ތަޢުލީމީ މުޤައްރަރުގައި ކީރިތި ޤުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމާމެދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބަހެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީގެ ކޮމިޓީން ނިންމައިފިއެވެ.
އިއްޔެ ބޭއްވި އެކޮމިޓީގެ ފަސް ވަނަ ބައްދަލުވުމުގައި ކީރިތި ޤުރުއާން މަޖުބޫރު މާއްދާއެއް ގޮތުގައި ހަމަޖެއްސުމަށް އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީއިން ނިންމާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޚިޔާލު ހޯދުމަށް ސިޓީ ފޮނުއްވުމަށެވެ.
ދިވެހި، އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ތަޢުލީމީ މަންހަޖުގައި ހިމެނުމަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްޢަޒީޒް ޖަމާލް ޢަބޫބަކުރު ހުށަހަޅުއްވާފައިވާ މައްސަލަވެސް ދިރާސާ ކުރެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީގެ ހިޔާލު ހޯދުމަށްވެސް އެބައްދަލުވުމުގައި ކޮމިޓީންވަނީ ނިންމާފައެވެ.
ކޮމިޓީގެ އެބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ، މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަޙީދު އާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އާއި ވިލިމާފަންނު ދާއިރާގެ މެންބަދު އަޙްމަދު ނިހާން ޙުސައިން މަނިކު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު އަދި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމްއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފަށާތަޢުލީމުގެ މަރުޙަލާގައްޔާއި ސާނަވީ ތަޢުލީމުގެ މަރުޙަލާގައި ކީރިތި ޤުރުއާން އެއީ މަޖްބޫރު މާއްދާއެއްކަމަށް ޤައުމީ މަންހަޖުގައި ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ ޤަރާރާ ދެކޮޅަށް އޭރު އެމްޑީޕީއަށް ނިސްބަތްވާ 7 މެންބަރަކު ވަނީ ވޯޓް ދީފައެވެ.
ޖުލައި 21، 2011 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެޤަރާރަށް ވޯޓަށް އެހުމުން ޤަރާރު ބަލައިނުގަތުމަށް ވޯޓް ދިން 7 މެންބަރުންނަކީ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަޙްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް އާއި ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބް އާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މުޙައްމަދު ރަޝީދު އާއި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރު އަދި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އެވެ.
ގިނަ މެންބަރުން އެޤަރާރާ އެއްކޮޅަށް ވޯޓުދިނުމުން އެދުވަހު އެޤަރާރު މަޖިލީހަށް ބަލައިގަނެ ދިރާސާކޮށް އިޞްލާޙްކުރުމަށްޓަކައި ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެމައްސަލަ ކޮމިޓީގައި އޮންނަތާ ވަނީ އަހަރަކާ ގާތްވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...