އެމެރިކާ އަސްކަރިއްޔާއިން ދިވެހި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެއެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި އެމެރިކާގެ ސިފައިންގެ ޕެސިފިކް ކޮމާންޑާއިދެމެދު އެއްބަސްވެފައިވަނީ ލޮޖިސްޓިކް ސަޕޯޓާއި ސަޕްލައިސް އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ކަމަށެވެ. "އެކިއުޒިޝަން އެންޑް ކްރޮސް ސާރވިސިންގ އެގްރީމަންޓް" ގެ ނަމުގައި ބޭއްވި މިއެއްބަސްވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްއިން ހާމަކުރިގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ތަރައްޤީވެ ޚިދުމަތްތައް މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންދާ މިދަނޑިވަޅުގައި، ތަކެއްޗާއި ވަޞީލަތްތަކުގެގޮތުން ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާހިނދު، ދުނިޔޭގެ އެންމެބޮޑު އެއް އަސްކަރިއްޔާގެ އެހީތެރިކަން ލޮޖިސްޓިކްގެ ދާއިރާއިން ލިބިގެންދާކަމީ ރާއްޖޭގެ އަސްކަރިއްޔާއަށް ގިނަގުނަ ފައިދާތަކާއި ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށެވެ.
"އެކިއުޒިޝަން އެންޑް ކްރޮސް ސާރވިސިންގ އެގްރީމަންޓް" ގައި ސޮއިކުރެއްވީ އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރުއެވެ. އަދި އެމެރިކާ ސަރުކާރުގެފަރާތުން މިއެގްރީމަންޓުގައި ސޮއިކުރެއްވީ އެމެރިކާގެ ޕެސިފިކް ކޮމާންޑުގެ ޑައިރެކްޓަރ ފޮރ ލޮޖިސްޓިކްސް، އިންޖިނިއަރިންގ، އެންޑް ސެކިއުރިޓީ އެސިސްޓެންސް ބްރިގޭޑިއަރ ޖެނެރަލް ޑަރެލް ކޭ. ވިލިއަމްސްއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...