ދީން އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - (4)

އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - (4)

އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - (4)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ހަވަނައީ: އިންސާނާ އަށް ޙައްގު އުނގަންނައިދިނުން:

ކޮންމެ އިންސާނަކަށްވެސް ޙައްގު ގޮތަކީ ކޮބައިކަން އެގެން ޖެހެއެވެ. އަދި އިންސާނާ އާއި ޙައްގު ދީނާއި ދެމެދުގައި ހުރަހެއް ބެހެއްޓުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. މިފަދަ ހުރަސްތައް ނައްތާލާ މުގުރާލުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މިކަން ފުރިހަމަ ކުރުމަށްޓަކައި އިސްލާމްދީނުގައި ވަރަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ. އެގޮތުން:

1. ޙައްގާއި ބާޠިލްގޮތް އެއްކޮށް، ޙައްގު ގޮތް ފޮރުވުމަށް މަސައްކަތް ކުރުން. ސޫރަތުލް ބަގަރާގެ 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلاَ تَلْبِسُواْ ٱلْحَقَّ بِٱلْبَـٰطِلِ) މާނައަކީ:"ތިޔަބައިމީހުން ޙައްގު ވަންހަނާކޮށް، ޙައްގާއި ބާޠިލް ނުއޮޅުވާށެވެ".

2. ޢިލްމުފޮރުވުން ޙަރާމް ކުރެއްވުން. ސޫރަތުލް ބަގަރާގެ 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلاَ تَلْبِسُواْ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُواْ ٱلْحَقَّ وَأَنتُمْ تَعْلَمُونَ) މާނައަކީ: "ތިޔަބައިމީހުން ދެނެތިބެ ޙައްގު ވަންހަނާކޮށް ޙައްގާއި ބާޠިލް ނުއޮޅުވާށެވެ".

އިޖްތިހާދުގެ ދޮރު ހުޅުއްވާ، އިޖްތިހާދު ކުރާ މީހާގެ ދަރުމަ އިތުރު ކުރެއްވުން. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا حَكَمَ الْحَاكِمُ فَاجْتَهَدَ فَأَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ وَاحِدٌ) މާނައަކީ: "ޙާކިމަކު އިޖްތިހާދުކޮށް އޭނާގެ އިޖްތިހާދު ރަގަޅުވެއްޖެނަމަ ދެއަޖްރުލިބޭނެއެވެ. އިޖްތިހާދުކޮށް އޭނަގެ އިޖްތިހާދު ނުބައިވެއްޖެނަމަ އެއް އަޖްރު ލިބޭނެއެވެ". އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "އޭނާ އަށް ދަރުމަލިބެއެވެ. އެހެންނަމަވެސް އޭނާ އަށް ދަރުމަ ލިބެނީ ކުރި ކުށަކަށް ނޫނެވެ. ރަގަޅުގޮތް ހޯދުމަށް މަސައްކަތް ކުރީތީވެއެވެ".

ހަތްވަނައީ: މަސައްކަތް ކުރުމުގެ ޙައްގު:

އިންސާނާ މަސައްކަތްކޮށް ރިޒްގު ހޯދުމަށް އިސްލާމްދީނުގައި ވަގުތެއް ކަނޑައަޅުއްވާފައިވެއެވެ. ސޫރަތުއް ނަބައުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَجَعَلْنَا ٱلنَّهَارَ مَعَاشًا) މާނައަކީ: “އަދި ދުވާލަކީ ދިރިއުޅުން ހޯދުމުގެ ވަގުތު ކަމުގައި ތިމަން ﷲ ލެއްވީމެވެ”.

އަދި ރިޒްގު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށްވެސް އިސްލާމްދީންވަނީ ގޮވާލައްވާފައެވެ. ސޫރަތުލް މުލްކުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (هُوَ ٱلَّذِى جَعَلَ لَكُمُ ٱلأَرْضَ ذَلُولاً فَٱمْشُواْ فِى مَنَاكِبِهَا وَكُلُواْ مِن رّزْقِهِ وَإِلَيْهِ ٱلنُّشُورُ) މާނައަކީ: “ތިޔަބައި މީހުންނަށް ޓަކައި ފަސޭހަ ތަނެއް ކަމުގައި ބިން ހެއްދެވީ އެކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގާ ދަތުރުކުރާށެވެ. އަދި އެކަލާނގެ ރިޒްގުން ކައިހަދާށެވެ. އެނބުރިދިޔުން އޮތީ އެކަލާނގެ ޙަޟްރަތަށެވެ”.

ސޫރަތުލް ޖުމުޢާގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُواْ فِى ٱلأَرْضِ وَٱبْتَغُواْ مِن فَضْلِ ٱللَّهِ) މާނައަކީ: “އަދި ފަހެ ނަމާދުކޮށް އަވަދިވެއްޖައުމުން ބިމުގައި ފެތުރިގަންނާށެވެ. އަދި މާތް ﷲ ގެ ނިޢްމަތްތަކަށް އެދި މަސައްކަތް ކުރާށެވެ”.
މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު-ރަޙިމަހުﷲ ވިދާޅުވިއެވެ. “ބަންގީގެ އަޑުއިވުމުން ވިޔަފާރިދޫކޮށްލާ ޖަމާޢަތަށް ޙާޟިރުވުމަށް އެންގެވުމަށްފަހުގައި، ޖަމާޢަތް ނިމިގެން ބިމުގައި ފެތުރިގަނެ ރިޒްގު ހޯދަން މަސައްކަތްކުރުމަށް އިޛްނަ ދެއްވިއެވެ”.

މަސައްކަތު މީހުންގެ ޙައްގު ތަކަށް ފަރުވާތެރިވެ ރައްކާތެރިވުމަށް ވެސް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ގުދްސިއްޔަ ޙަދީޘެއްގައި ވަޙީ ކުރައްވައެވެ.( ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ: رَجُلٌ أُعْطِىَ بِيْ ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرّاً فَأَكَلَ ثَمَنَهُ، وَرَجُلٌ اِسْتَأْجَرَ أَجِيْراً فَاسْتَوْفَى مِنْهُ وَلَمْ يُعْطِهِ أَجْرَهُ) މާނައަކީ: “ގިޔާމަތް ދުވަހުން ތިން މީހެއްގެ ޚަޞްމަކަށް ތިމަންކަލޭގެފާނު ވެވަޑައިގަންނަވަމެވެ. އަމާނާތެއް ޙަވާލުވުމުން އެޔަށް ޣައްދާރުވާމީހާ، މިނިވަނަކުވިއްކާ އޭގެ އަގު ކައިފިމީހާ، އަދި އުޖޫރައަށް މީހަކުލައްވާ މަސައްކަތް ކުރުވާ، އެމީހާގެ މަސައްކަތް ފުރިހަކަކުރުމަށްފަހުގައި އޭނާގެ ޙައްގު ނުދިން މީހާ).

މާތް ﷲ ޙަލާލު ކުރެއްވި ކޮންމެ މަސައްކަތެއް ކޮށްގެންވެސް ރިޒްގު ހޯދުމަކީ އިސްލާމްދީން މަނާކުރައްވާ ކަމެއް ނޫނެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ތިބޭ އިރުގައިވެސް ވިޔަފާރިކުރެވިދާނެކަން އަންގަވައި ސޫރަތުލް ބަގަރާގެ 198 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُواْ فَضْلاً مّن رَّبّكُمْ) މާނައަކީ: “ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހުގެ ފަރާތުން ލިބޭ ދަރުމަވަންތަކަމެއް (ވިޔަފާރި ކުރުން ފަދަ ގޮތުން ހޯދާ ތަނަވަސް ކަމެއް) އެދިގަތުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ”.

– ނިމުނީ –

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.