ރާއްޖޭގެ ޚަބަރު ކުރީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއަށް ލިބެންޖެހޭ ބަޖެޓް ނުލިބިގެން ޑރ. މަޖީދު ރައީސަށް ފޮނުއްވާފައިވާ "ހޫނު" ސިޓިއެއް ލީކުވެއްޖެ

ކުރީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއަށް ލިބެންޖެހޭ ބަޖެޓް ނުލިބިގެން ޑރ. މަޖީދު ރައީސަށް ފޮނުއްވާފައިވާ "ހޫނު" ސިޓިއެއް ލީކުވެއްޖެ

ކުރީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއަށް ލިބެންޖެހޭ ބަޖެޓް ނުލިބިގެން ޑރ. މަޖީދު ރައީސަށް ފޮނުއްވާފައިވާ "ހޫނު" ސިޓިއެއް ލީކުވެއްޖެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މުޒާހަރާއެއްގައި ޑރ. މާޖީދު ވާހަކަ ދައްކަވަނީ - ދިއިސްލާމް ފައިލް ފޮޓޯ

މިއަހަރަށް ލާފާކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލި އެމިނިސްޓްރީގެ ބަޖެޓުން 8 މިލިއަން ރުފިޔާ އުނިކުރުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން، އެވަރަށް އުނިކުރުމުން ވެސް ބަޖެޓް ފާސްވިއިރު، އެމިނިސްޓްރީގެ މަޝްވަރާއަކާ ނުލައި މިނިސްޓްރީގެ ބަޖެޓުން ކުރަންޖެހޭ މުހިންމު ކަންކަމަށް ބަޖެޓްކޮށްފައިވާ ފައިސާގެ ބޮޑު ބައެއް ބަޖެޓުން އުނިކޮށްފައިވާ ކަމަށް ބުނެ އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވާފައިވާ "ހޫނު" ސިޓީއެއް ލީކުވެއްޖެއެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމުގެ ދެ ދުވަސްކުރިން ޑރ. މަޖީދު ފޮނުއްވާފައިވާކަމަށް ބުނާ ސިޓީގައި މަޖީދު ވިދާޅުވެފައިވަނީ ބަޖެޓް އުނިކޮށްފައިވުމުން "މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރެމުންދާ ހިދާޔަތުގެ އަލި ޗާޕްކުރުމަށް ހިނގާ ޚަރަދާއި މި މިނިސްޓްރީން އެމްއެންބީސީ ވަން މެދުވެރިކޮށް ގެނެސްދޭ ޓީވީ ޕްރޮގްރާމްތަކާއި ރާއްޖެ ރޭޑިޔޯ މެދުވެރިކޮށް ގެނެސްދޭ ރޭޑިއޯ ޕްރޮގްރާމްތަކާއި ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމްތަކަށް ހިނގާ ފައިސާއާއި އިމާމުވެ ތަރާވީޙް ނަމާދުކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އެލަވަންސް ފައިސާއާއި މިނޫނަސް މިނިސްޓްރީގެ ބަޖެޓަށް ކޮންމެހެން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި" ވާކަމަށެވެ.

މިސިޓީގައި ވިދާޅުވެފައިވަނީ ބެޖެޓް އުނިކޮށްފައިވުމުން އެކަމާ ބެހޭ ގޮތުން ކެބިނެޓްގެ ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އޭރުގެ ރައީސް ނަޝީދަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން އެމައްސަލައިގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އޙްމަދު މައުސޫމާ ބައްދަލުކުރުމަށް ދެންނެވުމުން އޭނާއާ ބައްދަލުކުރެއްވުމުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބާ ބައްދަލުކުރެއްވުމަށް ދެންނެވި ކަމަށެވެ. އަދި ޝިހާބަށް އެވާހަކަ ދެންނެވުމުން އެކަމާ ގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީގެ ފައިނޭންސް ކޮންޓްރޯލާ މުހައްމަދު އަހްމަދާ ބައްދަލުކުރުމަށް ވިދާޅުވުމުން ދޮޅުގަޑިއިރު ވަންދެން އޭނާއާ މަޝްވަރާކުރެއްވިކަމަށާއި ނަމަވެސް އޭނާއާ ބައްދަލުކުރުމުން "މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން ފައިސާގެ ކަންކަން ހަމަޖެއްސެވުމަށާއި މިހާރު ލިބިފައިވާ ފައިސާގެ އިތުރުން އެންމެ ލާރިއެއްވެސް ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންސް ކޮންޓްރޯލާ ވިދާޅުވި" ކަމަށް މަޖީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޑރ. މަޖީދުގެ ދެޞަފްހާގެ ސިޓީގައި ވިދާޅުވެފައިވަނީ ޤުރުއާން ކިޔެވުމު ގައުމީ މުބާރާތަކީ އޭގެ ކުރިން ތިން މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބާއްވާ މުބާރާތެއް ކަމަށާއި، ނަމަވެސް ކޮންމެ އަތޮޅަކުން އެންމެ 15 ކުދިން ބައިވެރިކުރާ ގޮތަށް އެމުބާރާތް ވެސް ކުޑަކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މުބާރާތް ބޭއްވުމަށް ބަޖެޓްގައި 1.6 މިލިއަން ރުފިޔާ ހިމެނުމުން ވެސް އެމުބާރާތަށް ދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށް ޑރ. މަޖީދު ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ފައިނޭންސް ކޮންޓްރޯލާ މުހައްމަދު އަހްމަދާ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މައުސޫމާއެކު ދެކެވުނު ވާހަކައިގައި "މިއީ ފޯއްކިބައަކާއި ބިލެތްއަރިއެއް ދީފައި އޮޑީގެ ހުރިހާ ކުދިންނަށް ރަނގަޅަށް ދުފަން ދޭށޭ ބުނާ ބީދައިން ކުރައްވާފައިވާ ކަމެއް" ކަމަށް ދަންނަވާފައިވާނެ ކަމަށްވެސް މަޖީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ފައިނޭންސް ކޮންޓްރޯލާ މުޙައްމަދު އަޙްމަދާއި ރައީސް އޮފީހުގެ މައުސޫމާއި ދެބޭފުޅުންނާއިއެކު  ބައްދަލުކުރެއްވުމުންވެސް، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ފެނާއި ކަރަންޓު ފަދަ ކަންކަމަށް ލިބެންޖެހޭ ފައިސާވެސް ލިބިފައިނުވާ މައްސަލައާއި އިސްލާމިކް މިނިސްޓްރިއަށް އެކަށީގެންވާ ވަރަށް ބަޖެޓް ލިބިފައި ނެތުމުން، މި އަހަރުގެ ގުރްއާން މުބާރާތް ނުބޭއްވޭނެ ކަމަށާއި ޓީވީ އާއި ރޭޑިޔޯގެ ޕްރޮގްރާމްތަކާއި "ހިދާޔަތުގެ އަލި" ނެރުން ވެސް ހުއްޓާލާނެ ކަމަށް އިއުލާންކުރާނެ ކަމަށް، ޖެނުއަރީ 31 ،2012ގައި މައުސޫމާއެކު ބޭއްވުނު ބާއްދަލުވުމުގައި އޭނާއަށް ދަންނަވާފައިވާނެ ކަމަށް އެސިޓީގައިވެއެވެ.

"ތަފާތު ބޮޑެތި ގޮންޖެހުންތަކާއެކުވެސް މިހާތަނަށް އަޅުގަނޑު މަސައްކަތްކުރަމުން މިއައީ ގައުމީ ތަރައްގީގެ އޮނިގަނޑުގައިވާ ކަންތައްތަކުގެ ތެރެއިން މި މިނިސްޓްރީން ކކުރަންޖެހޭ ކަންތައްތައް ކުރެވޭތޯއެވެ. ނަމަވެސް، މިކަންތައްތައް ކުރުމަށް ބޭނުންވާ ފައިސާ މިނިސްޓްރީގެ ބަޖެޓަށް ނުލިބޭ ކަމުގައިވާ ނަމަ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ނުކުރެވޭ ފަދަ ހާލެއްގައި، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން މި މަގާމުގައި ހުރުމަކީ އަޅުގަނޑުގެ ޟަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މި ވާހަކަ ދެންނެވީމެވެ،" ފެބްރުއަރީ 5، 2012ގެ ތާރީޚްގައި ލިޔުއްވާފައިވާ ޑރ. މަޖީދުގެ ސިޓީ ނިންމަވާލައްމުން ވިދާޅުވެފައިވެއެވެ.

މިސިޓީގެ ޞައްޙަކަމާމެދު ޑރ. މަޖީދުގެ ބަހެއް ހޯދުމަށް "ދިއިސްލާމް"ގެ ފަރާތުން ގުޅާލުމުން ފޯނު ނުނަންގަވާތީ މަޖީދުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކާ ޙަވާލާދީ "ހަވީރު" ނޫހުން ބުނެފައިވަނީ މިސިޓީއަކީ ޑރ. މަޖީދު ރައީސް ނަޝީދަށް ފޮނުއްވާފައިވާ ސައްހަ ސިޓީއެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.