މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ދަރުސް އެއް ބާއްވައިފިއެވެ.
މިދަރުސް ބޭއްވިފައިވަނީ އިސްކަންދަރު ބިލްޑިންގައި ފުލުހުންގެ މުއައްޞަސާގެ މުވައްޒަފުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމްކޮށްފައިވާ " މަސްޖިދުލް ޢަދުލް " ގައި 2010 އޯގަސްޓް 17 ވަނަ ދުވަހުގެ ޢަސްރު ނަމާދަށްފަހުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން, ފުލުހުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިރަމަޟާން މަހު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ބޭއްވި މިދަރުސް ދެއްވީ އައްޝައިޚްް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. އެމިސްކިތުގައި އަސްރު ނަމާދު އިމާމުވެ ކުރެއްވުމަށްފަހު ޝައިޚް ޢަލީ ޒާހިރު ދެއްވި ދަރުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ ރޯދަމަހުގެ މާތްކަން ހެޔޮގޮތުގައި ބޭނުން ހިފުމުގެ މައްޗަށެވެ. މިގޮތުން ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރުކަމަށާއި ވީހާވެސް ގިނަވަގުތު އަޅުކަމުގައި މަޝައޫލުވެ އުޅުމަށް އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ މައްސަރެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިއްޖެ މީހަކީ ދެދުނިޔޭގެ ބާއްޖަވެރިއެއްކަމަށް ވިދާޅުވެ މިކަމާއި ގުޅުންހުރި ބައެއް މިސާލުތަކަށް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މިހާރުވެސް ޢަމަލު ކުރަމުންދާ އުޞޫލުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށާއި ޢާންމު ރައްޔިތުންނާއި މުޢާމަލާތްކުރާއިރު މަޑުމައިތިރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރަސޫލު ޒަމާނުގައި ހިނގާފައިވާ ބައެއް ހަނގުރާމަތަކާއި ބައެއް ޙާދިޘާތަކުން މިސާލު ދެއްކެވިއެވެ. ހަމައެހެންމެ ފުލުހުންގެ މުއައްސަސާއިން ފުލުހުން ކުރަމުންދާ މަސައްކަތަކީ މުޅިޤައުމުވެސް އެކަމަށް ފަޚުރުވެރިވާ މަސައްކަތެއްކަމަށާއި އެކަމަށްޓަކައި ފުލުހުންގެ އިސްވެރިންނަށާއި އެންމެހާ ފުލުހުންނަށް ޝުކުރުއަދާކުރެއްވިއެވެ.
އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގެ ދަށުން މިރަމަޟާން މަހުގެ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ދީނީ ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުންނާއި ފުލުހުންގެ މުޢައްސަސާގައި މަސައްކަތްކުރާ ޢާއްމު މުވައްޒަފުންނަށް އަމާޒްކޮށްގެން އިސްކަންދަރު ބިލްޑިންގ ގެ ތިއޭޓަރ ހޯލުގައި 2010 އޯގަސްޓް 09 ވަނަ ދުވަހުގެ ރޭ އައްޝައިހް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ވަރަށް ކާމިޔާބު ދަރުސް އެއްވެސް ސުވާލާއި ޖަވާބުގެ ސެޝަނަކާއެކު ބާއްވާފައިވެއެވެ. ފަހަކަށް އައިސް ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ މުއައްޞަސާގެ ފަރާތުން އިސްލާމް ދީނަށް ނަޞްރުދިނުމަށް އެކި ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން އެމް.އެން.ޑީއެ.ފް އިން އިންތިޒާމްކޮށްގެން ދާދިފަހުން އައްޝައިޚު އިލްޔާސް ޙުސައިން ދިވެހި ސިފައިންނަށް ވަރަށް ފުރިހަމަ ދީނީ ދަރުސްއެއް ދެއްވާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...