ރާއްޖޭގެ ޚަބަރު ވެރިކަން ބަދަލުވި ބަޣާވަތަކުންކަމަށް ބުނާތީ އާއި ސަލާމަތީ ބާރުތަކަށް އަމާޒުކުރާ ފައިސާގެ ތުހުމަތުތަކުގެ ހެކި ދެއްކުމަށް ސަލަފުން އެމްޑީޕީއަށް ގޮވާލައިފި

ވެރިކަން ބަދަލުވި ބަޣާވަތަކުންކަމަށް ބުނާތީ އާއި ސަލާމަތީ ބާރުތަކަށް އަމާޒުކުރާ ފައިސާގެ ތުހުމަތުތަކުގެ ހެކި ދެއްކުމަށް ސަލަފުން އެމްޑީޕީއަށް ގޮވާލައިފި

ވެރިކަން ބަދަލުވި ބަޣާވަތަކުންކަމަށް ބުނާތީ އާއި ސަލާމަތީ ބާރުތަކަށް އަމާޒުކުރާ ފައިސާގެ ތުހުމަތުތަކުގެ ހެކި ދެއްކުމަށް ސަލަފުން އެމްޑީޕީއަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވެރިކަން ބަދަލުވީ ބަޣާވަތަކުން ކަމަށް ބުނާތީއާއި ދިވެހިން ފުލުހުންނާއި ސިފައިންނާއި މެދު ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ މެންބަރުން ކުރަމުންދާ ފައިސާގެ ތުހުމަތުތަކުގެ ހެކި ދެއްކުމަށް ޖަމްޢިއްޔަތުއްސަލަފުން އެމްޑީޕީއަށް ގޮވާލައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން އެމްޑީޕީއަށް މިގޮތަށްގޮވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ ރައީސް ޑރ. ޢިބްރާހިމް ދީދީއަށް ފޮނުވި ސިޓީއެއްގައެވެ.

އެސިޓީގައި ޖަމްޢިއްޔަތުއްސަލަފުން ބުނެފައިވަނީ "މުޙައްމަދު ނަޝީދުގެ އަތްޕުޅުގައިވާ އެންމެހައި ހެއްކާއި، ރާއްޖޭގެ ކަރާމާތްތެރި ދެމުއައްސަސާއާމެދު އެމްޑީޕީގެ މެމްބަރުން ކުރައްވާ އެންމެހާ ތުހުމަތުތަކުގެ ބަޔާންތަކާއި، މިމައްސަލައިގެ ޙަޤީޤަތް ދިވެހި ގައުމުގެ ތާރީޚާއި ރައްޔިތުންގެ ޙައްޤަށްޓަކައި ބޭނުންވާނޭ އެންމެހާ ހެކި އަމާނާތްތެރިކަމާއެކު ހޯއްދަވައިދެއްވައި، ލިޔެކިއުންތަކާއެކު ޖައްޢިއްޔަތުއްސަލަފާއި ޙިއްޞާކޮށްދެއްވުމަށް އެދޭ" ކަމަށެވެ. އަދި "ވެރިކަން ބަދަލުވިގޮތާއި މެދު ކުރެވެމުންދާ ތުހުމަތުތަކުގައި ގިނަ ބަޔަކު ޖަމްޢިއްޔަތުއްސަލަފްގެ ރައުޔަކަށް އެދެމުންދާތީ ހުރިހާ ފަރާތްތަކެއްގެ ވާހަކަ ދިރާސާކުރުމަށްފަހުގައި މެނުވީ ކަމުގެ ޙަޤީޤަތް ރަނގަޅަށް ހާމަވެގެން ނުދާނޭކަމުގައި ޖަމްޢިއްޔާއިން ދެކޭތީ މައްސަލައިގައި ފުންކޮށް ވިސްނައި ދިރާސާކުރުން އެއީ ގައުމީ ޒިންމާއެއް ކަމުގައި ޖަމްޢިއްޔާއިން ދެކޭ"ކަމަށް ޖަމްޢިއްޔަތުއް ސަލަފުގެ ސިޓީގައި ބުނެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސިޓީގައި އަދި ބުނެފައިވަނީ "ކަމެއް ވެގެންދިޔަ ގޮތާއި އެގޮތް ދިމާވުމުން ދެން ކަންކުރަންވީގޮތް އިސްލާމީ ޝަރީޢަތުން ހޯދައި ބެލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށާއި، ޑރ. ޢިބްރާހިމް ދީދީ އެމްޑީޕީގެ އެންމެ އިސްފަރާތް ކަމުގައި ހުންނަވަމުން ރައްޔިތުންނާ ހަމައަށް ތެދާއި އަމާނާތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހްމާލުވެއްޖެނަމަ ފަހުން އެކަން އިޢާދަ ނުކުރެއްވޭނެކަމާއި، އެކަމާ ހިތާމަކުރައްވަން ޖެހިވަޑައިގަންނަވާނެކަންވެސް ހަނދުމަކޮށްއަރުވާ" ކަމަށެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން އިސްލާމީ ޝަރީއަތުގައި އިޢްތިމާދު ބިނާވެގެންދަނީ މީހެއްގެ އަމިއްލަ އިޢުތިރާފާއި، ފާޅުވެގެންވާ ޢަދުލުވެރި ހެކީގެ މައްޗަށް ކަމުން މައްސަލައެއްގައި އެފަދަ ހެއްކެއް ޘާބިތުވާންނެތްނަމަ، ދެން ޖެހޭނީ އެކަމެއް މާތް ﷲ އާ ހަވާލުކޮށް، ކެތްތެރިކަމާއެކު އެކަލާނގެ ކުރައްވާނެ ޙުކުމަކަށް ދޫކޮށްލައިގެން ތިބޭށެވެ. އަދި ތިމާމެންނަށް ﷲ އަންގަވާފައިވާ މަގުން ހިނގުމެވެ. އަދި އެފަދަ ޙާލަތެއްގައި މީސްތަކުންގެ އަބުރާއި ޢިއްޒަތުގެ ޙުރުމަތްތެރިކަން ކެނޑޭފަދަ ޢަމަލެއް މުސްލިމަކު ކުރުމަކީ ޖާއިޒްކަމެއް ނޫންކަންވެސް އަޅުގަނޑުމެން ދަންނަން ޖެހެއެވެ. ހަމަ ޔަޤީނުންވެސް ޤިޔާމަތް ދުވަހު ޙައްޤާއި ބާޠިލް ވަކިވެ، އެންމެހާ މަޚްލޫޤުންނަށް އެއެއްޗެއްގެ ޙައްޤު ފުރިހަމަޔަށް އެކަލާނގެ ދެއްވާނެކަން ކަށަވަރެވެ. އެކަލާނގެއަށްވުރެ ވަކީން އޯގާތެރި އަދި ޢަދުލުވެރި ފަރާތެއް ނުމެ ހުންނާނެމެއެވެ." ޖަމްޢިއްޔަތުއްސލަފްގެ ސިޓީގައި ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.