ތައުލީމީ ދާއިރާއަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހޭދަތަށް ކުރައްވަނީ ދުނިޔަވީ ފައިދާއަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ވިލާ ގުރޫޕުގެ ޗެއާރމަން އޮނަރަބުލް ޤާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ނ.ހޮޅުދޫ، މޭނާސްކުލޫގެ 2011 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަ ފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކަންކަން ކުރައްވަނީ އާޚިރަތުގެ ސަވާބާ ދިންނެވުމަށް އެދި ކަމަށެވެ. ރީތި އަހުލާޤެއްގެ ވެރިބައެއްގެ އަމަލުތަކާއި އެފަދަ އަހުލާޤެއް ލިބިފައިނުވާ ބައެއްގެ އަމަލުތައް ވަރަށް ތަފާތުވާނެ ކަމަށާއި އެހެން ކަމުން ކިޔަވާ ކުދިން ރަނގަޅު އަޚުލާޤެއްގެ މަތީ ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ފަހާގަކުރަށްވާ އެމަނިކުފާނު ވިދާޅުވީ ކުދިންނަށް ރަނގަޅު ގޮތްތައް އުނގަންނައި ދިނުމަކީ މުދައްރިސުންނާއި ބެލެނިވެރިވެރިންގެ ޒިންމާއެއް ކަމަށާއި ގައުމުގެ ތަރައްގީއާއި އިޤްތިސާދު ބިނާވެގެން އަންނާނީ އެކަންކަމުގެ މައްޗަށް ކަމަށެވެ. އަދި އިޖުތިމާއީ ޢަދާލަތާށާއި ސިޔާސީ ހަލަބޮލިކަމަށް ހަމަޖެހުން އަންނާނީ އެބައެއްގެ އަހުލާޤާއި ސުލޫކަށް ވެސް ހަރުދަނާކަމެއް އައިސްގެންކަން ފާހަގަ ކުރެއްވިއެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކިފާނު ވިދާޅުވީ އެމަނިކުފާނު ތަޢުލީމަށް ކުރައްވަމުން ގެންދަވާ މަސައްކަތުން މިހާތަނަށް އެތަކެއް ދަރިވަރުންނެއް ވިލާ ފައުންޑޭޝަނުން ތަޢުލީމް ހާސިލްކުރަމުން ގެންދާކަމަށާއި އޭގޭ ތެރޭގައި ފަސްޓް ޑިގްރީ އާއި މާސްޓަރ ޑިގްރީ އާއި ޕީ.އެޗް.ޑީ އަށް ކިޔަވަމުންދާ ކުދިންވެސް ހިމެނޭކަމަށެވެ. އަދި ގާތްގަނޑަކަށް 3700 ކުދިންނަށް މިހާތަނަށް ވެސް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައި ވާނެ ކަމަށާއި އަދި އެކަން އެގޮތަށް ކުރިއަށް ގެންދަވާނެ ކަންވެސް ފާހަގަކުރެއްވިއެވެ.
ހޮޅުދޫ މޭނާސްކޫލާއި ބެހޭގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ އެ ސްކޫލުގެ ބާނީ މޭނާ ކަލޭފާނު ފެއްޓެވި މަސައްކަތް ތަރައްގީކޮށް ކުރިއެރުވުމަށް ހޮޅުދޫ ރައްޔިތުން ކުރަށްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރަށްވާ ކަމަށާއި މޭނާސްކޫލަށް 66 އަހަރު ފުރިފައިވާ އިރު އަދިވެސް ސްކޫލް ހިންގުމުގައި ގިނަ ދަތިތަކެއް ހުންނާނެކަމަށާއި، އެހެން ކަމުން ކޮމްޕިއުޓަރ ލެބެއް ގާއިމުކުރަން ބޭނުންވާ ހުރިހާ ސާމާނާއެކު 30 ކޮމްޕިއުޓަރ ސިސްޓަމް މޭނާސްކޫލަށް ހަދިޔާ ކޮށްދެއްވާނެ ކަމަށެވެ. އަދި ސްމާޓް ބޯޑުގައި ދަރިވަރުން ނަށް ކިޔަވައިދެއްވުމަށްޓަކައި އެކަމަށް ވެސް އެހީވެދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މިޖަލްސާގައި ވަނީ ވޭތުވެދިޔަ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު މެނާސްކޫލުގެ އެކިއެކި ކުލާސް ތަކުންނާއި ވަކިވަކި މާއްދާތަކުން ވަނަ ހޯދި ދަރިވަރުންނަށާއި އޯލެވެލް އަދި އޭލެވެލް ނިންމިދަރިވަރުންގެ ތެރެއިން ތަފާތު ކާމިޔާބީ ތައް ހޯދި ދަރިވަރުންނަށް އިނާމް ހަވާލުކޮށްފައެ. ވެވޭތުވެދިޔަ 2010 ވަނަ އަހަރު މޭނާސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ނ. ހޮޅުދޫ އަރަފާތުގޭ އައިމިނަތު އާސިލާއެވެ. އަދި 2011 ވަނަ އަހަރުގެ ސާނަވީ ބައިން ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ ނ.ހޮޅުދޫ ފިނިފެންމާގޭ ފާތިމަތު ޝައުފާއެވެ. އަދި މަތީސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ ނ.ހޮޅުދޫ މަލަ ސުނައިނާ އަޙުމަދެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...