ކޮންމެ ހިނދެއްގައި ވެސް މެންބަރު ޙާމިދުއާއި މެދުކުރެވޭ އިޙްތިޖާޖު ކިތަންމެ މެންބަރެއްގެ މައްޗަށް ކުރަންޖެހޭ މޭރުމުން ވާހަކަތައް ބައްޓަން ކުރައްވަ އެވެ.

މިޒާތުގެ ލާދީނީ ވާހަކަތައް ފެންމަތިވާ ކޮންމެ ދަނޑިވަޅެއްގައި ސައިބޯނި ބޮއްކެއްހެން ފުފިގެންފައި އިރުކޮޅަކުން ފަޅައިގެންދިޔުމަކުން މިކަން ޙައްލުވާނެ ހެއްޔެވެ؟ އިސްވެ ލިޔެވުނު ފަދަ ގިނަ ބޭފުޅުންނަކީ އެބޭފުޅުން އެފާޅުކުރައްވާ ދީނާ ޚިލާފު ޝުޢޫރުތަކަށްފަހު ވެސް ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވާ ރައްޔިތުންގެ ވޯޓު ލިބިގެން ޒިންމާދާރު ބޮޑެތި މަޤާމްތަކަށް ހަށިހެޔޮވަރުކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ކުރީގެ ރައީސް މައުމޫނު އެވިދާޅުވި އެއްޗަކަށްފަހު ވެސް އެތައް ދައުރަކު އެމަޤާމަށް ދިވެހިން އެމަނިކުފާނަށް އާނބަސް ބުނީ އެވެ. ކުރީގެ ރައީސް ނަޝީދު މަސްތުވާތަކެއްޗާމެދު ފާޅުކުރެއްވި ޚިޔާލުތަކާއެކު ވެސް ދިވެހިން އެމަނިކުފާނު ވެރިކަމަށް އިންތިޚާބުކުޅައީ އެވެ. އެމަނިކުފާނުގެ ބަސްމަގާއި ޢަމަލުފުޅުތައް ހައްދުންނެއްޓުމަށްފަހު ވެސް އެމަނިކުފާނަށް ރިޔާސީ ޓިކެޓު މިހާރުވަނީ ހަދިޔާކުރެވިފަ އެވެ. ޑރ. އަފްރާޝީމް ޢަލީގެ ފުރެދުންތެރި ވާހަކަތަކާއެކު ވެސް އެމަނިކުފާނަށް ޢިއްޒަތްތެރި މަޖިލީހަށް ވަދެވުނީ ހަމަ ރައްޔިތުންގެ ވޯޓު ލިބިގެންނެވެ. ޢަބްދުﷲ ޖާބިރު ޖުވާކުޅުމާ ގުޅޭގޮތުން ފާޅުކުރެއްވި ޚިޔާލުތަކާއެކު އެމަނިކުފާނު ވެސް އެހުންނެވީ ހަމަ ރައްޔިތުންގެ ވޯޓު ހޯއްދަވައިގެންނެވެ.

އިންތިޚާބުތަކުގައި ހިތުހުރިހާ ގޮތަކަށް ކަންކޮށްފައި އެއަށްފަހު މީހަކު ކިޔާހާ އެއްޗަކަށް ޗުކުޗުކު ލެއްވުމަކުން މިކަން ޙައްލެއް ނުވާނެ އެވެ. ދިވެހިން ވޯޓު ދިނުމުގެ ޙައްޤުގެ ބޭނުން ހިފުމުގައި މިހާރަށްވުރެ އެތައް ގުނައެއް ޒިންމާދާރުވާން އެބަޖެހެ އެވެ. ޙައްލަކީ އެއީ އެވެ. ދީންވެރިކަން އިސްކުރަންޖެހެނީ ނަމާދަށް ހަށަންބަންނަ ވަގުތުގައްޔާއި ލާދީނީ މީހުންނާ ދެކޮޅަށް މުޒާހަރާކުރާ ހިނދު އެކަންޏެއް ނޫނެވެ. ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖަހާ ވަގުތުވެސް ރިޝްވަތުގެ ހުތުރު ފައިސާ އާއި މާއްދީ އެދުންތައް ދޫކޮށް، ދީންވެރިކަން ކުރިއަށްނެރެން ވާނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.