ރާއްޖޭގެ ޚަބަރު ޝައިޚް އިލްޔާސްގެ ދަރުސަށް ވައިކަރަދޫ ކައުންސިލުން ހުރަސްއަޅައިފި

ޝައިޚް އިލްޔާސްގެ ދަރުސަށް ވައިކަރަދޫ ކައުންސިލުން ހުރަސްއަޅައިފި

ޝައިޚް އިލްޔާސްގެ ދަރުސަށް ވައިކަރަދޫ ކައުންސިލުން ހުރަސްއަޅައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ޝެއިޚް އިލްޔާސް ފުރުގާން މިސްކިތުގައި ދަރުސް ދެއްވަނީ ، މިދަރުސައްވެސް ބަޔަކުވަނީ ހުރަސް އަލަން މަސައްކަތްކޮށްފައި . ދިއިސްލާމް ފޮޓޯ: އަޝްވާގު

ރަށުގެ އާންމު މަސްލަހަތަށް ބެލުމަށްފަހު އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް ހދ. ވައިކަރަދޫގައި ބޭއްވުމުގެ ހުއްދަ ދެވެން ނެތް ކަމަށްބުނެ ވައިކަރަދޫ ކައުންސިލުން އެރަށުގެ ޢަދާލަތު ޕާޓީގެ ގޮފިން ބާއްވަން އުޅުނު ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއަޅައިފިއެވެ.

މިއަދު ޢަޞްރު ނަމާދަށް ފަހު ވައިކަރަދޫ މަސްޖިދުލް އިޚްލާޞްގައި ދަރުސް ބޭއްވުމުގެ ހުއްދައާއި އެމިސްކިތުގެ ސައުންޑު ސިސްޓަމު ބޭނުންކުރުމުގެ ޙުއްދައަށް އެދި ޢަދާލަތު ޕާޓީގެ ވައިކަރަދޫ ގޮފިން ވައިކަރަދޫ ކައުންސިލަށް ފޮނުވި ސިޓީއަށް، އެކައުންސިލުން ފޮނުވި ޖަވާބުގެ ސިޓީގައި ބުނެފައިވަނީ "ރަށުގެ ޢާއްމު މަޞްލަޙަތަށް ބަލާ މިރަށުގައި އެބޭފުޅާގެ ދަރުސްދިނުމުގެ ހުއްދަ ދެވެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވާ" ކަމަށެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ވަހީދު ވިދާޅުވީ "މިތަނުގައި ހަމަނުޖެހުމެއް ހިނގައިދާނެތީ، އެންމެ ރަގަޅު ގޮތަކީ ޝައިޚް އިލްޔާސްގެ ދަރުސް ބޭއްވުމަށް ހުއްދަ ނުދިނުން" ކަމަށެވެ.

އަދި އެރަށަކީ ފުލުހުން ތިބޭ ރަށެއް ނޫންކަމަށާއި ހަމަނުޖެހުންމެއް ހިނގައިފިނަމަ ކައުންސިލަށް އެކަން ކޮންޓްރޯލު ނުކުރެވޭނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިނސްޓްރި އޮފް އިސްލާމިކް އެފެއާޒުން ބުނީ އެބޭފުޅަކީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވި ބޭފުޅެއް ކަމުގައިވިއަސް ދިވެހިރާއްޖޭގައި ދީނީ ނަޞޭހަތް ދިނުމުގެ ހުއްދަ އެމިނިސްޓްރީން ދީފައިވާ ކޮންމެ ބޭފުޅަކަށް ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ދަރުސް ދިނުމުގެ ހުއްދަ ލިބިގެންވާ ކަމަށެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރިން ވިދާޅުވެފައިވަނީ، ދީނީ ދަރުސް ދިނުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިފައިވާ ބޭފުޅުން ރާއްޖޭގެ މިސްކިތްތަކުގައި ދަރުސްދިނުމަށް ކައުންސިލްތަކުން އިތުރު ހުއްދައެއް ނަގަންނުޖެހޭނެ ކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އެމިނިސްޓްރީން، ދީނީ ތަޤްރީރުކުރުމާއި ވަޢްޡު ބުނުމުގެ ހުއްދަ ދީފައިވާ ކޮންމެ ބޭފުޅަކަށް ރާއްޖޭގެ ކޮންމެ މިސްކިތެއްގައިވެސް ދަރުސްދެވޭނެ ކަމަށާއި ދަރުސް އިންތިޒާމްކުރާ ފަރާތަކުން އެދަރުސެއް މިވެނި މިސްކިތެއްގައި އޮންނާނެކަން ކައުންސިލަށް އެންގުމުން ފުދޭނެ ކަމަށެވެ.

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ޢާންމުކޮށް ދީނުގެ ޙުކުމްތައް ބަޔާންކުރަންވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަމުގެ ހުއްދަ ދީފައިވާ މީހުން ކަމަށެވެ.

މާލޭހިޔާ ކޮށީގައި ހުންނަ ފުރުޤާން މިސްކިތުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސް ފެށުމުގެ ކުރިންނާއި ދަރުސްކުރިއަށްދިޔައިރު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މިސްކިތް ކައިރިއަށް އެއްވެ ޝައިޚް އިލްޔާސާ ދިމާއަށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައި ހަޅޭއްލަވައި އަޑުގަދަކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލައި ހަމަނުޖެހުން ހިންގައި ދަރުސަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވެއެވެ.
އެހަމަނުޖެހުންތައް މައިތިރިކޮށްފައިވަނީ އެސަރަހައްދަށް ފުލުހުން ގޮސްގެންނެވެ. އެހަމަނުޖެހުންތަކާ ގުޅިގެން އެރޭ 5 މީހަކު ހައްޔަރުކުރުވެސް ކޮށްފައިވެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ފަރާތުން މިމަހުގެ ކުރީކޮޅު ހިތަދޫއާއި އަދި ގުޅިފައިވާ އަވަށްތަކުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުއްދައަށް އެދުމުން އެއިދާރާއިންވެސް ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.
ނޫރުލް އިސްލާމް ޖަމްޢިއްޔާއިން މިމަހު 6 ގައި ފޮނުވާފައިވާ ސިޓީއަށް، ކައުންސިލްގެ އިދާރާއިން މިމަހު 9 ގައި ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ޝައިޚް އިލްޔާސަކީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި މިސްކިތްތަކުގައި އިލްޔާސް ދަރުސް ދެއްވާނަމަ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ހަމަނުޖެހުންތައް ހިންގަމުންދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ދަރުސްތައް ބޭއްވުމަކީ މަޞްލަޙަތު ހުރިކަމެއް ނޫންކަމަށާއި، ނަމަވެސް އޯޕަން ސްޓޭޖް ފަދަ އާންމުތަންތާގައި އެފަދަ ދަރުސްތައް ކުރިއަށްގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް، އެކައުންސިލުން ބުނެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނައިރު، އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.

ވައިކަރަދޫ ކައުންސިލްގައިވެސް ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 5 މެންބަރުންނެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.