ޑިޕާޓްމެންޓް އޮފް ޕެނިޓޭޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސްއިން އެތަނުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން ތުބުޅި ބަހައްޓައިގެން އުޅޭ މުވައްޒަފުންނަށް ދެސެންޓި މީޓަރަށް ތުނބުޅި ތުނި ކުރުމަށް އަންގައިފިއެވެ.
ޑީޕީއާރްއެސް މާފުށީ ޖަލުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ދިއިސްލާމަށް މަޢުލޫމާތު ދެމުން ބުނީ ތުބުޅި ބަހައްޓައިގެން އުޅޭ މުވައްޒަފުންނަށް ދެސެންޓިމީޓަރަށް ތުނބުޅި ތުނި ކުރުމަށް އަމުރު ކޮށްފައިވަނީ ޑީޕީއާރުއެސްގެ މުވައްޒަފުންގެ ޤަވަޢިދުގައިވާ ގޮތުގެ މަތިން ކަމަށް ޑީޕީއާރުއެސްއިން ބުނެފައިވާ ކަމަށެވެ.
އޭނާ ބުނީ ތުބުޅި ތުނި ކުރުމަށް އެނގުމުން މުވައްޒަފުން ބުނެފައިވަނީ ތުނބުޅި ބެހެއްޓުމަކީ ދަލީލެއްގެ މައްޗަށް ބިނާކޮށް ކުރާ ކަމެއްކަމަށާއި، ތުނބުޅި ދެސެންޓިމީޓަރަށް ތުނި ކުރުމަށް ދަލީލެއް ދެއްކުމަށް އެދުމުން ޑީޕީއާރުއެސް އިން ބުނެފައިވަނީ އެކަމަށް ދަލީލެއް ނެތް ކަމަށެވެ.
އެމުވައްޒަފުބުނީ ޑީޕީއާރްއެސްއިން ތުބުޅި ބަހައްޓައިގެން އުޅޭ މުވައްޒަފުންނާއި އެހެން މުވައްޒަފުންނާއި މެދު ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށާއި މުވައްޒަފުންގެ ޤަވަޢިދުގައި ބުނެފައިވާ ގަޔަށް ބާރުކޮށް ހެދުން ނޭޅޭނެ ކަމަށް ބުނާ ފަދަ މާއްދާތައް ހުރި އިރު އެފަދަ މާއްދާތަކާއި ހިފުމުގެ ބަދަލުގައި ތުނބުޅި ބެހެއްޓުމުގެ މާއްދާއާއި ހިފައިގެން މުވައްޒަފުން ޙާޟިރުކޮށް ތުނބުޅި ތުނި ކުރުމަށް އަމުރު ކުރަމުންދާ ކަމަށެވެ.
އޭނާ ބުނީ އެމައްސަލަ ޙައްލުކުރުމަށް ހޯމް މިނިސްޓްރީގެ ވެރިންނާއި ވާހަކަ ދައްކާފައިވާ ކަމަށާއި، މައްސަލަ ހައްލު ނުވެއްޖެނަމަ އެނެއްކާވެސް އެމައްސަލަ ކޯޓަށް ވައްދާނެކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...