ދިވެހިރާއްޖޭގައި ޣައިރުދީން ފަތުރާ މީހުންގެ މަޢުލޫމާތު ހޯދުމަށް ޖަމްޢިއްޔަތުއްސަލަފުން މޯލްޑިވްސް ޕޮލިހަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު ހޯދެއްވުމަށް މިއަދު ސިޓީއެއް ފޮނުއްވައިފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ސިޓީގައި ޢައިރު ދީންތައް ފެތުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހުންނަށް 'ވާނުވާ' ނޭނގޭ މައްސަލައާއި އެމައްސަލަތައް ނުބެލޭ ވާހަކައިގެ އިތުރުން ޑީޕޯޓް ކުރާ މީހުން ފަހުން މާލެތެރޭން ފެންނަ މައްސަލަވަނީ ފާހަގަކޮށްފައެވެ. އަދި އަމްނު އަމާންކަމަށް ބުރޫ އަރުވަމުންދާކަން ސާބިތުވާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުއަޅާތަން ނުފެންނަކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ޣައިރު ޤާނޫނީ ކަންކަން ހިންގާ މީހުންގެ މަޢްލޫމާތާއި ފޮޓޯ މީޑިޔާގެ ޒަރީޢާއިން ދިވެހިރައްޔިތުންނަށް ހާމަކޮށްދީ ހޭލުންތެރި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ޖަމްޢިއްޔަތުއްސަލަފުން ދެކޭކަމަށް މޯލްޑިވްސް ޕޮލިސްއަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.
ދިސްލާމް ކޮޕީއެއް ލިބިފައިވާ އެސިޓީގައިވަނީ "ދިވެހިރާއްޖޭގައި ޣައިރުދީން ފަތުރަންމަސައްކަތް ކޮށްފައިވާ ބައެއް މައްސަލަތަކުގެ މަޢްލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް ލާފައިވާ ސިޓީއަކަށް ޖަވާބު ނުލިބި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާތީ އެސިޓީގެ ޖަވާބު ހޯދުމަށް އެދޭ" ކަމަށެވެ. އަދި " އިސްލާމްދީނާއި ދިވެހިރާއްޖޭގެ އަމްނު އަމާންކަމަށް ބުރޫ އަރުވަމުންދާކަން ސާބިތުވާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުއަޅާތަން ނުފެންނައިރު އަނެއްކޮޅުން އިސްލާމްދީން ޙިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ދިވެހިދަރިންނާއި މުއައްސަސާތަކަށް ތަފާތު އުނދަގޫތަކާއި ދަތިތަށް ކުރިމަތިކޮށް އަޑިއަޑިން އެފަދަ މީހުންނަށް ގެއްލުން ދިނުމުގެ މަސައްކަތް " ބަޔަކު" ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގެމުންދާ" ކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ސިޓީގައި އެޖަމިއްޔާގެ ވިސްނުންވަނީ ޕޮލިހުންނަށްހިއްސާކޮށްފައެވެ. ސިޓީގައިވަނީ "ޣައިރު ޤާނޫނީ ކަންކަން ހިންގާ މީހުންގެ މަޢްލޫމާތާއި ފޮޓޯ މީޑިޔާގެ ޒަރީޢާއިން ދިވެހިރައްޔިތުންނަށް ހާމަކޮށްދީ ހޭލުންތެރި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މިޖަމިއްޔާއިން ދެކެމެވެ." މިފަދައިންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި ޢައިރު ދީންތައް ފެތުރުމަށް އުޅޭމީހުން ދަނީ ގިނަވަމުންނެވެ. ގިނަ ފަހަރު މިފަދަ މީހުންއަދަބެއް ނުދީ ފޮނުވާލައެވެ. އެހެނަސް މާގިނަ ދުވަހެއް ނުވެ އެމީހުން ރާއްޖެ އެތެރެވެގެން އުޅޭކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ. ޖަމްޢިއްޔަތުއްސަލަފުން މިފަދަ މުހިންމު މައްސަލައަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ކަމާއިބެހޭފަރާތްތަކަށް މިފަދަ ތުހުމަތުތަކަށް އެދެވޭ ޖަވާބެއް ނުދެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...