މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގެ ފަންޑަށް ފައިސާގެ އެހީތެރިކަން ހޯދުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން މުޅި ރާއްޖޭގައި ފަށާ މިސްކިތުގެ ހަފުތާ ފެށިގެންދާނީ މާދަމާ އިސްލާމީ މަރުކަޒުގައި ޝައިޚް އިލްޔާސް ޙުސައިން ދެއްވާ ހުކުރު ޚުތުބާއާއި ހުކުރު ނަމާދަށް ފަހުގައި ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ދިއިސްލާމް"އަށް ވިދާޅުވީ އެކަމަށް ޚާއްޞަ ރަސްމިއްޔާތެއް ނޯންނާނެ ކަމަށާއި ނަމަވެސް މާދަމާ ގެ ޚުތުބާގައި މިސްކިތް ޢިމާރާތްކުރުމުގެ މާތްކަމާއި އެކަމަށް އެހީތެރިވުމުގެ މާތްކަމާ ބެހޭގޮތުން ޝައިޚް އަލިއަޅުވާލައްވާނެ ކަމަށެވެ.
ޝައިޚް އިލްޔާސް ދެއްވާ ހުކުރު ޚުތުބާގެ އިތުރުން މާދަމާރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި "ﷲގެ މަގުގައި ހޭދަކުރުން" މިމައުޟޫޢަށް ޝައިޚް އިލްޔާސްގެ ދަރުސެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
މިދަރުސް އަޑުއެހުމަށް އިސްލާމީ މަރުކަޒުގެ ދެވަނަ ފަންގިފިލާ ފިރިހެން ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާއިރު މަރުކަޒުގެ އެންމެ މަތީ ފަންގިފިލާގައި އަންހެން ބޭފުޅުންނަށްވެސް ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މިދަރުސް ރޭޑިއޯ އެޓޯލް 96 އެފްއިމްއިން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ހިންގާ މިސްކިތު ހަފުތާގެ ދަށުން ހުރިހާ އަތޮޅެއްގައިވެސް ޙަރަކާތްތައް ހިންގާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެމިނިސްޓްރީން ބުނީ މިޙަރަކާތުގައި މާލެ، ވިލިމާލެ، ހުޅުމާލޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް މާދަމާ ފަންޑުފޮށިތަކެއް ބަހައްޓައިގެން އެހީތެރިވެދެއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، އޭގެ އިތުރުން މިހަފުތާގައި އެމިނިސްޓްރީއަށް ވަޑައިގެންވެސް އެހީވެދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި މިމުއްދަތުގައި ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗްތަކެއް މެދުވެރިކޮށްވެސް މިސްކިތު ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެކައުންޓްގެ ތަފްޞީލް :
Account Name: Miskiy Fund
Account No: 7799-099999-014
"މިބިންމަތީގައިވާ ﷲގެ ގެކޮޅު ކަމުގައިވާ މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމަށް ހޭދަކުރެވޭ ތަކެއްޗަކީވެސް ﷲގެ މަގުގައި ކުރެވޭ ހޭދައެއް" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...