މާލޭހިޔާ ކޮށީގައި ހުންނަ ވަގުތީ ފުރުޤާން މިސްކިތުގައި މިރޭ ބޭއްވި ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަށް ހުރަސްއެޅުމަށް ބަޔަކު މަސައްކަތްކޮށްފިއެވެ.
ޒުވާނުންކޮޅެއް އިންތިޒާމްކޮށްގެން، "މަޢާފުކުރާށެވެ" މިމައުޟޫއަށް ބޭއްވި ދަރުސް ފެށުމަށް ކައިރިވެފައިވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުންގެ ބަޔަކު ވަނީ އެސަރަހައްދަށް އެއްވެ ހަޅޭއްލަވައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައެވެ. އެކަމުގެ ސަބަބުން ދަރުސް ފެށުނީ، ކުރިން ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ ފަހުން 20:40 ހާއިރެވެ.
މިދަރުސް ފެށުމުގެ ކުރިން ދަރުސަށް ހުރަސް އެޅުމަށް ގޮވާލައި ބަޔަކު އެސްއެމްއެސް ފަތުރާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
އެސަރަހައްދުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުން އެކަންތައް މައިތިރިކުރުމަށް އެސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ.
ދަރުސް ފެށިތަނާހެންވެސް ބަޔަކު ވަނީ މިސްކިތް ކައިރީ ސައިކަލުން ބަރުގޮނު އަޅައި އަޑުގަދަކޮށްފައެވެ. ފްލެޓްގެ މަތިން އަންހެނުންގެ ބަޔަކުވެސް ހަޅޭއްލަވާ ހަދާފައިވެއެވެ.
އަދި ދަރުސް ކުރިއަށްދަނިކޮށް، ދަރުސް އަޑު އަހަންތިބި މީހުންގެ ތެރެއިން މީހަކު އަޑުގަދަކޮށް "ބާޣީ"އޭ ގޮވުމުން، އޭނާ ވަނީ މިސްކިތުން ބޭރުކޮށްފައެވެ.
މިސްކިތްކައިރީ ހަމަނުޖެހުން ހިންގަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަން "ދިއިސްލާމް"ގެ ޖާނަލިސްޓުންނަށް ފެނިފައިވެއެވެ.
މިކަން ހިނގަމުންދިޔައިރު އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ހައެއްކަ ޝައިޚުންނޭ ކިޔާފައި ޝައިޚުންނާ ދިމާއަށް އެއްޗެހިކިޔާ ވާހަކާދައްކާފައިވެސްވެއެވެ.
މީގެ ކުރިން އެމްޑީޕީގެ ޖަލްސާތަކުގައި، ރީކޯ މޫސަ ވަނީ ޝައިޚް އިލްޔާސް މިސްކިތަކަށް އަރައިފިއްޔާ އެންމެން ފައިބައިގެންދިއުމަށާއި އިލްޔާސްގެ ފަހަތްޕުޅުގައި ނަމާދުނުކުރުމަށް ރީކޯގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އަދި ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރުދެއްވަން ނޫޅުއްވުމަށް ރީކޯ މޫސަ ވަނީ ޝައިޚް އިލްޔާސަށް އިންޒާރުދީފައެވެ.
މިރޭ ހަމަނުޖެހުން ހިންގަން އުޅުނު ބައެއް މީހުންވަނީ އިލްޔާސްއަކީ “ބާޣީއެއް” ކަމަށާއި “ކާފަރެއް”ކަމަށް ގޮވާ އަވަގުރާނަވެސް ގޮވާހަދާފައެވެ. މިހަމުންޖެހުންތައް މައިތިރިވެފައިވަނީ މިރޭ 21:30 ހާއިރެވެ.
ޝައިޚްގެ ދަރުސް ނިންމަވާލައްވާފައިވަނީ 21:59 ހާއިރެއެވެ.
މިދަރުސް އަޑުއެހުމަށް ގިނަ ޢަދަދެއްގެ ފިރިހެން ބޭފުޅުންގެ އިތުރުން އަންހެން ބޭފުޅުންވެސް ޙާޟިރުވުމާއެކު މިސްކިތުގެ އެތެރެއާއި ބޭރުވަނީ ފުރިފައެވެ.
މިރޭގެ ދަރުސްގައި، އިސްލާމްދީނުގައި މަޢާފްކުރުމުގެ މުހިންމުކަމުގެ މައްޗަށް ޝައިޚް އިލްޔާސް ވާހަކަދެއްކެވިއެވެ. ޝައިޚް ވިދާޅުވީ މުޖުތަމަޢުގައި އެއްބައިވަންތަކަން ޤާއިމްކުރުމަށްޓަކައި އެއްބަޔަކު އަނެއް ބަޔަކަށް ކުރެވޭ ކުށްތަކަށް މަޢާފްކުރަންޖެހޭ ކަމަށާއި ކެތްތެރިވާންޖެހޭ ކަމަށެވެ.
އަދި ކަންކަން ޙައްލުކުރެވޭނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަމަށާއި، ޑިމޮކްރަސީއަކުން ނޫން ކަމަށް ޝައިޚް ވިދާޅުވިއެވެ.
މީސްތަކުން އެއްބަޔަކު އަނެއްބައެއްގެ އަބުރު ނަގާލުމަށް މަސައްކަތްނުކުރުމަށާއި ﷲ އަށް ބިރުވެތިވުމަށް ޝައިޚް ގޮވާލެއްވިއެވެ.
މިދަރުސް ރޭޑިއޯ އެޓޯލް 96 އެފްއެމްއިން ވަނީ ލައިވްކޮށްފައެވެ.
މިރޭ ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއެޅުމަށް ބަޔަކު މާލޭގައި ހަމަނުޖެހުންތައް ހިންގާފައިވާއިރު، އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ފަރާތުން މިމަހުގެ ކުރީކޮޅު ހިތަދޫއާއި އަދި ގުޅިފައިވާ އަވަށްތަކުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުއްދައަށް އެދުމުން އެއިދާރާއިން ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.
ނޫރުލް އިސްލާމް ޖަމްޢިއްޔާއިން މިމަހު 6 ގައި ފޮނުވާފައިވާ ސިޓީއަށް، ކައުންސިލްގެ އިދާރާއިން މިމަހު 9 ގައި ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ޝައިޚް އިލްޔާސަކީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި މިސްކިތްތަކުގައި އިލްޔާސް ދަރުސް ދެއްވާނަމަ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ހަމަނުޖެހުންތައް ހިންގަމުންދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ދަރުސްތައް ބޭއްވުމަކީ މަޞްލަޙަތު ހުރިކަމެއް ނޫންކަމަށާއި، ނަމަވެސް އޯޕަން ސްޓޭޖް ފަދަ އާންމުތަންތާގައި އެފަދަ ދަރުސްތައް ކުރިއަށްގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް، އެކައުންސިލުން ބުނެފައިވެއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.
___________________________
21:59 ޝައިޚްގެ ދަރުސް ނިންމަވާލައްވައިފި.
21:57 – މުޖުތަމަޢުގައި އެއްބައިވަންތަކަން ޤާއިމްކުރުމަށްޓަކައި އެއްބަޔަކު އަނެއް ބަޔަކަށް ކުރެވޭ ކުށްތަކަށް މަޢާފްކުރަންޖެހޭ ކަމަށާއި ކެތްތެރިވާންޖެހޭ ކަމަށް ޝައިޚް ދަރުސްގައި ވިދާޅުވި.
އަދި ކަންކަން ޙައްލުކުރެވޭނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަމަށާއި ޑިމޮކްރަސީއަކުން ނޫން ކަމަށް ވިދާޅުވި.
މީސްތަކުން އެއްބަޔަކު އަނެއްބައެއްގެ އަބުރު ނަގާލުމަށް މަސައްކަތްނުކުރުމަށާއި ﷲ އަށް ބިރުވެތިވުމަށް ޝައިޚް ގޮވާލެއްވި.
21:41 – ދަރުސް ކުރިއަށް އެބަދޭ. މިދަރުސް އަޑުއެހުމަށް ގިނަ ޢަދަދެއްގެ އަންހެން ބޭފުޅުންވެސް ވަނީ ޙާޟިރުވެފައި.
21:34 މިދަރުސް ފެށުމުގެ ކުރިން ދަރުސަށް ހުރަސް އެޅުމަށް ގޮވާލައި ބަޔަކު އެސްއެމްއެސް ފަތުރާފައިވާ ކަމުގެ މަޢޫލޫމާތު ލިބޭ.
21:31 މިސްކިތުގެ ވަށައިގެން ބަޔަކު ހިންގި ހަމަނުޖެހުން މިހާރު ވަނީ މައިތިރިވެފައި.
21:29 އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ދަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ހައެއްކަ ޝައިޚުންނޭ ކިޔާފައި ރާއްޖެޓީވީގައި ޝައިޚުންނާ ދިމާއަށް އެއްޗެހިކިޔާ ވާހަކަދައްކަމުން.
21:07 - އިރު އިރުކޮޅާ "ބާޣީ" އޭ ކިޔާ ހަޅޭއްލަވަމުން އެބަދޭ
21:00 - ދަރުސް ކުރިއަށްއެބަދޭ
20:59- ދަރުސް އަޑުއެހުމަށްޓަކައި ގިނަ ބަޔަކު ގޮސްފައިވުމުން، މިސްކިތުގެ އެތެރެއާއި ބޭރުވަނީ ފުރިފައި.
20:51 ބައެއް މީހުންވަނީ އިލްޔާސްއަކީ "ބާޣީއެއް" ކަމަށާއި "ކާފަރެއް"ކަމަށް ގޮވާ އަވަގުރާނަވެސް ގޮވާފައި.
20:51 - ދަރުސް އަޑު އަހަންތިބި މީހުންގެ ތެރެއިން މީހަކު އަޑުގަދަކޮށް "ބާޣީ" ގޮވާތީ މިސްކިތުން ބޭރުކޮށްފި
20:50 - މިސްކިތްކައިރީ ދަރުސަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގަން އުޅުމުން އެކަކު ހައްޔަރުކޮއްފި
20:47 - މިސްކިތަށް ވަންނަ މައިދޮރުކައިރީ އެމްޑީޕީ ބަޔަކު އެބަތިބި. މިހާރު ފުލުހުންގެ އެއްބާރުލުމާއެކު ސަރަހައްދު ހަމައަކަށް އެޅިއްޖެ
20:46 - މިސްކިތް ވަށައިގެން އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ކޮންމެވެސް ވަރަކަށް އަޑުގަދަ ކުރަމުން އެބަދޭ
20:45 - މިދަރުސްގައި ވަރަށް ގިނަ ބަޔަކު ބައިވެރިވާކަމަށް ދިއިސްލާމްގެ ރިޕޯޓަރު މަޢުލޫމާތުދޭ
20:44 - ދަރުސަށް ހުރަސް އަޅާ މީހުން ފުލުހުން ބޭރުކުރަމުން އެބަދޭ
20:44 - އަންހެނުންތަކެއް ހަޅޭއްލަވަމުން އެބަދޭ، ފްލެޓްމަތިންވެސް ބަޔަކު ހަޅޭއްލަވާ އަޑުއިވޭ
20:42 - ފުލް ގިޔަރުގައި ތިބި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ
20:41 - ދަރުސް ކުރިޔަށްދަނީ، އެމްޑީޕީ ބަޔަކު މިސްކިތް ކައިރީ ބަރުގޮނު އަޅަމުން އެބަދޭ
މިދަރުސް ރޭޑިއޯ އެޓޯލްއިން ދަނީ ލައިވްކުރަމުން.
20:40 - ދެފަރާތުގެ ބަހުގެ ހަމަލާއަށްފަހު ދަރުސް ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ ފަހުން ދަރުސް ފައްޓައިފި
20:38 – މާލޭހިޔާ ކޮށީގައި ހުންނަ ވަގުތީ ފުރުޤާން މިސްކިތުގައި މިރޭ ބާއްވާ، ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސް “މަޢާފުކުރާށެވެ.” ފެށުމަށް ކައިރިވެފައިވަނިކޮށް ބަޔަކު އެދަރުސަށް ހުރަސްއެޅުމަށް މަސައްކަތްކުރަމުން އެބަދޭ.

ކޮމެންޓް (0)
ލޯޑް ކުރަމުން...