ދިވެހި ރާއްޖޭގައި އެކްސްޓްރީމިސްޓަކު ހުރިކަން ފާހަގަ ކުރެވިފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
" “އިސްލާމިކް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަނީ މީހުންނާއެކު މަޝްވަރާކުރުމަށް އޯގާތެރިކަމާއެކު މުއާމަލާތުކޮށް ވިސްނައި ދިނުމަށް. އެގޮތަށް މަސައްކަތް ކުރީމާ ހަރުކަށި އުޞޫލުތައް ގެންގުޅޭ މީހުން މިހާރު ވަރަށް މަދުވެއްޖެކަން ފާހަގަކުރެވޭ. އެއްވެސް އެކްސްޓްރީމިސްޓަކު ހުރިކަން ފާހަގައެއްވެސް ނުކުރެވޭ" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުންވެސް އިސްލާމިކް މިނިސްޓްރީ އުފެދި، ފާއިތުވީ 3 އަހަރު ދުވަހުގެތެރޭގައި އެފަދަ މައްސަލައެއް އަދި ޝަކުވާއެއް ވެސް އެމިނިސްޓްރީއަށް ހުށަހެޅިފައި ނެތްކަމަށާއި އަދި އެކްސްޓްރީމިޒަމް ނުވަތަ ހައްދުފަހަނަޅައި ދިއުމާއި ދީނީ ކަންކަމުގައި ހަރުކަށި އުޞޫލުތައް ގެންގުޅުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.
ހަރުކަށި އުޞޫލުތައް ގެންގުޅުން ކަމަށްމި ބެލެވެނީ ދީނީ ކަންކަމުގައި އެމީހަކު ޤަބޫލުކުރާ ގޮތް ނޫން އެހެން ގޮތެއް ޤަބޫލު ނުކުރުން ކަމަށާއި އަދި އެފަދަ މަދު ބަޔަކު އަޅުގަނޑުމެންގެ ތެރޭގައިވެސް އުޅޭކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ގައުމީ ޕާޓީގެ ވަފުދުން ބޭރުގެ މިޝަންތަކާއެކު ބޭއްވި ބައްދަލުވުންތަކުން އެނގިފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި މިސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަކީ "ދީނީ ހަރުކަށި ބައެއް" ގެ ގޮތުގައި ފްރޭމް ކުރުމަށް މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށް ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ.
ދިވެހި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައިފައިވާ މީހުން އުޅޭކަމަށް ބޭރުގެ މީޑިއާ ތަކުގައި މިސަރުކާރުން ވާހަކަ ދައްކާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...