ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ނ.އަތޮޅުގެ ރަށްތަކުގައި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ސިލްސިލާ ދަރުސްތަކެއް

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިއެއްކަމުގައިވާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ނ.އަތޮޅު ގައި ވަރަށް ޚާއްޞަ ދަރުސް ތަކެއް ސިލްސިލާކޮށް ކުރިއަށް އެބަ ގެންދަވައެވެ.

ހަބަރު ލިބިފައިވާގޮތުގައި ދަރުސްތައް ފެށިފައި ވަނީ 26 އޮގަސްޓް 2010 ވަނަ ދުވަހުގެ ރޭ ނ.ކުޑަފަރީ އިންނެވެ. އަދި 27 ވަނަ ދުވަހުގެ ރޭ ނ.ވެލިދޫގައި ވަނީ ދަރުސް އެއް ބޭއްވިފައެވެ. މިމަހުގެ 28 ވަނަ ދުވަހު ނ.މާޅެންދޫގައި އަދި ހަމަ އެދުވަހުގެ ރޭ ނ.ލަންދޫގައި ވަނީ ދަރުސް ބޭއްވިފައެވެ. އަދި 29 ވަނަ ދުވަހު ކެނދިކުޅުދޫގައި އަދި ހަމަ އެދުވަހުގެ ރޭ ނ.ހެނބަދޫ ގައި ވަނީ ދަރުސް އެއް ބޭއްވިފައެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ނ.މާފަރުގައި އަދި ހަމަ އެދުވަހުގެ ރޭ ނ.ޅޮހީ ގައި ވަނީ ޚާއްޞަ ދަރުސް ވަނީ ބާއްވާފައެވެ.

މިދަރުސްތަކަށް މިރަށްތަކުގެ ރައްޔިތުންގެ ފަރާތުން، ޚާއްޞަކޮށް ޒުވާނުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވައިވާކަމަށް ހަބަރު ލިބެއެވެ.  ދަރުސް ތަކުގައި ބޮޑަށް އަލިއަޅުވާލެވިފައި ވަނީ ރަމަޟާން މަހުގެ މާތްކަމާއި، މިމަހުގައި އަޅުކަން ކުރުމުގައި ހުރި ޘަވާބާއި ދަރުމައިގެ މައްޗަށެވެ. އަދި ނަމާދުގެ އަހަންމިއްޔަތުކަމުގެ މައްޗަށާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ ސުންނަތުގައި ފުރިހަމަ އަށް ހިފުމުގެ މުހިންމުކަމުގެ މައްޗަށާއި، އިސްލާމްދީނުގައި ޚިލާފް އުފެދިފައިވާ ބައެއް ކަންކަމުގެ މައްޗައް ވަރަށް ތަފްޞީލްކޮށް އަލިއަޅުއްވާލައްވާ ޝައިޚް ވާހަކަފުޅު ދައްކަވާފައި ވެއެވެ. މީގެ އިތުރުން ޚިލާފީ މައްސަލަ ތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްޗެތި ގޮވާ ދެކޮޅުވެރި ނުވުމަށް ޝައިޚް ނަޞޭހަތްތެރިވިއެވެ. ދަރުސް އަށް ފަހު ކޮންމެ ރަށެއްގައި ވެސް ސުވާލާއި ޖަވާބު ސެޝަނެއް ހުޅުވާލާ އާންމުންގެ ހިތްތަކުގައި ދީނީ ގޮތުން އުފެދިފައިވާ ގިނަ ސުވާލު ތަކަކަށް ޝައިޚް ޖަވާބު ދެއްވިއެވެ.

މިދަރުސް ސިލްސިލާގެ ދަށުން މިއަދު (2010 އޯގަސްޓް 31) އަދި މާދަމާ (2010 ސެޕްޓެމްބަރ 01) ގެ އަސްރު ނަމާދަށްފަހު ނ.މަނަދޫގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މާދަމާރޭ (2010 ސެޕްޓެމްބަރ 01) ގައި ނ.މަނަދޫގައި ވަރަށް ޚާއްޞަ ދަރުސް އެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ. މިދަރުސްތައް ރާވާ، އިންތިޒާމް ކުރުމަށްޓަކައި މިރަށްތަކުގެ ޒުވާނުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަކީ ނ.މަނަދޫ އަށް އުފަން، ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ޢިލްމުވެރިއެކެވެ. މިފަހަކަށް އައިސް ރާއްޖޭގެ އެކި ރަށްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާގޮތެއްގައި ދީނީ ޢިލްމުވެރިންނާއި ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހެއެވެ. އަދި މިކަމުގެ ރަނގަޅު އަސަރު ދިވެހި މުޖުތަމަޢުން ދަނީ ފެންނަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *