ރާއްޖޭގެ ޚަބަރު ޤައުމީޔުނިވަރސިޓީ އިން ދެވަނަ ދަރިވަރަކު މާސްޓާރސް ޑިގްރީ ޙާޞިލްކޮށްފި!

ޤައުމީޔުނިވަރސިޓީ އިން ދެވަނަ ދަރިވަރަކު މާސްޓާރސް ޑިގްރީ ޙާޞިލްކޮށްފި!

ޤައުމީޔުނިވަރސިޓީ އިން ދެވަނަ ދަރިވަރަކު މާސްޓާރސް ޑިގްރީ ޙާޞިލްކޮށްފި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޤައުމީޔުނިވަރސިޓީ އިން ދެވަނަ ދަރިވަރަކު މާސްޓާރސް ޑިގްރީ ޙާޞިލްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤަޥުމީ ޔުނިވަރސިޓީ އިން ޝަރީޢާ އިން މާސްޓަރ ޑިގްރީ ގެ ދަރިވަރެއްގެ މުނާޤަޝާ މިއަދު ޔުނިވަރސިޓީގެ މައި މަރުކަޒުގައި ހުންނަ ހޯލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 1:45 އިންފެށިގެން ދެގަޑިއެއްހާ އިރަށް ދެމިގެންދިޔަ މި މުނާޤަޝާގައި، ދެ މުނާޤިޝުން (އިމްތިޙާނު ކުރައްވާ ދެ ފަނޑިޔާރުން)ނާއި ދަރިވަރުގެ މުޝްރިފް (ތީސިސް ގެ ސްޕަވައިޒަރ) އާއި ތިންބޭފުޅުންގެ މަޝްޥަރާއަށްފަހު ނަތީޖާވެސް ވަނީ އެ މަޖްލީހުގައި އިޢުލާން ކުރައްވާފައެވެ. ދަރިވަރަކީ އައްޝައިޚް ޢަބްދުﷲ ޖަމީލްއެވެ. މިއީ މި ޔުނިވަރސިޓީ އިން މާސްޓަރސް ޑިގްރީ ނެންގެވި ދެވަނަ ދަރިވަރެވެ. އިސްލާމީ ޝަރީޢާ ގެ ދާއިރާއިން ލިޔުއްވާފައިވާ ބަޙުޘް (ތީސިސް) ގެ މަޥުޟޫޢަކީ "މައްސަލައެއްގައި ޤާޟީއަށް އަމިއްލައަށް އެނގި، ފެނިފައިވާ ވުމުގެ މައްޗަށް ބިނާކޮށް މައްސަލައިގާ ނިޔާކުރެވިދާނެ ހެއްޔެވެ؟"

އިމްތިޙާނު ކުރެއްވި ދެ މުނާޤިޝުންނަކީ ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި އައްޝައިޚް ފައްޔާޟް ޢަލީ އެވެ. ދަރިވަރުގެ މުޝްރިފަކީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ.

މި ޖަލްސާ އަޑުއެއްސެވުމަށް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުސްޠަފާ ލުޠްފީ އާއި ޔުނިވަރ ސިޓީގެ ވައިސް ޗާންސެލާރ ޑރ.ޙަސަން ޙަމީދުވެސް ވަޑައިގެންނެވިއެވެ.

މުނާޤަޝާ ނިންމެވުމާއެކު ކުޑަހިނދުކޮޅަކު މަޝްޥަރާކުރެއްވުމަށްފަހު ދެވަނަ ދަރަޖައިގާ ދަރިވަރުގެ ފާސްވުން އިޢުލާން ކުރެއްވީ ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ.

 ދުނިޔޭގެ އެހެން ޤަޥުމުތަކުގެ ޔުނިވަރސިޓީ އަކު މިހާތަނަށް އަދި ޢަމަލުކުރައްވާފައި ނުވާ އުޞްލޫބެއްވެސް މިފަހަރުގެ މި މުނާޤަޝާ ގައި ފެނިގެންގޮސްފައިވާތީ އަޑުއެހުންތެރިންގެ ތެރެއިން ބައެއްބޭފުޅުން އެކަމަށް އިޢުތިރާޟް ކުރެއްވުމަށް ފުރުޞަތަކަށް އެދި؛ ފުރުޞަތު ލިބިފައިނުވާކަންވެސް ދިއިސްލާމްގެ މުރާސިލަށް ފާހަގަކުރެވިފައި ވެއެވެ. އެކަމަކީ މިފަދަ މުނާޤަޝާތަކުގައި ދަރިވަރާ ސުވާލުކޮށް ، ނަޤުދު ކޮށް، އިޢުތިރާޟްތަށް ކުރުމަށް އުޞޫލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ދެ މުނާޤިޝުން ފިޔަވައި އެހެން ފަރާތަކަށް ދަރިވަރުގެ ބަޙުޘަށް އިޢުތިރާޟްކޮށް، ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައި ނޯވެއެވެ. ނަމަވެސް މިފަހަރު ފެނިގެން ދިޔައީ އަޑު އައްސަވަން ތިއްބެވި ޙާޟިރީންގެ ތެރެއިން ޔުނިވަރސިޓީގެ ޗާންސްލަރ އާއި ރެކްޓަރ ވެސް ވަނީ ސުވާލުތަށް ކުރައްވާ ބައެއް ނުޤުތާތައް ފާހަގަ ކުރައްވާފައެވެ. މިފަދައިން ދަރިވަރާ ސުވާލުކޮށް، ނަޤްދު ހުށައަޅުއްވާފައިވަނީ ޔުނިވަރސިޓީގެ ޗާންސަލަރ އާއި ރެކްޓަރ ކަމުގައި ވުމުން ދަރިވަރުގެ ނަތީޖާ ކަނޑައެޅުއްވުމުގައި އިމްތިޙާން ކުރައްވަން ތިއްބެވި ދެ މުނާޤިޝުންނަށް ކޮންމެސްވަރެއްގެ ނުތަނަވަސްކަމެއްގެ އަޘަރު ފޯރުމަކީ އެކަށީގެންވާކަމެއްކަމުގައި ބައެއް ޖާލިސުން ފާހަގަކުރައްވާފައި ވެއެވެ. ހަމައެއާއެކު މިއީ ބަޙުޘްއާއި ރިސާލާ ގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދަރިވަރުގެ ހުނަރާއި،ޤާބިލްކަން ޔުނިވަރސިޓީ ލެވަލްގައި އިތުރު ވެގެން ދިއުމަށް ބާރު އަޅާނޭ ކަމަކަށް ވެދާނެތީ އެހެން ޔުނިވަރސިޓީތަކުގައިވެސް މި އައު އުސްލޫބު ތަޢާރަފް ކުރައްވައި ތަޖްރިބާ ކުރެއްވުމީވެސް ޔުނިވަރސިޓީ ސިސްޓަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމުގައި ބެލުމަށް ޖާގަ ނެތްކަމެކޭ ނުދެންނެވޭނެއެވެ.

 ކޮންމެއަކަސް ރާއްޖެއިން ބޭރަށް ނުގޮސް އަމިއްލަ ޥަޠަނުންވެސް ގިނަ ދާއިރާ ތަކަކުން މިހާރު މިވަނީ މަތީ ތަޢުލީމު ކިޔެވޭނެ މަގު ރާއްޖޭގައި ފަހިވެފައެވެ. ދަރިވަރުންނާއި ބެލެނިވެރީންވެސް މިކަމަށް ވިސްނާލުން މުހިއްމެވެ. ހަމައެއާއެކު އުފާކުރަން ޖެހޭކަމަކީ ފުރަތަމަ ފަހަރަށް މާސްޓަރސް ޑިގްރީ ވެސް، އަދި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ކޯސްވެސް މުޅިރާއްޖޭގެ ތަޢުލީމީ ތާރީޚުގައި އުފެދި ފެށިފައިވަނީ ރާއްޖޭގެ ޤަޥުމީ ޔުނިވަރސިޓީގެ ތެރެއިން އިސްލާމީ ޝަރީޢާ ގެ ދާއިރާއިން ކަމުގައި ވުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.