ޚިޔާލުގެ ތެރެއަށް ގެނބި، ނެތުމުގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާ ހައްދަވާފައިވާ ތަކެތީގެ ޑިޒައިން އާއި އިންޖިނިއަރިންގެ މޮޅުކަމާއި މެދު ވިސްނާ ފިކުރު ކުރަމުން ދަނިކޮށް، ނިކަން ބާރަށް މީހަކު އައިސް އަޅުގަނޑުގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލީމެވެ. ކަމަކު ދާކަށް ނެތެވެ. ކުރިމަތީގައި ހުރިމީހާގެ ބޮލެއް ނެތެވެ. ނޫނެކެވެ. ބޯ އެބަހުއްޓެވެ. ކުޑައީއެވެ. ކުޑަ ކާއްޓަކަށްވުރެ އެމީހާގެ ބޮލުގެ ސައިޒު ކުޑައެވެ. ކުއްލިއަކަށް، އަހާކަހާ ވެސް ނުލާ ގޭތެރެއަށް ވަދެއްޖެއެވެ. އަޅުގަނޑު ކުޑަކޮށް ބިރުވެސް ގަތެވެ. މީ އަނެއްކާ ޖިއްނިއެއް ނޫންބާއޭވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ. އަދި ބިންމަތީގައި އިށީނދެ ތިމަންނާ މިއީ ޕްލެނެޓް މާސްގެ ސައިންޓިސްޓެއް ކަމަށާއި އަދި ތިމަންނާގެ ނަމަކީ އެތިއެސްޓު ކަމަށް ބުންޏެވެ. އަދި އަޅުގަނޑުވެސް ގޮނޑިއެއްގައި އިށީނދެ އެތިއެސްޓުއާއި ވާހަކަދައްކަން ފެށީމެވެ.
އިށީނުމާއެކު، އަޅުގަނޑުގެ ފޯނު ރިންގުވާން ފެށިއެވެ. އަދި ފޯނު ޖީބުން ނަގާފައި ކަނޑާލީމެވެ. ނަމަވެސް ކުއްލިއަކަށް އޭނާ އައިސް އަޅުގަނޑުގެ ފޯނު ޖަހައިގެންފިއެވެ. އަދި ހައިރާންވެފައި ހުރެ، ފޯނުގެ އެތަންމިތަނާއި ކުޅެ ބަލަން ފެށިއެވެ. އަދި މިއީ ކޮންތާކުން ކިހިނެއް އައި އެއްޗެއްތޯ ސުވާލު ކުރިއެވެ. ތިޔަ ފޯނަކީ ނޮކިއާއިން ހަދާފައިވާ ފޯނެއްކަމާއި، އަދި ފޯނުވިއްކާ ފިހާރަތަކުން ގަންނަން ލިބޭނެ ކަމުގައި އަޅުގަނޑު ބުނީމެވެ. އެހެންނަމަވެސް އޭނާ އެވާހަކަ ޤަބޫލެއް ނުކުރިއެވެ. އަދި އެފޯނަކީ ކުއަންޓަމް މެކޭނިކްސް އާއި ބިގްބޭންގް ގެ ސަބަބުން އޮޓޮމެޓިކުން އިވޯލްވެގެން އުފެދުނު އެއްޗެއް ކަމަށް ބުނެ ޗެލެންޖު ކުރިއެވެ. ފޯނު އުފެއްދި ކުންފުނިން، ފޯނާއި އެކީ ފޮނުވާފައިވާ ފޮތެއްވެސް އޮންނާނެ ވާހަކަ ބުނީމެވެ. މިހެން ބުނުމާއެކު މީނާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަޑުގެ ކޮޅަށް، ތިމަންނާ ތިފޮތްތަކެއް ޤަބޫލެއް ނުކުރާނަމޭ، އަދި ބަލާކަށްވެސް ބޭނުމެއްނޫނޭ ކިޔައި ހަޅޭއްލަވައިގަތެވެ. އަޅުގަނޑު ގާތަށް އައީ ހިންޏެވެ. އެއްވެސް އެއްޗެއެ، އެއެއްޗެއް އުފެއްދި ފަރާތެއް ނެތި އަމިއްލަ ނަފްސު ނުއުފެއްދޭނެކަން، ނުވަތަ ސެލްފް ކްރިއޭޓް ނުވެވޭނެކަން، މީނާގެ ގަމާރު ސިކުނޑިއަށް ނުވިސްނުނީތީއެވެ. އަދި އެވަރުން ނުވެގެން، ފޯނު އުފެއްދި ކުންފުނިން ފޮނުވާފައިވާ މެނުއަލް ބަލައިގެން ހަޤީޤަތަށް ވާސިލްވުމާވެސް ދެކޮޅުހެދީމައެވެ. ކޮމަންސެންސް އޭ މިކިޔާ އެތިވެސް ނެތީތާއެވެ. އެންމެފަހުން، ތިމަންނާ މާސް އަށްގޮސް ރިސާޗް ކޮށްގެން އެފޯނަކީ އެއްވެސް މީހަކު ހަދާފައިވާ އެއްޗެއް ނޫންކަމަށް ސާބިތު ކޮށްދޭނަމޭ ބުންޏެވެ. އަދި ދިރާސާކުރަން އަޅުގަނޑުގެ ފޯނު ގެންދަން ބޭނުން ވާކަމަށްވެސް ބުންޏެވެ. އަޅުގަނޑު އަވަސްއަވަހަށް، ފޯނު ގެންދާށޭ ބުނީމެވެ. އަދި އަޅުގަނޑަށްވެސް ވާނުވާ އަންގާލައްޗޭވެސް ބުނީމެވެ. ހަމަމިހެން ބުނުމާއެކު ފޯނު ހިފައިގެން ދުއްވައި ގަތެވެ. އަދި ބޭރުގައި އޮތް ކުޑަކުޑަ ސްޕޭސް ޝިޕަކަށް އަރައިގެން އުދުއްސާލިއެވެ. މާގިނައިރުތަކެއް ނުވެ ލޮލުކޮޅަށް ނުފެންނަ ހިސާބަށް ގޮސް އޮބާލިއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ޕްލެނެޓް މާސްގެ، ސައިންޓިފިކް ޓެކްނޮލޮޖިކަލް ރިސާޗް އެންޑް އެކަޑެމިކް ސޮސައިޓީ (ސްޓްރެސް) އިން އަޅުގަނޑަށް އީމެއިލް އެއް ފޮނުވާފައި އޮތެވެ. އަޅުގަނޑު އެއީމެއިލް ހުޅުވާލީމެވެ. މާސްގެ ސައިންޓިސްޓުންގެ ޓީމަކުން އަޅުގަނޑުގެ ފޯނާއި ބެހޭގޮތުން ކެނޑިނޭޅި ދިރާސާ ކުރަމުންދާ ކަމަށް އޮތެވެ. މިހާތަނަށް ބެލިބެލުމުން، އެ ފޯނަކީ، އެއްވެސް މީހަކު ހަދާފައިވާ އެއްޗެއް ކަމަށް ސައިންޓިފިކަލީ ސާބިތުވެފައި ނުވާކަމަށްވެސް ލިއެފައި އޮތެވެ. އަދި ކުއަންޓަމް މެކޭނިކްސްއާއި ބިގްބޭންގް ތިއަރީއާއި ނެޗުރަލް ސެލެކްޝަން ގެ ސަބަބުން އޮޓޮމެޓިކުން އެތައް ބިލިއަން އަހަރުތަކަކަށް ފަހު، ފޯނު އުފެދުނީކަމަށް ބުނެ ވަރައް ތަފްސީލުކޮށް އެވާހަކަ ލިއެފައި އޮތެވެ. އަނެއްކާވެސް އަޅުގަނޑުގެ ގާތަށް އައީ ހިންޏެވެ.
ނަމަވެސް ހައިރާނެއް ނުވަމެވެ. ސަބަބަކީ، މިއޮތްބޮޑު ކައުނާއި ކައުނުގައި ވާހައި ތަކެއްޗާއި ދުނިޔެއާއި އިންސާނުންނާއި އިންސާނާގެ ކުޅަދާނަ ބުއްދި އާއި އިރު ހަނދާއި ތަރިތަކަކީ ވެސް، މިފަދައިން ހެއްދެވި ފަރާތެއް ނެތި އަމިއްލަޔަށް އުފެދިފައިވާ ތަކެތި ކަމަށް ޤަބޫލުކުރާ، ބައިކުޅަނދު މަދު އިންސާނުން ތަކެއްވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭތީއެވެ. ދުރު ވިސްނުމާއި ކްރިޓިކަލް ތިންކިންގް އަކީ، މިބައިމީހުންގެ އަރިހުގައި ބަރުދަން ހުންނަ އެއްޗަކަށް ނުވެއެވެ. މިބައިމީހުން ޢަޤީދާ އަކީ، ކޮންމެކަމެއްވެސް ޤަބޫލުކުރުމުގެ ކުރިން، ސައިންޓިފިކް ހެކިތަކެއް ނުވަތަ ކުރިމަތީގައި ފެންނަން ހުންނަ ހެކިތަކެއް ހުންނަން ޖެހޭނެކަމަށެވެ. ވުޖޫދުގައި ފެންނަންހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް، ވިސްނާ ފިކުރުކޮށްގެން ކަމެއް ސާބިތު ކުރުމަކީ މިމީހުންގެ ދީނުގައި މަނާ ކަމެކެވެ. ކަމެއް ސާބިތު ކުރަން ކިތަންމެ ބޮޑު ބުއްދީގެ ހެކިތަކެއް ހުއްޓަސް، ސައިންސް ވެރިންނޭ ކިއާ ބަޔަކު، ހޯދުމެއް ހޯދައިގެން މެނުވީ މިބައި މީހުންނަށް ކަމެއް ޤަބޫލުކުރެވޭ ކަމަކަށް ނުވެއެވެ. އަދި ބައެއްފަހަރު، ސައިންސުގެ މިފަދަ ބައެއް ހޯދުންތައް، ސާބިތު ނުކުރެވި، އުވާލަން ނުވަތަ ބަދަލުކުރަންޖެހޭ އިރުވެސް، ތިމާމެންނަށް މިއޮތް ހުރިހާ ދުވަހު މިހެދުނީ ކޮސް ކަމެއްވެސް މިބައިމީހުންނަށް އެނގޭކަމަކަށް ނުވެއެވެ. ސައިންސުވެރިން ބޭނުންވެއްޖެ ހިނދެއްގައި، މިބައިމީހުން ލައްވާ މޮޔަވެސް ހެއްދިދާނެތާއެވެ.
މިގޮތަށް، ތިމާމެންގެ ވިސްނުމާއި ފިކުރު، ހަމައެކަނި ސައިސްގެ މަދު ހޯދުންތަކެއްގެ މައްޗަށް ހަނިކޮށް، ސައިންޓިފިކް ހެކިތައް އެކަނި ޤަބޫލުކުރާ ބަޔަކަށް އެނގޭނީ މަދު އެއްޗެކެވެ. ވިސްނޭނީވެސް މަދު އެއްޗެކެވެ. ސަބަބަކީ ވުޖޫދުގައިވާ ތަކެތީގެ ތެރެއިން ޕަސެންޓެއްގެ ބައިކުޅަބައިވެސް ސައިންސު ވެރިންނަށް ހޯދިފައި ނުވާތީއެވެ. އޭގެ ބަދަލުގައި، ދުނިޔޭގައިވާ އެއްމެ މޮޅެތި ޑިޒައިންތައް ކަމަށްވާ ޤުދުރަތީ ތަކެއްޗާއި، އިންސާނުން ހަދާފައިވާ ސާމާނުތަކާއި އަޅުވާ ކިޔައި، ވިސްނާ ފިކުރުކޮށް، ނެތް އެއްޗަކުން ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެތި ހެއްދެވި ފަރާތުން ބާވައިލައްވާފައިވާ، އޮޕަރޭޝަންސް މެނުއަލް (ޤުރުއާން) އަށް ބަލައި، ތަފާތު އެކިއެކި ސައިންސުގެ ފޮތްތަކައްވެސް ބަލައި، ހެވާއި ނުބައި ވަކިކުރަން އެނގިއްޖެ މީހަކީ، ޙަޤީޤީ ބުއްދިވެރިއެކެވެ. ޢީލްމާއި ޙިލްމުގެ އަހުލުވެރިއެކެވެ.
ކަންމިހެން ހުރުމާއެކު، ފޯނު ހެދީ ކާކުތޯއާއި ދުނިޔެ ހެއްދެވީ ކާކުތޯ ބެލުމަށްޓަކައި، ދިރާސާތަކެއް ކުރާކަށް ނުޖެހެއެވެ. ފޯނު އެއޮތީ ހަދާފައެވެ. ދުނިޔެ އާއި ދުނިޔޭގައި ވާހައި ތަކެއްޗެއް މިހިރީ ހައްދަވާފައެވެ. މިއަށްވުރެ ވަކިން ބޮޑު ހެއްކެއް އޮންނާހެއްޔެވެ؟ ދެން އޮތީ ތިމާގެ ބުއްދިއާއި އިންޓެލެކްޓުގެ ބޭނުން ކުރުމެވެ. އޭރުން އެފޯނާއި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް އުފެދުނީ އަމިއްލައަށް ނޫންކަމަށާއި، މިތަކެތި އުފެއްދި ކޮންމެވެސް ބާރުވެރި ފަރާތެއް ވާނެކަން ބުއްދި ގޯސްވެފައިވާ މޮޔައަކަށް ނޫނީ ވިސްނޭނެކަން ކަށަވަރެވެ. ޙަޤީޤީ ވިސްނުން ތެރިންނަކީ، ތިމާގެ ލޮލަށް ނުފެންނަ ކަންތައްތައްވެސް، ވިސްނައިގަތުމުގެ ގާބިލުކަން ލިބިފައިވާ މީހުންނެވެ. ދުރު ވިސްނުމަކީ އެއީއެވެ.
އިރުކޮޅަކު ވިސްނަން އިނދެފައި، އަޅުގަނޑު ހިތަށްއެރިއެވެ. އެތިއެސްޓު އަކީ، ޕްލެނެޓް މާސްގައި ހުރި އަޅުގަނޑުގެ ހަމައެކަނި ރަޙުމަތް ތެރިއާއެވެ. އެހެން ވީމާ އޭނާއަށް ރިޕްލައި ކުރަންޖެހޭނެވެ. އެހެން ނޫނަސް، އެފަކީރަށް ރަނގަޅުގޮތް ވިސްނާ ދިނުމަކީވެސް އަޅުގަނޑުގެ ވާޖިބެއްތާއެވެ. އެއަށްފަހު ލިޔަން ފެށީމެވެ...........(ނުނިމޭ)

ކޮމެންޓް (0)
ލޯޑް ކުރަމުން...