ފޮޓޯ: ސުނާމީގެ އިންޒާރާއިގުޅިގެން މާލެތެރެ
19:33 ރާއްޖޭގެ މެޓު އޮފީހުން ސުނާމީގެ އެލާޓް ކެންސަލްކޮށްފި. ބިންހެލުމާގުޅިގެން ސުނާމީގެ ނުރައްކަލެއް މިހާރު އޮތް ކަމަށް ނުބެލެވޭ ކަމަށް އެއޮފީހުން ބުނޭ.
17:56 ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު ހުރިހާ އެލާޓްތަކެއް ކެންސަލްކޮށްފި. ރާއްޖޭގެ މެޓް އޮފީހުން ބުނީ ރާއްޖެއަށް އަދިވެސް މިރޭ 19:30 އާ ހަމައަށް ސުނާމީގެ އެލާޓް އެބައޮތް ކަމަށް.
17:49 ބ. އޭދަފުށީގެ ބަނދަރުގައި މީގެ ވިއްސަކަށް މިނެޓްކުރިން ގަދައޮއިވަރަކާއެކު ކުޑަވަގުތުކޮޅަކަށް ދެފޫޓެއްވަރު ލޮނުގަނޑު އުސްވެފައިވާ ކަމަށް އެރަށުން މަޢުލޫމާތުދޭ. އެހެންވުމާއެކު ބަނދަރުގައިހުރި އުޅަނދުތައް ކަނޑަށް ބޭރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތުލިބޭ. އެރަށަކީ 2004 ގެ ސުނާމީގައިވެސް ވަރަށްބޮޑަށް ގެއްލުން ލިބުނު ރަށެއް.
17:46 ރައީސް އޮފީހުގެ ބަޔާން : "މިއަދު މެންދުރުފަހު އިންޑޮނީޝިއާ ސަރަޙައްދަށް އައި ބިންހެލުމާ ގުޅިގެން، ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް ރާއްޖޭގެ މިޓިއޮރޮލޮޖިކަން ސެންޓަރުން ލިބިފައިވާތީ، މިކަން ބެއްލެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން، ވަޒީރުން ކުރައްވަމުން އެބަގެންދަވައެވެ.
ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު ވަޒީރުންގެ މަޖިލިސް އެއްކުރައްވައި، މިފަދަ ޙާލަތުތަކާ ގުޅިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނާއި، ނޭޝަނަލް މިޓިއޮރޮލޮޖިކަލް ސެންޓަރުން ކަންތައްތައް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ އުސޫލުތައް ތަންފީޒުވަމުންދާ މިންވަރު ބައްލަވައި، އެކި ފަރާތްތަކަށް ޞައްޙަ މަޢްލޫމާތު ޙިއްޞާ ކުރެއްވުމުގެ ކަންތައް ހިނގަމުންދާ ގޮތް އޮޅުންފިލުއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެދުނުކެނޑި މަޢްލޫމާތު އެއްކުރައްވަމުންވެސް އެބަގެންދަވައެވެ.
ބިންހެލުމުގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކުރިނަމަވެސް، އެއްވެސް ފަރާތަކަށް އަދި ތަކެއްޗަށް ގެއްލުމެއް ލިބިފައެއްނުވެއެވެ."
17:43 ރާއްޖޭގެ މެޓު އޮފީހުން ބުނީ އެއްވެސް ރަށެއްގައި ލޮނުގަނޑު އުސްވި ކަމެއްގެ ރިޕޯޓެއް މިހާތަނަށް އަދި އެތަނަށް ލިބިފައިނުވާ ކަމަށް. އަދި އޯޝަންވައިޑް ސުނާމީއެއް އެފެދުނު ކަމުގެ ރިޕޯޓެއްވެސް ލިބިފައިނުވާ ކަމަށާއި ލޮޅުންތަކާ ގުޅިގެން، މިރޭ 19:30 އާ ހަމައަށް ބަލަމުންދާނެ ކަމަށް.
17:41 ބ. އޭދަފުއްޓާއި ލ. މާމެންދޫގެ ލޮނުގަނޑަށްވެސް ބަދަލުތަކެއް އަންނަމުންދާކަމުގެ މަޢުލޫމާތު ލިބޭ.
17:36 ށ. ފުނަދޫގެ ލޮނުގަނޑަށް ބަދަލުތަކެއް އަންނަމުންދާކަމުގެ މަޢުލޫމާތު ލިބޭ. ށ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ 8 އިންޗި އެއްހާތަން އުފުލި އަދި ތިރިވަމުން ދާކަމަށް. އެރަށުގައި ސަލާމަތީ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައި.
17:12 އިންޑޮނޭޝިއާއަށް ދެ ފުޓޫ ބައިގެ ސުނާމީއެއް އަރައިފިކަމަށް ޚަބަރުލިބޭ.
17:12 ޝައިޚް ޙަސަން މޫސާ ފިކުރީ : މިފަދަ ބިރުވެރިކަމުގެ ދަނޑިވަޅުތަކުގައި ﷲ އަށް ބިރުވެތިވެ އިސްތިޣްފާރުކުރުން ގިނަކުރަންޖެހޭ.
17:06 ރާއްޖެއަށް ސުނާމީއާމެދު ސަމާލުވުމުގެ ވަގުތު މިރޭ 19:30 އަށް އިތުރުކޮށްފި ކަމަށް ރާއްޖޭގެ މެޓް އޮފީހުން ބުނެފި.
17:00 ބިންހެލުމާ ގުޅިގެން ސުނާމީއާމެދު ސަމާލުވުމަށް އަންގާފައިވާތީ 15:00 ން ފެށިގެން އެކަމާބެހޭގޮތުން އިމަޖެންސީ ކެބިނެޓް ބައްދަލުވުމެއް ބާއްވަމުންދާ ކަމަށް މަޢުލޫމާތުލިބޭ.
16:50 އައްޑޫ ސިޓީގެ ރަށްތަކުގެ މީހުން ސަލާމަތީ ގޮތުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް މަޢުލޫމާތުލިބޭ. ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖަހައި ތައްޔާރުވެފައިވޭ. ސިފައިންނާއި ފުލުހުންނާއި ސިޓީ ކައުންސިލުންދަނީ ހަރަކާތްތެރިވަމުން.
16:15 ރާއްޖޭގެ މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ދީފައިވާ ސަމާލުވުމުގެ ވަގުތު ހަވީރު 17:30 އަށް ވަނީ މިހާރު ދިގުކޮށްފައި.
16:00 ރާއްޖެއަށް 2004 ގައި ކުރިމަތިވި ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއްރަށްކަމަށްވާ ތ. ވިލުފުށީގެ ގިނަ ބަޔަކު އެރަށުގެ މިސްކިތުގައި ޖަމާވެ އެބަތިބި.
15:55 ޝައިޚް އާދަމް ޝަމީމް : އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް އޮތްއެންމެ ރައްކާތެރި ފިޔަވަޅަކީ ގިނަގިނައިން ތައުބާވެ އިސްތިޣްފާރުކުރުން.
15:14 ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޙަނީފް ވިދާޅުވީ ހުރިހާ ފުލުހުން ތިބީ އެލާޓުގައި ކަމަށް. އަދި ސަލާމަތީ ބާރުތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން ޢަމަލުކުރެއްވުމަށް އެދޭ ކަމަށް.
15:05 ލަންކާގައި ހުރި ދިއިސްލާމް ގެ ޖާނަލިސްޓް ހަސަން ހާމަ ކުރި ގޮތުގައި ލަންކާގައިވެސް ސުނާމީގެ އިންޒާރުދީ ކުއްލި ހާލަތަށް ޤައުމު ގެނެސްފައިވާކަމަށް. ފޯނުން ނުގުޅޭ މައްސަލަވެސް ކުރިމަތިވަމުން އަންނަ ކަމަށް.
15:04 ރާއްޖެއަށް ސުނާމީގެ އަސަރު ފޯރައިފިނަމަ އެންމެ ފުރަތަމަ އަސަރުކުރާނީ އައްޑޫގެ ރަށްތަކަށް ކަމުގައި މެޓް އޮފީހާއި ހަވާލާދީ ޓީވީއެމްއިން ބުނޭ.
14:50 ރާއްޖޭގެ ހުރިހާ ރަށެއް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފި. އެސެންޓަރުން ބުނި ރަށްރަށަށް ގުޅާފައި ހާލު ބަލަމުން އަންނަ ކަމަށް.
14:43 މާލޭގެ ހުރިހާ ސްކޫލްތަކުގެ ކިޔަވައިދިނުން ހުއްޓާލައި ދަރިވަރުން ގެއަށް ފޮނުވާލައިފި.
14.32 ދިރާގު ނަންބަރުތަކަށް ނުގުޅޭ. އެކަމު މެސެޖް ކުރެވޭ. ޚަބަރު ލިބޭ ގޮތުގައި ނެޓްވޯކް މައްސަލައެއް ދިމާވެފައިވާކަމަށް.
14.30 ސިފައިން ވަނީ ތައްޔާރީ ހަލަތައް އައިސްފައ.
14:27 ބައެއް ރަށްރަށަށް ވެސް ބިންހެލުމުގެ އިހުސާސް ކުރެވިފައިވާ ކަމުގެ މަޢުލޫމާތުލިބޭ. ހދ. މަކުނުދޫއަށް ވަނީ ވަރަށް ބޮޑަށް ގުޑުން އިހުސާސްވެފައި. ބައެއް ރަށްރަށުގެ މީހުން އުސް ހިސާބުތަކަށް ދާން ފަށާފައިވާ ކަމުގެ ޚަބަރުތައް ލިބޭ.
14:25 މާލޭގެ ބައެއް ޢިމާރާތްތަކަށް ލޮޅުން އިހުސާސްވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ. މާލޭގެ ބައެއް އޮފީސްތަކުގެ މީހުން ވަނީ ބޭރަށް ނުކުމެފައި. އަދި ސްކޫލްތަކުގެ ދަރިވަރުން ދަނީ ބޭރަށް ނެރެމުން.
14:20
ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ސުނާމީއެއް އަތުވެދާނެ ކަމުގެ އިންޒާރު ޑިޕާޓްމަންޓް އޮފް މީޓިއަރޮލޮޖިކަލް ސަރވިސްއިންދީފި.
މެޓް އޮފީހުގެ ޑިރެކްޓަރ ހުސެއިން ވަހީދު ވިދާޅުވީ ސުމަޓްރާއަށް އައި މިބާރު ގަދަ ބިން ހެލުމުގެ އަސަރު ރާއްޖެއަށްވެސް ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ނަމަވެސް އަދި ސުނާމީއެއް އުފެދިފައިވާ ނުވާ ކަމަށް. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި.
"ރާއްޖެއަށް އަށް ވެސް ތިން ގަޑިއިރު ތެރޭގައި ސުނާމީ އެއް އައުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އިމަޖެންސީ ހާލަތެއްގަ،" ވަހީދު ވިދާޅުވި.
މެޓް އޮފީހުން ވަނީ ސުނާމީ އިންޒާރުގެ ޔެލޯ ލެވަލް އިޝޫކޮށްފައި. އެއީ ސުނާމީއެއް އަތުވެދާނެކަމުގެ އިންޒާރު.
14:15
އިންޑޮނޭޝިއާއަށް ބާރުގަދަ ބިން ހެލުމެއް އައުމާގުޅިގެން ސުނާމީގެ އިންޒާރުދީފިއެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ހާމަކުރާގޮތުގައި ރާއްޖޭ ގަޑިން މެންދުރު ފަހު 13:39 ގައި އިންޑޮނޭޝިއާގެ ސުމަޓްރާގެ ހުޅަނގު އުތުރު އައްސޭރިފަށަށް ބިންހެލުމުގެ އައިސްފައިވަނީ 8.7 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...