ޤާރީންނަށް ހާއްސަކޮށްގެން ބޭއްވި ޤުރުއާން މުބާރާތް 1 ވަނައަށް އެއްވެސް ފަރާތެއް ނުގޮސް މުބާރާތް ނިމިއްޖެއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި ޤާރީންނަށް ބޭއްވި ޤުރުއާން މުބާރާތުގެ ބަލައި ކިޔުމުގެ ބައިން އެއްވަނަ ހޮވޭވަރަށް އެއްވެސް ބައިވެރިއަކަށް މާކްސް ނުލިބޭތީ އެއްވަނަ ހޮވާފައެއް ނުވެއެވެ. މިމުބާރާތުގެ ޤަވައިދު ބުނާގޮތުން އެއްވަނަ އަށް ދާ ފަރާތަކަށް 75 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބެން ޖެހޭނެއެވެ. ބަލައިގެން ކިޔުމުގެ ބައިން ދެވަނަ އަށް ގޮސްފައިވަނީ މުހައްމަދު އަސްލަމް އަށްކަމަށާއި އެބައިން ތިން ވަނައަށް ގޮސްފައިވަނީ އިބްރާހިމް ޝިފާއުއަށް ކަމަށް ހަބަރު ލިބެއެވެ.
ނުބަލާ ކިޔުމުގެ ބައިން 1 ވަނަ އަދި 2 ވަނައަށްވެސް ވަނަ ހޮވޭވަރަށް މާކްސް ނުލިބޭތީ އެއްވެސް ފަރާތަކަށް 1 ވަނަ އަދި 2 ވަނަ ލިބިފައެއްނުވެއެވެ. މިމުބާރާތުގެ ނުބަލާ ކިޔުމުގެ ބައިން ތިން ވަނައަށް ގޮސްފައިވަނީ އަބްދުﷲ މައުސޫމްއަށެވެ.
ޤާރީންނަށް ހާއްސަކޮށްގެން ބޭއްވި ޤުރުއާން ފުރަތަމަ މުބާރާތުން އެއްވެސް ފަރާތަކަށް 1 ވަނަ ނުލިބި ނިމިފައިވާއިރު މިމުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ޤާރީންވަނީ ކިޔަވާވިދާޅުވެފައެވެ. ރަމަޟާން މަހު 10 ވަނަ ދުވަހު ފެށިގެން 20 ވަނަ ދުވަހަށް ކުރިއަށް ގޮސްފައިވާ މިމުބާރާތުގައި ބަލައިގެން ކިޔުމުގެ ބައިން 18 ޤާރީން އަދި ނުބަލައި ކިޔުމުގެ ބައިން 5 ޤާރީން ކިޔަވާފައިވެއެވެ. މިމުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރާއްޖޭން ބޭރުގެ 3 ފަނޑިޔާރުންނާއި ރާއްޖޭގެ އެއް ފަނޑިޔާރެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...