ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިސްލާމީކް ސްޓަޑީޒުގެ ދަރިވަރުން އިސްނަގައިގެން އުފައްދާފައިވާ ޖަމްޢިއްޔާ 'ސޮސައިޓީ ފޮރ އިސްލާމިކް ސްޓަޑިޒު' އިފްތިތާޙް ކުރުމުގެ ޖަލްސާ މިއަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައިފިއެވެ.
ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒުގެ ފުރަތަމަ ރައީސް މަސްޙޫދު ޢަބްދުﷲ ދިއިސްލާމަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިފްތިތާޙް ކުރުމުގެ ޖަލްސާ މިއަންނަ ހުކުރުދުވަހުގެ ރޭ ބާއްވަން ތައްޔާރު ވަމުން އަންނަކަމަށާއި، ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އަމީނީ ބިލްޑިންގ ގައި ހުންނަ ފައުންޑޭޝަން ސްޓަޑީޒުގެ އޮޑިޓޯރިއަމްގައި ކަމަށެވެ.
މަސްޙޫދު ވިދާޅުވީ އިފްތިތާޙް ކުރުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުން ވަޑައިގަތުމަށް އިސްލާމިކް އެފެއާޒު މިނިސްޓަރ ޝައިޚް ޝަހީމު އެރުވި ދަޢުވަތު ޤަބޫލުކުރައްވާފައިވާ ކަމަށާއި ޖަލްސާއަށް ބައެއް އެހެން މެހެމާނުނަށްވެސް ދަޢުވަތު އަރުވާފައިވާ ކަމަށެވެ.
ސޮސައިޓީ ފޯރ އިސްލާމިކް ސްޓަޑީޒުގެ މަޤުޞަދަކީ ދީނީ ގޮތުންނާއި ޢިލުމީ ގޮތުން އަދި އިޖުތިމާޢީގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމެވެ.
އެސޮސައިޓީގެ ހިންގާކޮމިޓީގައި ތިއްބަނީ 6 މެންބަރުންގެ އިތުރުން ކޮންމެ ކުލާހަކުން މަންދޫބެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...