ކިޑްނީ ފެއިލްވެފައިވާ ޏ.ފުވައްމުލަކު ލީބިޔާގެ އަޙްމަދު ލަޠީފަށް އެހީތެރިވުމަށް "ހެލްޕް ލަތީފް" މިނަމުގައި އަޙްމަދު ލަތީފާއި އޭނާގެ އާއިލާއާއި އެކުވެރިން ގުޅިގެން ކެމްޕޭނެއް ފަށައިފިއެވެ.
"ހެލްޕް ލަތީފް" މީޑިއާ ޓީމުގެ ފަރާތުން އިއްޔެ މައުލޫމާތުދިން ގޮތުގައި މިކެމްޕޭނަކީ ލަތީފްގެ ކިޑްނީ ވީއެންމެ އަވަހަކަށް ބަދަލުކުރުމަށް ޑޮކްޓަރުން އިރުޝާދުދީފައިވުމާއެކު ލަޠީފާއި އޭނާގެ ގާތްތިމާގެ މީހުންނަށް އެފަދަ ބޮޑު ޚަރަދެއް އެއްކޮށްކުރުމަށް ނުކުޅެދިފައިވާތީ އެކަމަށް ފައިސާ ހޯދުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ. އަދި ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ވެވެންއޮތް މިންވަރަކުން އެހީތެރިވުމަކީ އެފަރާތުގެ ވަރަށްބޮޑު އެދުމެއް ކަމަށާއި އެކަމާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް "ހެލްޕް ލަތީފް" ކެމްޕޭނުގެ ވެބްސައިޓް www.help.latheef.net އަށް ޒިޔާރަތްކުރެއްވުމުން ނުވަތަ 7902400 ނުވަތަ 7762227 ގުޅުއްވުމުން ހަމަޖެހޭނެ ކަމަށް ޓީމުން ބުންޏެވެ.
ލަތީފްގެ ކިޑުނީ ވަނީ މުޅިން ފެއިލްވެފައެވެ. މިހާރު އުމުރުން 40 އަހަރުވެފައިވާ ލަޠީފަކީ 3 ކުދިންގެ ބައްޕައެކެވެ. އައިޖީއެމް ހޮސްޕިޓަލުގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރަމުން ގެންދާ ލަޠީފް ފާއިތުވީ 16 ވަރަކަށް އަހަރު ހޭދަކޮށްފައިވަނީ މިބަލީގައި ފަރުވާ ހޯދުމަށެވެ.
1996 ވަނަ އަހަރު އޭރުގެ ވީޓީސީއިން މެކަނިކަލް ޓެކްނީޝަން ކޯސް ފުރިހަމަ ކުރުމަށްފަހު ސިފައިންގެއަށް ޚިދުމަތައް ވަނުމުގެ ކުރިން ހަދަން ޖެހޭ ސިއްހީ ޓެސްޓްތަކުގެ ނަތީޖާއަށްފަހު ޑޮކްޓަރުން ލަފާދިނީ އިތުރު ޓެސްޓްތައް ހަދަން ޖެހޭކަމަށާއި ކިޑުނީގެ މައްސަލަތަކެއް ހުރިކަމަށެވެ. އެހެންކަމުން، ސިފައިންގެއަށް ވަނުމުގެ ބަދަލުގައި އައިޖީއެމްއެޗްގެ ވަޒީފާއާ ލަޠީފް ގުޅުނެވެ.
ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ލަޠީފް ޓެސްޓުތައް ހެއްދިއެވެ. ޑޮކްޓަރު ވިދާޅުވީ ލަޠީފްގެ ކިޑުނީ ބަލިހުރިކަމަށާއި ބައްޔަށް އެކަށީގެންވާ ފަރުވާ ދާއިމީކޮށް ހޯދަންޖެހޭނެކަމަށެވެ. އެގޮތުން، 1996 ވަނަ އަހަރުން ފެށިގެން ލަޠީފްދިޔައީ ގަވާއިދުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަމުންނެވެ. ނަމަވެސް، ދުވަހެއް ދުވަހަކަށް ހާލުދެރަވެ އެންމެ ފަހުން 2011 ވަނައަހަރު ކިޑުނީ މަސައްކަތްކުރުން މުޅިން ހުއްޓުނެވެ.
ލަޠީފް ދުނިޔޭގައި ދިރިހުރުމަށްޓަކައި ފަރުވާއެއްގެ ގޮތުން މިހާރު ހަފްތާއަކު 3 ފަހަރު ޑައިލިސިސް ހަދަމުން ގެންދަންޖެހެއެވެ. ކިޑުނީ ޓްރާންސްޕްލާންޓް ކުރުމަކީ އެކަމަށް އޮތް އެންމެ ފުރިހަމަ ހައްލުކަމަށްވާތީ، ޑޮކްޓަރުން ލަފާދެމުން ގެންދަނީ ވީއެންމެ އަވަހަކަށް ކިޑުނީ ބަދަލުކުރުމަށެވެ.
ކިޑުނީ ބަދަލުކުރުމަކީ ބޮޑުޚަރަދެއްހިގާ އޮޕަރޭޝަނެކެވެ. އެގޮތުން އޮޕަރޭޝަނުގެ ޚަރަދުގެ އިތުރުން ގަވާއިދުން ނަގަންޖެހޭ ބޭހަކީވެސް އެފަދަ އަގުބޮޑު ބޭހެކެވެ. ބަލީގެ ގޮތުން މާލޭގައި ކުލީތަނެއްގައި އުޅެން ޖެހި ފަސްމީހުންގެ އާއިލާއެއް ބަލަހައްޓަމުން އެފަދަބޮޑު ޚަރަދެއް އެއްކޮށް ކުރުމަށް ލަޠީފަށް ވަނީ ނުކުޅެދިފައެވެ. އަދި އާއިލާއާއި ގާތްތިމާގެ މީހުންގެ އިތުރުން އެކުވެރިންނަށްވެސް އެފަދަބޮޑު ޚަރަދެއް އެއްކޮށް ކުރުމަށް ވަނީ ނުކުޅެދިފައެވެ.
"ލަޠީފަށްވަނީ ދީލަތި ފަރާތްތަކެއްގެ އެހީއާއި މަދަދަށް ބޭނުންވެފައި. އޭނާގެ ފުރާނަ ސަލާމަށް ކޮށްދިނުމަށް ކޮންވެސް މިންވަރެއްގެ އެހީއެއްވެދިނުމަކީ އެއާއިލާއަށް ފޯރުކޮށްދެވޭ މަތިވެރި އެހީތެރިކަމެއް، ލަޠީފަށް މިއަދު ދިއްކޮށްލެވޭ އެންމެ ފައިސާ ފޮއްޗަކީވެސް އެފަރާތަށް މިއަދު ބޮޑު އެއްޗަށްވާނެ. އެހެންކަމުން ކިތަންމެ ކުޑަ ނަމަވެސް އެހީގެ މިންވަރެއް ދިއްކޮށްލުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް" ހެލްޕް ލަޠީފް ކެމްޕޭން މީޑިއާ ޓީމުން ބުންޏެވެ.
ލަޠީފަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުގައި އަޙްމަދު ލަޠީފްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 99010310002719100 ދިވެހި ފައިސާގެ އެކައުންޓަށް ނުވަތަ ނަންބަރު 99010310002719200 ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގައި އަޙްމަދު ލަޠީފްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 7701106613101 އެކައުންޓަށް ނުވަތަ ނަންބަރު 7711106613001 އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެއެވެ.
ލަޠީފަށް އެހީފޯރުކޮށްދިނުމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އަޙްމަދު ލަޠީފްގެ ނަންބަރު 7762227 ފޯނަށް ނުވަތަ އިބްރާހީމް ލަޠީފްގެ ނަންބަރު 7902400 ފޯނަށް ގުޅުއްވުމަށް މިކެމްޕޭން ހިންގާ ފަރާތުން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...