ސުވާލު:
މިހާރު މާލޭގައި ސިލްސިލާކޮށް ހިނގަމުންދާ މުޒާހަރާ ތަކުގައި ބައެއް ފަރާތްތަކުން ބައިވެރިވެ، މުޅި ދުވަސް އެއްކޮށް ހުސްކޮށްލާތަން އެބަ ފެނެއެވެ. ނަމަވެސް، މި މީސްމީހުންނަކީ އެބައިމީހުންގެ މުސްކުޅިވެފައިވާ މަންމަ އާއި ބައްޕަ އަށް އަޅާލާނެ ވަގުތެއް ނުދެވޭ މީހުންނެވެ. މައިން ބަފައިން ކަމަކު ބުންޏަސް ދޭ ޖަވާބަކީ "މަށަކަށް ވަގުތެއް ނެތް، މަށަކަށް ތިކަމެއް ނުވާނެ". ވީމާ ސުވާލަކީ ގައުމީ ކަމެއްގެ ގޮތުގައި މުޒާހަރާގައި ބައިވެރިވުންތޯ އިސްކުރަން ޖެހޭނީ ނުވަތަ މައިން ބަފައިންގެ ޙައްގުތައްތޯ އިސްކުރަން ޖެހޭނީ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ﷲ އާއި ރަސޫލާގެ މައްޗަށްވާ ޙައްގު ތަކަށްފަހުގައި އަޅާގެ މައްޗަށް އެންމެ ބޮޑުވެގެންވާ ޙައްގަކީ މައިންބަފައިން ގެ މައްޗަށްވާ ޙައްގުތަކެވެ. އެހެންކަމުން އެދެމީހުންނަށް ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް އިސްލާމްދީން ވަނީ ނުހަނު ބާރު އަޅުއްވާފައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދީނީގޮތުން އަޅުގަޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އެކަން ނުކޮށް ދޫކޮށްލުމަކީ ނުވަތަ އެމީހުންނަށް ހެޔޮކޮށް ނުހިތުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.
މިކަމަށް އިޝާރާތްކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ. (وقضى ربك ألا تعبدوا إلا إياه وبالوالدينإحسانا) މާނައަކީ: "އެކަލާނގެ ރަސްކަންފުޅަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށް، ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ ކަލާނގެ ނިޔާކުރައްވައި އެންގެވިއެވެ. އަދި މައިންބަފައިންނާއިމެދު ހެޔޮކޮށް ކަންތައް ކުރުމަށް ވެސް ނިޔާކުރައްވާ އެންގެވިއެވެ". (ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތް).
އަދިވެސް ވަޙީކުރެއްވިއެވެ. (ووصينا الإنسان بوالديه) މާނައަކީ: "މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އިންސާނުނަށް ވަޞިއްޔަތް ކުރައްވަމެވެ".
މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނުރައްކާތެރިކަމުގެ ވާހަކައިން އުއްމަތަށް ވަނީ އިންޒާރުވެސް ދެއްވާފައެވެ. އަދި އެކަމަކީ ބޮޑެތިފާފަތަކުގެ ތެރޭގައި ހިމެނޭނެ ކަމެއްކަންވެސް ވަނީ އަންގަވާފައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރު ވިދާޅުވިއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އެންމެ ބޮޑެތިފާފަތަކުގެ ތެރޭގައި މައިންބަފަންނަށް ލަޢުނަތްދިނުން ހިމެނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. "މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދެނީ ކިހިނަކުންތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ބައްޕައަށް ހަޑިހުތުރުވާނެ ގޮތަށްވާހަކަދެއްކުމެވެ. އަދި މަންމައަށް ހަޑިހުތުރުވާނެ ގޮތަށް ވާހަކަދެއްކުމެވެ."
މިޙަދީޘްގެ ދޭހައަކީ އެހެންމީހެއްގެ މައިންބަފައިންނަށް ވެސް ބަދުބަސް ނުބުނުމެވެ. އެހެނީ އެގޮތަށް ކަންތައްކޮށްފިނަމަ އޭގެ ބަދަލުގައި އެމީހަކުވެސް ތިމާގެ މައިންބަފައިންނަށް ބަދުބަސް ބުނާނެއެވެ. އެހެންކަމުން މައިންބަފައިންނަށް ބަދުބަސް ރައްދުވާފަދަ އެއްވެސް ކަމެއް ނުކުރުމެވެ.
ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށް އަމުރުކުރެއްވުމަށްފަހުގައި އަންގަވާފައިވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށެވެ. (أن اشكر لي ولوالديك إليّ المصير) މާނައަކީ: "ތިމަން ﷲ ގެ ޙަޟްރަތަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުވެރިވާށެވެ. ހުރިހާ ކަމެއް އެނބުރި ރުޖޫޢަވާހުށީ ތިމަން ﷲ ގެ ހަޟްރަތަށެވެ".
މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސްވިދާޅުވިއެވެ. "މައިންބަފައިންނަށް ޝުކުރުވެރި ނުވެއްޖެ މީހާ މާތްﷲ އަށް ވެސް ޝުކުރުވެރިއެއް ނުވެއެވެ. އެހެނީ މިއާޔަތުގައި މާތްﷲ އަށް ޝުކުރުވެރިވުމަށް އެންގެވުމަށްފަހު އެޔާއި ވިއްދައިގެން އަންގަވާފައިވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށެވެ". އެހެންކަމުން ﷲ ގެ ރުހުން އެދޭކަމަށް ވަނީނަމަ މައިންބަފައިންގެ ރުހުން ހޯދަން ޖެހެއެވެ.
ބާއްޖަވެރިއަކީ މާތް ﷲ އަށް ތަގްވާވެރިވުމަށްފަހުގައި، އެމީހެއްގެ މައިންބަފައިންނާށް ހެޔޮކޮށް ކަންތައް ކުރާމީހާއެވެ. އެމީހުންގެ ދުނިޔޭގެ ޙަޔާތުގައްޔާއި މަރުވުމަށް ފަހުގައިވެސްމެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ހެޔޮކޮށް ނުހިހިތިމީހަކީ އަބާއްޖަވެރިއެއް ކަމާއި މެދުގައި ކުޑަވެސް ޝައްކެއް ނެތެވެ. އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. " ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށްފަހުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ދެދޮރު ހުޅުވިގެންވެއެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ނުހިތައިފިމީހާއަށް ޓަކައި ނަރަކާގައި ދެދޮރު ހުޅުވިގެންވެއެވެ".
ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މައިންބަފައިންނަށް ހެޔޮކޮށް ހިތުންވަނީ ދިމިގެންވާކަމެއްގެ ގޮތުގައި ލައްވާފައެވެ. މާނައަކީ އެމީހުންނަށް ހެޔޮކޮށް ހިތެނީ ހަމައެކަނި ދުނިޔޭގައި އެދެމީހުންތިބި ދުވަސްވަރު އެކަނި ނޫންކަމެވެ. އެދެމީހުންކުރެމީހަކު، ނުވަތަ އެދެމީހުން ދުނިޔެ ދޫކުރުމަށްފަހުގައިވެސް ހެޔޮކޮށް ހިތޭނެމަގު މާތް ﷲ ވަނީ ފަހި ކޮށްދެއްވާފައެވެ. އެއީ، އެމީހުންނަށްޓަކައި ހެޔޮ ދުޢާކޮށްދީ، އެދެމީހުންގެ މަތިން ޞަދަގާތްކޮށް، އެމީހުންގެ ގާތްތިމާގެ މީހުންނާއި ގުޅުންބަދަހިކޮށް، ރަޙިމްގެ ގުޅުންދަމަހައްޓާ، އެމީހުންގެ ގާތް ރަޙްމަތްތެރިންނާއި މެދުގައި ހެޔޮކޮށް ހިތުންހިމެނެއެވެ. އެމީހުން ދުނިޔޭގައި ތިބިއިރު ހެޔޮކޮށް ކަންތައްކޮށްދެވިފައިނުވާނަމަ މަރުވުމަށް ފަހުގައި އެބައި އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
މައިންބަފައިންގެ ޚިދުމަތުގައި ފަހަތަށް ޖެހިނުލައްވާށެވެ. ތިޔައީ ވަރަށް ބޮޑު ގޯހެކެވެ. ތައުބާވުމަށް އަވަސްވެގަންނަވާށެވެ. މައިންބަފައިން ދުނިޔޭގައި ތިބި ދުވަހު އެމީހުންނަށް ޓަކައި ތިމާގެ ފުރާނަވެސް ގުރްބާންކޮށްލަން ތައްޔާރަށް ތިއްބަވާށެވެ.
އެއްދުވަހަކު މީހަކު އައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވިއެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮކޮށް ހިތުން ބޮޑީ ކާކުތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. ކަލޭގެ ބައްޕައެވެ.
އަދިވެސް ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެކަކު މުސްކުޅިވެފައި ހުއްޓާ ބައްދަލުވެ، އެމީހުންނާއި މެދު ހެޔޮކޮށް ނުހިތުމުގެ ސަބަބަން ސުވަރުގެއަށް ނުވަދެވުނު މީހާއަށް ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ." މިފަދައިން ތިންފަހަރަށް ޙަދީޘް ކުރެއްވިއެވެ.
އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައަށް ދެންނެވީމެވެ. "މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ތިމަންކަލޭގެފާނު ދެންނެވީމެވެ. "ދެން ކޮން ކަމެއްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.". ތިމަންކަލޭގެފާނު ދެންނެވީމެވެ. "ދެންކޮންކަމެއްތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމެވެ".
ވީމާ، ދަންނަވަމެވެ. މައިންބަފައިންގެ ޚިދުމަތުގައި ފަހަތަށް ޖެހިނުލައްވާށެވެ. ތިޔައީ ވަރަށް ބޮޑު ގޯހެކެވެ. ތައުބާވުމަށް އަވަސްވެގަންނަވާށެވެ. މައިންބަފައިން ދުނިޔޭގައި ތިބި ދުވަހު އެމީހުންނަށް ޓަކައި ތިމާގެ ފުރާނަވެސް ގުރްބާންކޮށްލަން ތައްޔާރަށް ތިއްބަވާށެވެ.
މިހިނގާ ފިތުނަވެރި ކަންތައްތަކުން ދުރުހެލިވެ ރައްކާތެރި ވެލައްވާށެވެ. ހެޔޮވިސްނޭ ބައެއް ކަމުގައި ވެލައްވާށެވެ. ﷲ ދެއްވި ބުއްދި ވިސްނާ ފިކުރު ކުރައްވަ ބައްލަވާށެވެ. ތިމާ ބަލި އެނދުގައި އޮއްވާ ތިމާގެ ދަރިޔަކު ތިމާ ދޫކޮށްލާފައި ގޮސްފިނަމަ އަމިއްލަ ނަފްސަށް ކުރާނެ ހިތާމަ ވިސްނަވާށެވެ. ހަމަ އެހިތާމަ މިއަދު ތިބާގެ މައިންބަފައިން އެދަނީ އުފުލަމުންނެވެ. މައިންބަފައިންގެ ބަދު ދުޢާ އިން ސަލާމަތްވެ ވަޑައިގަންނަވާށެވެ. މައިންބަފައިން ދަރިންގެ މައްޗަށް ބަދު ދުޢާ ކޮށްފިނަމަ އެދުޢާ ﷲ އިޖާބަ ކުރައްވާނެކަން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާން އެބައޮތެވެ. والله أعلم
ކޮމެންޓް (0)
ލޯޑް ކުރަމުން...