މިއަދުގެ ތަރައްޤީއާއި ތަހުޒީބު ރާއްޖެއަށް އަންނަންޖެހޭނީ، އިސްލާމްދީނުގެ އުޞޫލުތަކާއި އާދަކާދަތަކުގެ މަތިން ކަމުގައި ނައިބުރައީސް މުޙައްމަދު ވަޙިދުއްދީން (ޑީން) ވިދާލޫވެއްޖެއެވެ.
ނައިބުރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާޠަބު ކުރައްވައްވަމުން ނައިބުރައީސް ވިދާޅުވީ "މި ޤައުމު މިހާ ހިސާބަށް އައިއްސްފައި އޮތީ ހަމައެކަނި އެންމެ ސަބަބަކަށްޓަކައި. އެނގިވަޑައިގަންނަވާތޯ އެއީ ކީއްވެގެންކަން. އެއީ އިސްލާމްދީނުގައި އަޅުގަނޑުމެން ހިފަހައްޓައިގެން ތިބީމާ. އިސްލާމްދީނުގެ ވަރުގަދަ މާތް އަސާސްގައި، މާތް ޢަޤީދާގައި އަޅުގަނޑުމެން ތިބީމާ މިއަދާ ހަމައަށް، މިއޮއް ކުޑަކުޑަ ތިންލައްކަ މީހުންގެ ޤައުމު، މިހާ އަގުހުރި ޤައުމެއް ކަމަށް މުޅި ދުނިޔޭގައި ވެފައި އަޅުގަނޑުމެން އައިއްސްފައި މިއޮތީ މިހިސާބަށް. ނައިބުރައީސް ޑީން ވިދާޅުވިއެވެ.
ނައިބުރައީސް ވިދާޅުވީ ދިވެހިރާއްޖެ މިހާ ހިސާބަށް އޮތީ އެހެން އެއްވެސް ސަބަބެއް އޮވެގެން ނޫންކަމަށާއި އެސަބަބކީ އިސްލާމް ދީން ކަމަށެވެ.
"އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫން. އެސަބަބަށްޓަކައި. އެހެންވީމާ، މި ޤައުމުގެ ވެރިން ޖެހޭނެ، މި ޤައުމު، މި މާތް، މާތް އިސްލާމްދީނުގައި ދަމަހައްޓަން މަސައްކަތް ކުރަން. އެއިން ފަހަރެއްގައިވެސް ފިރުކިގެން ގޮސްގެން ނުވާނެ. " ނައިބުރައީސް ވިދާޅުވިއެވެ.
ނައިބުރައީސް ވަހީދުއްދީން ވިދާޅުވީ ބައެއް ޢާއިލާތައް ވަކިވެ، ޤައުމު ބައިބައިވީމާ، އެއިން ނުކުންނަ ނަތީޖާއާ ދޭތެރޭގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި، އެކަމުން ވަރަށް ބޮޑެތި އަސަރުތަކެއް ޤައުމަށް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.
" މިގޮތަށް ޢާއިލާތައް ބައިބައިވީމާ، ދެންވަނީ ކިހިނެއްތޯ ޤައުމު އެއޮތީ ބައިބައިވެފައި. އެހެންވީމާ، އެވަގުތު އެ ޤައުމެއްގެ ތެރެއަށް އެމީހުންދާނެ. ދިޔައިމާ، އޭގެތެރެއިން ބަޔަކު ނަމަވެސް އެމީހުން ގަބޫލުކުރާނެ. ހިތާމައަކީ، އަޅުގަނޑުމެންގެ މިނިވަންކަމަށްވެސް އެއިން އަސަރުކުރާނެ. އެއީ މިއަދު އަޅުގަނޑު ކަންބޮޑުވާ ކަމަކީ. އެއީ މިއަދު އަޅުގަނޑަށް ކުރާ އަސަރެއް. އަޅުގަނޑު ބޭނުމެއްނުވޭ، މިޤައުމު ބައިބައިވާކަށް. އަޅުގަނޑު ބޭނުމެއް ނޫން މި ޤައުމުގައި އެހެން ދީނެއް އޮންނާކަށް." ނައިބުރައީސް ޑީން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...