ޖަމިއްޔަތުއް ސަލަފްއިން "ނަމާދު ކުރާގޮގޮތް ދައްކުވައިދޭ" ސީޑީ މިމަހު 28 ވަނަ ދުވަހުގެ ރޭ ނެރޭގޮތައް ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ޖަމިއްޔަތުއް ސަލަފްއިން އިސްނަގައިގެން ދެއަހަރުގެ ތެރޭގައި މުޅިން ނިންމާފައިވާ މިބޮޑު މަސައްކަތް ނެރުމަށް ހަމަޖެހިފައިވަނީ 28 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ހާއްސަ ހަފްލާއެއްގައެވެ. މިހަފްލާގައި "ނަމާދު ކުރާގޮގޮތް ދައްކުވައިދޭ" ސީޑީ ނެރުއްވައިދެއްވާނީ މަދީނާ ޔުނިވާރސިޓީއިން އެންމެ ފުރަތަމަ ތައުލީމު ހާސިލްކުރި ރާއްޖޭގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިހާރު އުމުރުން ގިނަ ދުވަސްވެފައިވާ ޢިލްމުވެރިޔާ އައްޝެއިހް އިސްމާޢީލް މުޙައްމަދު ކަމުގައި ޖަމިއްޔަތުއް ސަލަފްއިން ހާމަކުރައްވައެވެ.
ރާއްޖޭގެ ގިނަ ޢިލްމުވެރިންނަށް ދައުވަތުދީފައިވާ މިޚާއްޞަ ހަފްލާގައި ތިން ޝައިޚަކު ވާހަކަފުޅު ދައްކަވާގޮތަށް ވަނީހަމަޖެހިފައެވެ. މިގޮތުން އައްޝައިހް އާދަމް ނަސީމް (ބީއޭ)އާއި އައްޝައިހް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއާއި އައްޝައިހް އަޙްމަދު ސަމީރު ބިން އިބްރާހިމް ހަމަޖެހިފައިވާ މައުޟޫއަކަށް ވާހަކަފުޅު ދައްކަވާނެއެވެ.
ޖަމިއްޔަތުއް ސަލަފްއިން ހާމަކުރައްވާގޮތުގައި ސީޑީ ނެރެފައިވަނީ "ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް ލޯބިޖެއްސުމާއި އިސްލާމްދީނުގެ އެކިއެކި ޙުކުމްތަކުގެ ޞައްޙަ މަޢްލޫމާތު ފޯރުކޮށްދިނުމުގެ މާތް މަޤްސަދުގައި" ކަމަށެވެ. އަދި "ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިއްމު ރުކުން ކަމަށްވުމާއި އެކު ނަމާދު އޭގެ އެންމެ ޞައްޙަގޮތުގައި އަދާކުރަން އެނގުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ ބޭނުންވާނޭ" ކަމެއް ކަމަށް އެޖަމިއްޔާއިން ދެކޭ ކަމަށެވެ.
ދިއިސްލާމްއަށް މައުޟޫމާތު ލިބިފައިވާގޮތުގައި ސީޑީ އެއް ވިއްކުމަށް ހަމަޖެހިފައިވަނީ 50 ރުފިޔާއަށެވެ. ސީޑީ ލިބެން ހުންނާނީ ސަލަފްލައިން، ޢަލީސް، އަބާޔާ އަދި އައްވަލް އިންކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...