ސ. އަތޮޅު މަދަރުސާގެ ލެބޯޓަރީ ފަޅާލައި ގިނައަދަދެއްގެ ކެމިކަލްސް އާއި އެހެނިހެންވެސް ސާމާނުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް އެ މަދަރުސާއިން ބުނެފި އެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަދަރުސާގެ ލެބޯޓަރީ ފަޅާލާފައިވަނި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ އެވެ.
ހުޅުމީދޫގައި ހުންނަ އަތޮޅު މަދަރުސާގެ އިސްއޮފިޝަލަކު ވިދާޅުވީ މި ވައްކަމުގައި ލިބިފައިވާ ގޮތް އަންދާޒާ ކުރަން ދަތި ކަމަށާއި އެކަން މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެކަން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި މިކަމަށް އެބޭފުޅުން ޙާއްސަ ސަމާލުކަމެއް ދީގެން ހޯދައި ބަލާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މިކަން ކުރި ބަޔަކު ހޯދާނަން"
މިކަން ހިނގިއިރު އެ ތަނުގެ ޑިއުޓީ ގައި ވޮޗަރެއްވެސް ހުރި ކަމަށް ދިއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ. އޭގެ އިތުރުން އެ މަދަރުސާގެ ބޭރު ފާރުގައި އަވަގުރާނަ ކުރަހައި ނުބައި އެއްޗެހި ލިޔަމުންދާ މައްސަލަ ވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތި ވެފަ އެވެ.
މި ވައްކަމުގެ މައްސަލައިގައި މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...