ދީން ސުވަރުގެއަށް އެދުންވެރިވާ މީހުން

ސުވަރުގެއަށް އެދުންވެރިވާ މީހުން

ސުވަރުގެއަށް އެދުންވެރިވާ މީހުން

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

މަތިވެރިވެގެންވާ ސުވަރުގެއަށް ވަންނަން އެދޭ ކޮންމެމީހަކަށް ދަންނަވަމެވެ. ޙޫރުލްޢީނުން ޙާޞިލުކުރުމަށް އެދޭ ކޮންމެމީހަކަށް ދަންނަވަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ދުށުމަށް އެދޭ ކޮންމެ މީހަކަށް ދަންނަވަމެވެ. ސަލާމަތުގެ ގޮވައްޗަށް އެދޭ ކޮންމެ މީހަކަށް ދަންނަވަމެވެ.
ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. ހުރިހާ ހިތްހަމަޖެހުމަކާއި ނަފްސު އެދޭ އެންމެހާ ރިވެތި އެދުންތައް އެތަނުން ފުދޭ ގޮތަށެވެ. އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރު ވާނޭ މީހެއް ނޫނެވެ. އެމީހަކު އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)
"ފަހެ އެމީހުންނަށްޓަކައި (ސުވަރުގެވެރިންނަށްޓަކައި) ފޮރުއްވާފައިވާ ލޮލުގެފިނިކަން (އެބަހީ ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތަށް) އެއްވެސް ނަފްސަކަށް ނޭގޭނެއެވެ. (އެއީ) އެމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ."

ސުވަރުގޭގެ ބިން ތައްޔާރުވެވިގެންވަނީ ގޮމަކަސްތޫރިންނެވެ. އެތާނގެ ފަންގިފިލާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝިކޮޅެވެ. އެތާނގެ ބިމުގައިވާ ވެލިފުއްތައް ހެދިފައިވަނީ މުތާއި ޖައުހަރުންނެވެ. އެތަން ބިނާވެގެންވަނީ ރަނާއި ރިހިންނެވެ. ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިންވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސެވެ. 

އެސުވަރުގޭގެ ބިން ތައްޔާރުވެވިގެންވަނީ ގޮމަކަސްތޫރިންނެވެ. އެތާނގެ ފަންގިފިލާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝިކޮޅެވެ. އެތާނގެ ބިމުގައިވާ ވެލިފުއްތައް ހެދިފައިވަނީ މުތާއި ޖައުހަރުންނެވެ. އެތަން ބިނާވެގެންވަނީ ރަނާއި ރިހިންނެވެ. ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައި އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިންވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސެވެ. އެތަނުން، ސުވަރުގޭގެ ކޯރުތައް ދެމިގެންވެއެވެ. ސުވަރުގޭގައި ހަތަރު ވައްތަރެއްގެ ކޯރުތައްވެއެވެ. އެއީ، ރަހައަށް ބަދަލެއް ނާންނަ ފެންކޯރުތަކާއި، ރަހައަށް ބަދަލެއް ނާންނަ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް ލައްޛަތު ލިއްބައިދޭ މަސްތުވުމެއްނެތް ރަލުގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތަކެވެ.

އެތާނގެ އަހުލުވެރިންގެ ކާނާއަކީ އެމީހުން ޚިޔާރުކުރާ މޭވާއެވެ. އަދި އެމީހުން އެދޭ ކޮންމެ ދޫންޏެއްގެ މަހެވެ. އެމީހުން ބޯހުށީ ކާފޫރާއި ރަންޖަބީލު އެއްކޮއްފައިވާ ރަލެވެ. ކެއިންބުއިމަށްފަހު ފާޚާނާ ކުރުމުގެ ބަދަލުގައި އެމީހުންގައިން ހިއްލާނީ ދަލެކެވެ. އެ ދަލުގެވަސް ގޮމަކަސްތޫރިގެ ވަސްފަދައެވެ. އެމީހުން ލާނީ ފަށުއި ފޭރާންތަކެވެ. އެމީހުންގެ އެނދުތަކުގެ ދަށްފުށް ހެދިފައިވަނީ ފަށުއިންނެވެ. އެމީހުން ބޭނުންކުރާ ތަށިތައް ހެދިފައިވަނީ އެތެރެފެންނަ ރަނާއި ރިހިންނެވެ.

ސުވަރުގެވެރިންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޖައްބާރުވަންތަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތެވެ.

އެތާނގެ އަހުލުވެރިންގެ ރީތިކަން ސާދަވިލޭރޭގެ ހަނދުފަދަ ވާނެއެވެ. އެމީހުންގެ ޢުމުރަކީ، ޒުވާންކަމުގެ ކުންނު ކަމުގައިވާ ތެއްތިރީސް އަހަރެވެ. އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންނެވެ. ސުވަރުގެވެރިންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޖައްބާރުވަންތަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތެވެ.

ސުވަރުގެއިން އެންމެ ދަށް މަންޒިލް ލިބޭމީހާގެ ދަރަޖަ
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވެއެވެ.
"سألَ مُوسى عليه السلام ربَّه: ما أَدْنى أَهل الجنَّة مَنْزِلَةً؟ قال: هو رجل يجيء بعد ما أُدخل أهل الجنة الجنة فيقال له: ادخل الجنة، فيقول: أي رب كيف وقد نزل الناس منازلهم وأخذوا أخذتهم فيقال له: أترضى أن يكون لك مثل ملك ملك من ملوك الدنيا؟ فيقول: رضيت رب. فيقول: لك ذلك ومثله ومثله ومثله، فيقول في الخامسة: رضيت رب، فيقول: هذا لك وعشرة أمثاله، ولك ما اشتهت نفسك، ولذت عينك. فيقول: رضيت" (رواه مسلم)
"މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ދެންނެވިއެވެ. ސުވަރުގެއިން އެންމެ ދަށުދަރަޖަ ލިބޭ މީހާގެ މަންޒިލަކީ ކޮބާހެއްޔެވެ؟ އެއިލާހު ވަޙީކުރެއްވިއެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށްފަހު އަންނަމީހެކެވެ. ފަހެ އޭނާއަށް ދެންނެވޭނެއެވެ. ސުވަރުގެއަށް ވަންނާށެވެ. ފަހެ އޭނާ ބުނާނެއެވެ. އޭއަޅު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކިހިނަކުންތޯއެވެ؟ މީސްތަކުން އެބައިމީހުންގެ މަންޒިލުތަކަށް ވަދެއްޖެއެވެ. އަދި އެބައިމީހުންނަށް ކަނޑައެޅިފައިވާ ނިޢުމަތްތައް ޙާޞިލުކޮށްފިއެވެ. އެހިނދު އޭނާއަށް ދެންނެވޭނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ރަސްކަންފަދަ ރަސްކަމެއް ތިބާއަށް ލިބުމަށް ތިބާ ރުހެންހެއްޔެވެ؟ އެހިނދު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި ފަސްވަނަ ފަހަރު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެއާއި އޭގެ ދިހަގުނަ ވެއެވެ. އަދި ތިބާގެ ނަފުސު އެދޭ ކޮންމެ އެއްޗެއް ތިބާއަށް ވެއެވެ. އަދި ތިބާގެ ލޮލަށް އަރާމުކަންދޭ ކޮންމެ އެއްޗެއްވެސް ތިބާއަށް ވެއެވެ. އެހިނދު އޭނާ ބުނާނެއެވެ. އަޅު ރުހިއްޖައީމެވެ."

މިމަތިވެރި ބަގީޗާތަކާއި ގަނޑުވަރުތައް ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. މިމަތިވެރި ވެގެންވާ ސުވަރުގެ ލިބިއްޖެ މީހަކީ ކާމިޔާބު ލިބިއްޖެ މީހެކެވެ. މިސުވަރުގެ ޙާޞިލުކުރުމަށްޓަކައި މިއުންމަތުގެ ސަލަފުން ވަނީ ވަރަށް ގަދައަޅައި މަސައްކަތް ކުރައްވާފައެވެ. އެބޭކަލުން ހިންގެވި މަގަކީ ކާމިޔާބު ބޭނުންނަމަ އަޅުގަނޑުމެންވެސް ހިނގަންވީ މަގެވެ.

ސުވަރުގެއަށް ވަދެވޭނެ ސަބަބުތައް:
* އިސްލާމްދީނުގެ ރުކުންތަކަށް ރައްކާތެރިވުން.
* ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ކުރުމަށް އެންގެވި ކޮންމެ ކަމެއް ކުރުން.

* ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން އެކަމަކާ ދުރުހެލިވުމަށް އެންގެވި ކޮންމެ ކަމަކުން ދުރުހެލިވުން.
* މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ކޮލުދަތްތަކުން ހިފުން.
* ތެދުވެރިކަން.
* ﷲގެ މަގުގައި ހޭދަކުރުން.
* ސަލާމްކުރުން ގިނަކުރުން.
* މިސްކިތްތައް ބިނާކުރުން.
* ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުން.
* ޔަތީމުން ބަލައިބޮޑުކުރުން.
* ރިވެތި އަޚުލާޤު.
* ފަތިސް ނަމާދާއި ޢަޞުރު ނަމާދަށް ރައްކާތެރިވުން.
* ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން.
* ފަރުޟު ނަމާދުތަކަށް، ޖަމާޢަތަށް މިސްކިތަށް ދިއުން.
* މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި ހުންނަ އެއްޗިހި އެއްކައިރި ކުރުން.
* ބަލިމީހުންނަށް ޒިޔާރަތްކުރުން.
* ރުޅި އަންނަހިނދު، އެރުޅި މައިތިރިކުރުން.
* މީސްތަކުންނަށް މަޢާފުކުރުން.
* އަމާނާތްތެރިވުން.
* ދުލާއި ލަދުވެތި ގުނަވަނަށް ރައްކާތެރިވުން.
* ކޮންމެ ފަރުޟު ނަމާދެއްގެފަހުގައި އާޔަތުލް ކުރްސި ކިޔެވުން.
* ސޫރަތުލް އިޚްލާޞް ކިޔެވުން ގިނަކުރުން.
* ދަމުނަމާދުކުރުން.
* ޙަސަދަވެރިކަމުން ދުރުހެލިވުން.
* އަނބިމީހާ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވުން.
މުސްލިމް އަޚުންނާއި އުޚުތުންނޭއވެ.
މިމަތިވެރި ބަގީޗާތަކާއި ގަނޑުވަރުތައް ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. މިމަތިވެރި ވެގެންވާ ސުވަރުގެ ލިބިއްޖެ މީހަކީ ކާމިޔާބު ލިބިއްޖެ މީހެކެވެ. މިސުވަރުގެ ޙާޞިލުކުރުމަށްޓަކައި މިއުންމަތުގެ ސަލަފުން ވަނީ ވަރަށް ގަދައަޅައި މަސައްކަތް ކުރައްވާފައެވެ. އެބޭކަލުން ހިންގެވި މަގަކީ ކާމިޔާބު ބޭނުންނަމަ އަޅުގަނޑުމެންވެސް ހިނގަންވީ މަގެވެ.
اللهم إنا نسألك الجنة وما يقرب إليها من قول وعمل وصلى الله وسلم على نبينا محمد وآله وصحبه أجمعين

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.