"الوحي الأخير" ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ހިންގާ ކީރިތި ޤުރްއާނުގެ އެކިއެކި ފަންނުތަކާއި ގުޅޭގޮތުން މަޢުލޫމާތުދޭ ކީރިތި ޤުރްއާން ވޯކް ޝޮޕުގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު މިރޭ 10:30 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހަފްތާ ބަންދަށް ހާއްސަކޮށްގެން ބާއްވާ މި ވޯކް ޝޮޕުގައި ކީރިތި ޤުރްއާނުގެ ތަޢާރަފަކާއި، ވަޙީގެ މާނައާއި، ޤުރްއާން ލިޔެ ރައްކާތެރިކުރެވުނު ގޮތާއި، ކީރީތި ޤުރްއާނާމެދު އުފެދިފައިވާ ޝުބުހަތަކުގެ އިތުރުން އަޢޫޛު ބިސްމިޔާއި ފާތިހާ ސޫރަތުގެ ތަފްސީރުފަތަ ބައިތައްވެސް މިވޯކްޝޮގުގައި ކިޔަވައިދިނުމަށް ހަމޖެހިފައިވާކަމަށް ސަލަފުން ހާމަކުރައްވައެވެ.
މި ވޯކް ޝޮޕުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމާއި، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އައްޝައިޚް ޢަބްދު ﷲ މުޙައްމަދު އާއި އައްޝައިޚް ޢަޡުމަތު ޖަމީލު އާއި އައްޝައިޚް ޙަސަން މޫސާ ފިކުރީއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް ސަލަފްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. ފޯމް ހުށަހަޅަން ޖެހެނީ ސަލަފްގެ އޮފީސް، މ. މަޑުލު (ނަސީމީ ހިނގުން) އަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީއަކީ 250 ރުފިޔާ އެވެ.
މި ވޯކްޝޮޕް ފުރިހަމަކުރާ ބައިވެރިންނަށް ވޯކްޝޮޕް ފުރިހަމަކުރިކަމުގެ ހަނދާނީ ލިޔުމެއް ދެވޭނެ ކަމަށް ސަލަފުން ބުނެއެވެ. އަދި ވޯކްޝޮޕާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ނަންބަރު 7411078 ފޯނާއި ގުޅުއްވުމަށް އެ ޖަމްޢިއްޔާ އިން އެދެއެވެ.
ސަލަފުން ދަނީ އާއްމުންނަށް އަމާޒުކޮށްގެން އެކި އެކި ވޯކް ޝޮޕްތައް ބާއްވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...