ވާހަކަ ”މި އަލިފާނުގެ ހުޅުކޮޅަކީ އެއްވެސް އެއްޗެއް ނޫނެވެ.“

”މި އަލިފާނުގެ ހުޅުކޮޅަކީ އެއްވެސް އެއްޗެއް ނޫނެވެ.“

”މި އަލިފާނުގެ ހުޅުކޮޅަކީ އެއްވެސް އެއްޗެއް ނޫނެވެ.“

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އިންޑޯ ޕާކިސްތާނުގެ ސަރަހައްދެއްގައި 1947 ވަނަ އަހަރުގައި ވަރަށް ބޮޑު ހަމަނުޖެހުމަކާއި ލޭއޮހޮރުވުމެއް ފެށިގެން އައެވެ.

މިފަދަ ސަރަހައްދެއްގައި އުޅޭ ވަރަށް މުއްސައްދި މީހެއްގެ ހުރި ރީތި އަންހެންކުއްޖަކު، އެއްދުވަހެއްގައި އެކުއްޖާގެ ގެއާ މާދުރުނޫން ހިސާބެއްގައި ހުންނަ، އެއްކުއްޖާގެ މާމަގެ ގެއަށް ދިއުމަށް ގެއިން ނިކުތެވެ. އަންހެން ކުއްޖާއަށް ވަކި ހިސާބަކަށް ދެވުނުތަނާ، އަންހެން ކުއްޖާ ހުރި ތަނާ ވަރަށް ކައިރިން، ހަމަނުޖެހުން ހިންގާ ދެބައިގަނޑުގެ ދެމެދުގައި ހަމަލާ ބަދަލު ކުރެވެން ފެށިއެވެ. އަދި އެކުއްޖާއަށް އިތުރަށް ކުރިއަށް ދެވޭގޮތް ނުވެ އެތަނުގައި މަޑުކުރަން ޖެހުނެވެ. އަދި އޭނާ ހުރި ތަނުގެ ކައިރިން މިސްކިތެއް އޭނާއަށް ފެނުނެވެ. އެހެންކަމުން ރައްކަތެރިކަން ހޯދުމަށްޓަކައި އޭނާ އަވަހަށް މިސްކިތައް ވަނެވެ. އަދި މިސްކިތުގެ އަންހެން ބަޔަށް ވަދެ އިށީނެވެ. އިރުއޮއްސި މެންދަމު ވެގެން ދިޔަ އިރުވެސް ބަދަލު ކުރެވެމުން ދިޔަ ހަމަލާތަކެއް ނުހުއްޓެއެވެ. އެހެންކަމުން ހަދާނެ ގޮތެއް ނޭގިފައި އަންހެން ކުއްޖާ މިސްކިތް ތެރޭގައި އިނެވެ. އެ މިސްކިތް ބެލެހެއްޓުމާ ހަވާލުވެގެން ހުންނަނީ ޒުވާން ފިރިހެން ކުއްޖެކެވެ. މިފިރިހެން ކުއްޖާ މެންދަން ވުމުން އޭނާގެ އާދައިގެ މަތިން މިސްކިތްތެރެ ރަނގަޅަށް ބެލުމަށް މިސްކިތްތެރޭ ހިނގަމުން ދަނިކޮށް މީނާ އަށް އެރީތި ޒުވާން އަންހެން ކުއްޖާ އެކަނި މައިއެކަނި މިސްކިތުގެ އަންހެން ބައިގައި އިންދާ ފެނުނެވެ.

މިޒުވާނާ އަކީ ވަރަށް ވެސް ހެޔޮލަފާ ތަޤޮވާވެރި އަޅުވެރި ޒުވާނެކެވެ. އޭނާ ވަރަށް މަޑުމައިތިރިކަމާއެކު، އަންހެންކުއްޖާ ގާތު އެތަނުން ދިއުމަށް އެދުނެވެ. އެފަދަ ވަގުތެއްގައި ދެމީހުން އެކަނިމައިއެކަނި އެތަނުގައި ތިއްބާ ބަޔަކަށް ފެނިއްޖެނަމަ ދެމީހުންގެ ވެސް އަގުވެއްޓި ފަޟީހަތް ވާނެ ކަމަށް ބުންޏެވެ. އަންހެން ކުއްޖާ އޭނާއަށް ކަންތައް ދިމާވެފައިވާ ގޮތް ޒުވާނާ އަށް ކިޔާދިނެވެ. އަދި މަގުމަތި ނުރައްކާތެރި ވާނެތީ ދާން ނުކެރޭނެކަމަށް ބުންޏެވެ. މިވާހަކަތައް އަޑުއެހުންމަށް ފަހު، އަންހެންކުއްޖާ އެރޭ އެތަނުގައި މަޑުކުރިއަސް މައްސަލައެއް ނެތް ކަމުގައި ޒުވާނާ ބުންޏެވެ. މަގުމަތީގެ ޙާލަތު ހުރި ގޮތުން ޒުވާނާއަށް ވެސް ބޭރަށް ދެވެން ނެތުމުން އޭނާ ގޮސް މިސްކިތުގެ އަނެއް ކޮޅުގައި އުއްބަތިއެއް ރޯކޮށްގެން ކިޔެވުމަށް އިށީދެއްޖެ އެވެ.

އެދުވަހުގައި ކުރިމަތިވި ބިރުވެރި ކަމުގެ ސަބަބުން ނުނިދިފައި އިން އަންހެން ކުއްޖާ އަށް، މިސްކިތުގެ އަނެއް ކޮޅުގައި އުއްބަތިއެއް ދިއްލައިގެން ކިޔެވުމަށް އިން ޒުވާނާގެ ކިބައިން ވަރަށް އަޖައިބު ކުރުވަނި ކަމެއް ފެނުނެވެ. އިރު އިރު ކޮޅުން މިޒުވާނާ އޭނާގެ އަތް ރޯކޮށްފައިހުރި އުއްބަތީގެ ހުޅުކޮޅާ ދިމާއަށް ދިއްކޮއްގެން އިނދެއެވެ. އަދި ކެތް ނުވާން ފެށުމުން މެނުވީ އޭނާގެ އަތެއް ނުނަގައެވެ. ދެން އޭނާ އަނެއްކާވެސް ކިޔަވަން ފަށައެވެ. މިފަދައިން މިކަން ތަކުރާރު ކޮށްކޮށް އޭނާ މުޅި ރޭ ހޭދަކުރިއެވެ.

ފަތިސް ވުމުން ޒުވާނާ ބަނގި ގޮވިއެވެ. އަދި ޖަމާއަތުގައި ނަމާދުކުރުމަށް މީހުންގަނޑު އައުމުގެ ކުރިން އެތަނުން އަވަހަށް ދިއުމަށް އަންހެން ކުއްޖާއަށް ބުންޏެވެ. އޭރު ވަނީ ބަދަލު ކުރެވެމުން ދިޔަ ހަމަލާތައް ވެސް ހުއްޓި ހަމަހިމޭން ވެފައެވެ. ޒުވާނާ މުޅި ރޭ އޭނާގެ އަތް އުއްބަތީގެ ހުޅުކޮޅުގައި ޖައްސާ ހެދި ސަބަބު ކިޔާނުދެނީސް އެތަނުން ނުދާނެކަމަށް އަންހެން ކުއްޖާ ބުންޏެވެ. އެއީ ތިމަންނާގެ އަމިއްލަ ކަމެއްކަމުގައި ޒުވާނާ ބުންޏެވެ. ނަމަވެސް މިކަން ކިޔާ ނުދެނީސް އެތަނުން ދިއުމަށް އަންހެން ކުއްޖާ ދެކޮޅު ހެދިއެވެ. އެހެންކަމުން ޒުވާނާ އެއަންހެން ކުއްޖާއަށް ކިޔާދިނެވެ.

”އަހަރެން ނަކީ ޒުވާނަކީމެވެ. އަދި އަހަރެންގެ މިއުމުރަކީ އެދުންވެރިކަން އެންމެ ވަރުގަދަ އުމުރެވެ. އަހަރުމެން ވީ ދެމީހުން އެކަނި މައިއެކަންޏެވެ. އެހެންކަމުން އަހަރެންގެ އެދުންވެރިކަން މައްޗަށް ދިޔައެވެ. އަދި އަހަރެން ކިޔަވަމުން ދިޔަ ކަމުގައި ވިޔަސް ޝައިޠާނާގެ ވަސްވާސްތަކުން އަހަރެންގެ ހިތުގައި އެއެދުންވެރިކަން އިތުރުވަމުން ދިޔައެވެ. އެހެންކަމުން އަހަރެން އަހަރެން އަތް އަލިފާނަށް ދިއްކުރަނީއެވެ. އަދި އަހަރެންނަށް ކެތް ނުވާ ވަރު ވަންދެން ބަހައްޓަމެވެ. އަދި އެދުންވެރިކަން އިތުރުވާހެން ހީވުމުން ކޮންމެފަހަރަކުވެސް އެކަން ތަކުރާރު ކުރަމެވެ. މިހެން މިކަން ކުރާ ކޮންމެ ފަހަރަކު އަހަރެންގެ އަމިއްލަ ނަފްސަށް ބުނަމެވެ. މި އަލިފާނުގެ ހުޅުކޮޅަކީ ޖަހަންނަމައިގެ އަލިފާނާ އަޅާބަލާ އިރު އެއްވެސް އެއްޗެއް ނޫނެވެ.“

ޒުވާނާ މިވާހަކަތައް ކިޔާދީ ނިމުމުން އަންހެން ކުއްޖާ އަވަސް އަވަހަށް އޭނާގެ ގެއަށް ދިޔައެވެ. އަދި އޭނާގެ ގޭމީހުންނަށް އެރޭ ކަންތައް ދިމާވި ގޮތް ކިޔާދިނެވެ. އަންހެން ކުއްޖާ އޭނާގެ މަންމަ ގާތުގައި، މިސްކިތް ބަލަހައްޓާ މިޒުވާނާއާ ކައިވެނި ކުރުމަށް ބޭނުން ވާކަމަށް ސިއްރުން ބުންޏެވެ. އަންހެން ކުއްޖާ، ޒުވާނާ އެރޭ ކަންތައް ކުރި ގޮތް އޭނާގެ މައިންބައިންނަށް ކިޔަދިނުމަށް ފަހު ބުންޏެވެ. ” އެމީހެއްގެ އަނބިމީހާއަށް ތެދުވެރި ވެވޭނީ، ﷲ އަށް މިފަދައިން ތެދުވެރިކަމާއެކު ބިރުވެތިވާ މީހަކަށެވެ. އަދި އެމީހެއްގެ އަނބިމީހާގެ އެންމެހާ ހަޢްޤުތައް ތެދުވެރިކަމާއެކު އަދާކޮށްދެވެނީ މިފަދައިން ﷲ އަށް ތެދުވެރިކަމާއެކު ބިރުވެތި ވާ މީހަކަށެވެ.“

މިސްކިތް ބަލަހައްޓަމުން ދިޔަ މި ފަޤީރު ޒުވާނާއަށް، އޭނާގެ އެ ހެޔޮ ޢަމަލުގެ ސަބަބުން، މުއްސަނދި މީހެއްގެ ހުރި މިރީތި ޒުވާން އަންހެން ކުއްޖާ ލިބުނީއެވެ. ޒުވާނާ އަށް މިމަތިވެރިކަން ލިބުނީ އޭނާގެ ބުރުސޫރައިގެ ރީތި ކަމަކުން ނޫނެވެ. އެހެނަސް އޭނާގެ ރިވެތި އަޚުލާޤުގެ ސަބަބުންނެވެ. ކޮންމެ އެއްޗެއް ވެސް ބަލިކަށިވެ ހަލާކުވެ ދެއެވެ. އެހެނަސް ރިވެތި އަޚުލާޤު ވަރުގަދަކާމާއެކު ދެމި ހުރެއެވެ. މަތިވެރިކަން ލިބެނީ މީހާގެ ބުރުސޫރައިގެ ރީތި ކަމަކުން ނޫނެވެ. އަދި އޭނާ ލާ ރީތި ފޭރާމުގެ ސަބަބަކުންނެއް ވެސް ނޫނެވެ. އެހެނަސް އޭނާގެ ހިތުގެ ތޯހިރު ކަމުގެ ސަބަބުންނެވެ.

މަޞްދަރު: ޤާރީ މުޙަންމަދު ޤައްޔަމް (رحمه الله)

ކްލިކް4އިސްލާމް.ކޮމް

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.