
މިއަދު ފާހަނގަކުރާ ބައިނަލްޢަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަންއާއި އެމްޖޭ ރައީސް ހިރިގާ އަޙްމަދު ޒާހިރު - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އެއްވެސް މީޑިއާއެއް މިއަދު ނެތް ކަމަށާއި، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އޮތީ އޮންނާނެ އެންމެ ފުޅާމިނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙިދު ޙަސަން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަނގަކުރާ ބައިނަލްޢަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ނޫސްވެރިންނާއި އަދި މީޑިއާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ "މިއަދު ދިވެހި ސަރުކާރުގެ އަތަކު ރޭޑިއޯއެއް ޓީ.ވީ.އެއް ނެތް. މިއީ އަޅުގަނޑަށް ހީވަނީ، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ފުރަތަމަފަހަރަށް ސަރުކާރުގެ އަތުގައި ނޫހެއް، މަޖައްލާއެއް، ޓީ.ވީ.އެއް، ރޭޑިއޯއެއް ނެތް ފުރަތަމަފަހަރު. އަޅުގަނޑު މިމަޤާމާ ޙަވާލުވިތާ ހަފްތާއެއްގެ ތެރޭގައި، އަޅުގަނޑު އެމް.ބީ.ސީ.ގެ ބޯޑާ ބައްދަލުކުރިން. ބައްދަލުކޮށްފައި، އެވަގުތު ވަރަށް ހާސްކަމުގެ ތެރޭގައި އުޅެމުންވެސް، އަޅުގަނޑު މަސައްކަތްކުރީ، ސަރުކާރުގެ ޓެލެވިޜަނާއި ރޭޑިއޯ، ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތަށް، ޤާނޫނާ އެއްގޮތްވާ ގޮތަށް އެމް.ބީ.ސީ.އާ ޙަވާލުކުރުމަށް. އެހެންވީމާ، އޭރުވެސް ހަމަ އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައިގެން، އަޅުގަނޑު ދެކޭގޮތުގައި، އެންމެ ފުރަތަމަ ކުރެވުނު އެންމެމޮޅު ކަމަކީ، އަޅުގަނޑުމެންނަށް ހަމަ ރޭޑިއޯއާއި ޓީ.ވީ އެމް.ބީ.ސީ.އާ ޙަވާލުކުރުން. އެހިސާބުން ފެށިގެން ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި މިއަދަކު ނެތް މީޑިއާއެއް. އަޅުގަނޑު އުފަލާ އެކީގައި އެހެން މި ބުނަނީ، ސަރުކާރަކުން ނޫޅެ، ކޮންމެހެން ސަރުކާރަށް ފެންނަ ގޮތް އެކަނި އެއީ ޙަޤީޤަތް ކަމަށް ހެދުމަށްޓަކައި މަސައްކަތް ކުރާކަށް މިއަދަކު" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު ވަޙިދު ޙަސން ވިދާޅުވީ މިއަދު ރާއްޖޭގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިއޮތީ އޮންނާނެ އެންމެ ފުޅާމިނުގައި ކަމަށާއި ނަމވެސް މިނިވަންކަމަކީ އެހެން މީހުންގެ މިނިވަންކަމުން އަރައިގަންނަ ހިސާބުން، އެ ޙުދޫދު ކަނޑައެޅިގެންދާ އެއްޗެއްކަމަށާއި އެހެންވީމާ، މިނިވަންކަމުގެ ނަމުގައި ޚިޔާލުފާޅުކުރަމުންދާއިރު، ވިސްނާލަން ޖެހޭކމުގައި ވިދާޅުވިއެވެ.
"ޚިޔާލުފާޅުކުރާ މީހުން އެކަމަކު އެބަ ވިސްނަންޖެހޭ، ޑިމޮކްރެޓިކް ވެށްޓެއް ޤާއިމްކޮށްފައި ބޭއްވުމަށްޓަކައި، ޒިންމާދާރު ސިޓިޒަންއެއްގެ ޙައިޘިއްޔަތުން ޚިޔާލުފާޅުކުރުމުގައި ކިހިނެއްތޯ ޢަމަލުކުރަން މިޖެހެނީ. މިނިވަންކަމަކީ، އެހެން މީހުންގެ މިނިވަންކަމުން އަރައިގަންނަ ހިސާބުން، އެ ޙުދޫދު ކަނޑައެޅިގެންދާ އެއްޗެއް. އެހެންވީމާ، މިނިވަންކަމުގެ ނަމުގައި ޚިޔާލުފާޅުކުރަމުންދާއިރު، އެބަ ވިސްނަންޖެހޭ، ކިހިނެއްތޯ އެހެން މީހުންނަށް މިއިން އަސަރު ކުރާނީވެސް. މިހާރު އަޅުގަނޑުމެންގެ ތެރޭގައި، ޚިޔާލުފާޅުކުރުމުގެ ނަމުގައި، ވަރަށް ބޮޑަށް އެހެން މީސްމީހުންނަށް އުނދަގޫވާގޮތަށް ކަންތައް ކުރެވެމުން އެބަދޭ. އަޅުގަނޑަށް އެތަން އެބަ ފެނޭ، އަޅުގަނޑު ދަތުރުކުރާއިރުގައިވެސް" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އިތުރަށްވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ފަރާތުންވެސް ކަންތައްތައް ކުރަން އެބަޖެހޭކަމަށާއި އޭގެތެރެއިން މިއަދުވެސް ހަމަ މިއަދުވެސް ގެޒެޓްގައި ޖަހާ އިޢުލާނުތައް ޖެހުމުގައި، ގެޒެޓްގައި އެކަނި ނުޖަހާ ހުޅުވާލަން. ސަރުކާރުގެ ފަރާތުން ނެރޭ އިޢުލާނުތަކަކީ އެއީ ހުރިހާ ނޫސްތަކަކަށްވެސް ލިބެންހުރި އެއްޗަކަށްވާން. އޭގެ ސަބަބުން ހީވަނީ، ނެރޭ ނޫސްތަކަށް ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ލިބިގެންދާނެ ކމަށް ވިދާޅުވިއެވެ.
"ސަރުކާރުގެ ފަރާތުންވެސް ނޫސްވެރިކަމުގެ އެކިއެކި ޓްރޭނިންގއާއި ކޯސްތައް ރާވައިގެން ނުހިންގާ ދުވަސްގަނޑެއް މިދިޔައީ. އޭގެ މަޤްޞަދަކަށްވެފައި އޮތީވެސް ނޫސްވެރިކަން ހަމަ ދޫކޮށްލާފައި އޮތުން. އެހެން ނަމަވެސް، ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް އޮންނަންވެސް އެބަޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބަލަމުން ގެންދާނަން، ކިހިނެއްތޯ ސަރުކާރުގެ ފަރާތުން އެކަމުގައިވެސް އެހީތެރިކަމެއް ދެވޭނީ" ރައީސް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...