މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެންނަން ނިންމާފައިވާ ނުރަގަޅު ބަދަލުތައް ޢަދާލަތު ޕާޓީއިން ކުށްވެރި ކުރާކަމަށާއި، އަދި އެޑިޔުކޭޝަން މިނިސްޓްރީގެ މިފަދަ އެންމެހައި ކަންކަމާއިމެދު ސަމާލުވެ ތިއްބެވުމަށާއި، ދިވެހި ރާއްޖޭގެ ދީނާއި ވަޠަނިއްޔަތާއި ޤައުމުގެ މުސްތަޤްބަލުގެ ޙައްގުގައި މިފަދަ އެންމެހައި ކަންތައްތަކާއި ދެކޮޅަށް އިހުތިޖާޖު ކުރެއްވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ޢަދާލަތު ޕާޓީއިން ގޮވާލައިފިއެވެ.
ޢަދާލަތު ޕާތީގެ ފަރާތުން މިގޮތައް ގޮވާލާފައިވަނީ ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް، އެޑިޔުކޭޝަން މިނިސްޓްރީއިން ގެންނަމުންދާ ނުރަނގަޅު ބަދަލާއިމެދު ކަންބޮޑުވުން ފާޅުކޮށް އިއްޔެ އެޕާޓީ އިން ނެރުނު ނޫސަބަޔާނެއްގައެވެ.
މިނޫސްބަޔާނުގައި ފާހަނގަކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ދެ ޖިންސް އެއްކޮށްގެން ކިޔަވާ ދިނުމަށާއި ބޮޑެތިކުދިން ކިޔަވަމުންދާ ސްކޫލްތަކަށް ތުއްތު ކުދިން ކިޔަވަން ފޮނުވަންޖެހޭގޮތަށް ނިންމާފައިވާ ނިންމުމާއިމެދު ކަންބޮޑުވަނީ ހަމައެކަނި ޢަދާލަތު ޕާޓީންނެއް ނޫންކަމަށާއި އަދި މިއީކޮންމެ ދިވެހި މަންމަޔަކާއި ބައްޕަޔަކުވެސް އަދި ކޮންމެ ބެލެނިވެރިޔަކުވެސް ކަންބޮޑުވާނޭ ކަމެއްކަމަށް އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ފާހަނގަކުރައްވާފައިވެއެވެ.
ޢަދާލަތު ޕާޓީގެ ނޫސްބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ދެޖިންސް އެއްކޮށްގެން ކިޔަވާ ދިނުމަށާއި ބޮޑެތިކުދިން ކިޔަވަމުންދާ ސްކޫލްތަކަށް ތުއްތު ކުދިން ކިޔަވަން ފޮނުވަންޖެހޭގޮތަށް ނިންމުމަށް އެޑިޔުކޭޝަން ދާއްކާވާހަކަތަކަކީ ބުއްދި ޤަބޫލުކުރާނެ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ދެޖިންސުއެކޮށް ކިޔަވައި ދިނުމަކީ މި ޤަރުނުގެ ކުރީކޮޅުގައި ހުޅަނގުގެ ޤައުމުތަކުގައި ތަޢާރަފްކޮށް އަދި އިސްތިޢުމާރީ ބާރުތަކުން އިސްލާމީ ގައުމުތަކުގައި ފަތުރާފައިވާ އުސޫލެކެވެ. އެއީ އިސްލާމް ދީނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައިވާ ދެޖިންސް މަސްހުނި ނުވުމުގެ އުސޫލާއި ފުށުއަރާ އަދި އިސްލާމީ ސަގާފަތާއި ބީރައްޓެހި އުސޫލެއްކަމަށް އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި އަލި އަޅުއްވާލައްވާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...